އީރާން އެއްބަސްވުން ގަބޫލުކުރުން ނޫން ގޮތެއް ނަތަންޔާހޫއަކަށް ނެތް: ޓްރަމްޕް
އީރާނާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ވޮޝިންގްޓަނުން ނިންމާ ކޮންމެ ނިންމުމެއް ގަބޫލުކުރުން ނޫން އިތުރު ގޮތެއް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރުދީފިއެވެ.
ޓްރަމްޕް ބުނި ގޮތުގައި މެދުއިރުމަތީގެ އަސްކަރީ ކަންކަމުގައި ގޮތް ނިންމާނީ އޭނާއެވެ. އަދި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށްވެސް ޓްރަމްޕް ވަނީ ނަތަންޔާހޫއަށް އަންގާފައެވެ.
މިދިޔަ ހަފުތާގައި އީރާނުން އިސްރާއީލަށް ދިން ބެލިސްޓިކް މިސައިލް ހަމަލާތަކާ ގުޅިގެންވެސް، އެމެރިކާއިން އީރާނާއެކު ކުރިއަށްގެންދާ މަޝްވަރާތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ޓްރަމްޕް ބުންޏެވެ. ފައިނޭންޝަލް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، އީރާނުގެ ހަމަލާތަކުގެ ސަބަބުން އެއްބަސްވުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި، ކަންކަމުގައި ގޮތް ނިންމާނީ އަމިއްލައަށް ކަމަށެވެ.
Ads by BMLއެމެރިކާގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި، ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ފޯނުން ގުޅައި، އީރާނަށް ރައްދު ހަމަލާ ނުދިނުމަށާއި މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް އަމުރުކޮށްފައެވެ. މި މަޝްވަރާތަކުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އިސްކޮށް ހަރަކާތްތެރިވަމުންދާއިރު، އީރާނާއެކު ރަނގަޅު އެއްބަސްވުމަކަށް ދިއުމާ ދާދި ގާތްވެފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރެއެވެ.
ނަމަވެސް، މި އެއްބަސްވުން ކާމިޔާބު ނުވެއްޖެ ނަމަ، އީރާނަށް އަސްކަރީ ގޮތުން އަރައިގަތުމަށް ނުވަތަ އެގައުމާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓަން ޖެހިދާނެ ކަމަށްވެސް ޓްރަމްޕް ވަނީ ބުނެފައެވެ.
މީގެ އިތުރުން، މިދިޔަ ހަފުތާގައި ކުރި ފޯން ކޯލެއްގައި، ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ހަޑިހުތުރުބަހުން އެއްޗެހި ކިޔައި، އޭނާގެ ސަބަބުން މުޅި ދުނިޔެ އިސްރާއީލްދެކެ ފޫހިވަމުންދާ ކަމަށް ބުނެފައެވެ.
Ads by MACL
