ޗާގޯސްގެ ރަށްތައް ސީދާ މޮރިޝަސް އަތުން ގަންނަން ޓްރަމްޕް ސަރުކާރުން ރާވަނީ
އެމެރިކާގެ ވިސްނުމަކީ ޗާގޯސްގެ ރަށްތައް މޮރިޝަސް އަތުން ސީދާ ގަނެ، އެ ތަނުގެ ފުރިހަމަ ކޮންޓްރޯލް ހޯދުން ކަމަށް އިނގިރޭސިވިލާތުގެ "ދަ ޓެލެގްރާފް" ނޫހުން ހާމަކޮށްފިއެވެ.
ވައިޓް ހައުސްގެ އިސް އޮފިޝަލުންނާ ހަވާލާދީ ނޫހުގައި ބުނެފައިވަނީ، އިނގިރޭސިންނާ ވަކިން މޮރިޝަސްއާ ސީދާ ވާހަކަދައްކައިގެން މި މުއާމަލާތް ކުރިއަށް ގެންދިއުމުގެ ހާއްސަ ޕްރޮޕޯސަލެއް އެމެރިކާ ސަރުކާރުން މިހާރު އެކުލަވައިލާފައިވާ ކަމަށެވެ.
މި ހުށަހެޅުން ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް މެދުވެރިކޮށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަމާލުކަމަށް މިހާރު ވަނީ ގެނެސްފައެވެ. އެމެރިކާގެ މި ފިޔަވަޅުގެ ސަބަބުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ގެންގުޅުއްވާ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ. އިންޑިއާ ކަނޑުގެ ސްޓްރެޓީޖިކް ގޮތުން މުހިއްމު ސަރަހައްދެއްގެ ކޮންޓްރޯލް ހޯދުމަކީ އެމެރިކާގެ ގައުމީ ސަލާމަތާ ސީދާ ގުޅުންހުރި ކަމެއްގެ ގޮތުގައި އެގައުމުން ދެކެއެވެ.
އެމެރިކާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބިއްޖެ ނަމަ، އެގައުމާ ގާތްގުޅުމެއް ބާއްވާ ޗައިނާ އާއި އީރާނުން އެ ސަރަހައްދުގެ ބޭނުން ހިފައި، ކަނޑުމަގުން ޖާސޫސްކުރުމުގެ ފުރުސަތު ހުޅުވިގެންދިއުމެވެ. މި ސަބަބާ ހުރެ، އެމެރިކާގެ ރުހުން ލިބިގެން ނޫނީ ޗާގޯސް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމައި، އިނގިރޭސިވިލާތުން މިހާރު ވަނީ އެކަން ވަގުތީގޮތުން މަޑުޖައްސާލާފައެވެ.
އަނެއްކޮޅުން، އީރާނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ހަރަކާތްތަކާ އެކު، ދުނިޔޭގެ އެކި ކޮޅުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ވަރުގަދަކުރަން އެގައުމުގެ އެތެރެއިން އަންނަނީ ގޮވާލަމުންނެވެ. ޗާގޯސްގެ ފޯޅަވަހީގައި އޮންނަ ޑިއޭގޯ ގާސިއާ ބޭސްއަކީ ދުރުރާސްތާގެ "ބީ-2" މަތިންދާބޯޓުތައް ބޭނުންކޮށްގެން އީރާނަށް ހަމަލާދޭން އެމެރިކާއަށް އެންމެ ފަސޭހަ އަދި އެންމެ މުހިއްމު މަރުކަޒެވެ.
މޮރިޝަސްއަށް ޗާގޯސް އަނބުރާ ދޭން އެއްބަސްވިއިރު، ޑިއޭގޯ ގާސިއާ ބޭސް އިތުރު 99 އަހަރަށް ކުއްޔަށް ދޭން އިނގިރޭސިން އޮތީ ޝަރުތުކޮށްފައެވެ. މި ސަރަހައްދު ކުއްޔަށް ހިފުމަށް އެމެރިކާއިން އަހަރަކު ގާތްގަނޑަކަށް 111 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ރިޕޯޓްތައް ބުނާއިރު، އެމެރިކާގެ އަމާޒަކީ ކުލީގެ ބަދަލުގައި އެ ރަށްތައް އެއްކޮށް ބައްލަވައިގަތުމެވެ.
Ads by MACL
