ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ދުބާއީގައި ގެއްލިފައިވާ އަޒަރުބައިޖާނުގެ ކުރީގެ ޖިމްނާސްޓް ޒޭނަބް ޖަވާދްލީ ހޯދުމަށް އޭނާގެ މަންމަ އެހީއަށް އެދެފި

ޒޭނަބްއާޢި އޭނާގެ ދެ ދަރިން (ކ) އާއި ޒޭނަބްގެ މަންމަ ---
ޒޭނަބްއާޢި އޭނާގެ ދެ ދަރިން (ކ) އާއި ޒޭނަބްގެ މަންމަ ---

އަޒަރުބައިޖާނުގެ ކުރީގެ މަޝްހޫރު ޖިމްނާސްޓް ޒޭނަބް ޖަވާދްލީއާއި އޭނާގެ ދަރިންނާ އެއްވެސް ގޮތަކަށް ނުގުޅޭތާ ފަސް ދުވަސް ވެފައިވާތީ، އޭނާގެ މަންމަ ސަބީނާ ޖަވާދްލީ ވީޑިއޯ މެދުވެރިކޮށް އެހީތެރިކަމަށް އެދި ބައިނަލްއަގުވާމީ މުޖުތަމައަށް އިލްތިމާސްކޮށްފިއެވެ.

ސަބީނާ ބުނެފައިވާ ގޮތުގައި އޭނާގެ ދަރިފުޅާއި މާމަދަރިން މިހާރު ތިބީ ކޮންތާކު ކަމެއް އަދި އެކުދިން ގެންދިޔައީ ކޮން ބައެއްގެ ބެލުމުގެ ދަށަށް ކަމެއް ވެސް އެއްވެސް ފަރާތަކުން ސާފުކޮށްދީފައެއް ނުވެއެވެ.

މި މައްސަލަ ބައިނަލްއަގުވާމީ ސަމާލުކަމަށް އައިސްފައިވަނީ ދުބާއީގެ ޕަބްލިކް ޕްރޮސެކިއުޓާސް އޮފީހާ ހަވާލާދީ ބީބީސީން ރިޕޯޓްކުރުމާ ގުޅިގެންނެވެ. އެ ރިޕޯޓްތައް ބުނާގޮތުން ޒޭނަބް ހައްޔަރުކޮށްފައިވަނީ އޭނާގެ ކުރީގެ ފިރިމީހާ ކަމަށްވާ ދުބާއީގެ ވެރިޔާގެ އާއިލީ ބޭފުޅެއް ކަމަށްވާ ޝެއިޚް ސައީދު ބިން މަޚްތޫމް ބިން ރާޝިދު އަލް މަޚްތޫމް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.

ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޒޭނަބް އޭނާގެ ދަރިން ގޮވައިގެން ގޮސްފައިވަނީ ކޯޓުން ހުއްދަދީފައިވާ ބައްދަލުވުމުގެ ވަގުތެއްގައެވެ. ދުބާއީގެ ޕަބްލިކް ޕްރޮސެކިއުޓާސް އޮފީހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ހިނގަމުންނެވެ.

ކުރިން ލިބުނު ރިޕޯޓްތަކަށް ބަލާއިރު، ދުބާއީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޒޭނަބްއާއި އޭނާގެ ތިން އަންހެން ދަރިން ވަނީ ބަންދުކޮށްފައެވެ. އޭނާގެ އިނގިރޭސިވިލާތުގެ ވަކީލު ޑޭވިޑް ހޭގް ހާމަކުރި ގޮތުގައި އެމީހުން ބަންދުކުރި ފަހުން ޒޭނަބްއާ އެއްވެސް ގުޅުމެއް ވަނީ ނުވެވިފައެވެ.

މި ހާދިސާ ހިނގާފައިވަނީ ކުރީގެ ދެމަފިރިންގެ ދެމެދުގައި ދަރިންގެ ކަސްޓަޑީއާ މެދު ގިނަ ދުވަސްތަކެއް ވަންދެން ހިނގަމުންދާ ދެބަސްވުންތަކެއްގެ ތެރެއިންނެވެ. މީގެ ކުރިން ވެސް ދެ ފަރާތުން ވަނީ އެކަކު އަނެކަކަށް ދަރިން ވަގަށް ނެގިކަމުގެ ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން، ޒޭނަބްގެ މަންމަ ސަބީނާ ދަރިފުޅަށް ހިތްވަރު ދިނުމަށް ދުބާއީއަށް ދިޔަ ނަމަވެސް، އޭނާއަށް އާއިލާގެ ގޭގެއަށް ވަނުމުގެ ހުއްދަ ދީފައެއް ނުވެއެވެ.