ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

މެދުއިރުމަތީގެ ހަނގުރާމައާ ދެކޮޅަށް ލަންޑަނުގައި ކުއްލި މުޒާހަރާއެއް ބާއްވައިފި

އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރި މުޒާހަރާ ---
އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރި މުޒާހަރާ ---

އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ބޮޑުވަޒީރުގެ އޮފީސް ކުރިމަތީގައި ގިނަ އަދަދެއްގެ ބަޔަކު އެއްވެ، އެމެރިކާ އާއި އިސްރާއީލުން މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަތަކާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ބާއްވައިފިއެވެ.

"ސްޓޮޕް ދަ ވޯ" ކެމްޕޭނުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ކުއްލި މުޒާހަރާގައި އިނގިރޭސި މުޖުތަމައުގެ އެކި ދާއިރާތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލާފައިވަނީ ޣައްޒާ، ލުބުނާން އަދި އީރާނާ ދެކޮޅަށް ހިންގަމުންދާ ލޭއޮހޮރުވުންތަކާ ދެކޮޅަށް އެންމެން އެކުގައި ތެދުވުމަށެވެ. އަދި އެމެރިކާއިން އީރާނަށް ބޮން އެޅުމަށްޓަކައި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުން ހުއްޓުވުމަށް އިނގިރޭސި ސަރުކާރަށް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ޑޮނަލްޑް ޓްރަމްޕް އަދި ބެންޖަމިން ނަތަންޔާހޫ ކުރަމުންދާ ޣައިރުޤާނޫނީ ހަނގުރާމަތައް ވަގުތުން ހުއްޓާލުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ޑިމާންޑްކޮށްފައެވެ.

އިނގިރޭސި ބޮޑުވަޒީރު ކޭރް ސްޓާމާ، އީރާނާ ދެކޮޅު ހަނގުރާމައެއްގައި އިނގިރޭސިވިލާތުން ބައިވެރިނުވާނެ ކަމަށް ވިދާޅުވަމުންދިޔަ ނަމަވެސް، އެ ގައުމުގެ އެންޓި-ވޯ ޖަމްއިއްޔާތަކުން ތުހުމަތުކުރާ ގޮތުގައި އިނގިރޭސި ރޯޔަލް އެއާފޯސްގެ މަރުކަޒުތައް ދަނީ އެމެރިކާ އިސްވެ އޮވެ ހިންގާ އަސްކަރީ ހަރަކާތްތަކުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ޚާއްޞަކޮށް ސައިޕްރަސްގައި ހުންނަ އިނގިރޭސި ޖާސޫސީ މަތިންދާބޯޓުތަކުން ހޯދާ މައުލޫމާތު އިސްރާއީލާ ހިއްސާކުރުން ހުއްޓާލުމަށާއި، އިސްރާއީލުގެ އަސްކަރިއްޔާއަށް ހަތިޔާރު ފޯރުކޮށްދިނުން ބަންދުކުރުމަށް އެ ޖަމްއިއްޔާތަކުން ދަނީ ޑިމާންޑް ކުރަމުންނެވެ.

މި ދަނޑިވަޅުގައި، އެމެރިކާގެ ސެނެޓަރ ބާނީ ސޭންޑާސްވެސް ވަނީ އިސްރާއީލާއެކު އޮންނަ އަސްކަރީ އަދި ހަތިޔާރުގެ މުއާމަލާތްތައް ފުޅާކުރުމަށް ޕެންޓަގަނުން ގެންގުޅޭ ރޭވުންތަކަށް ފާޑުވިދާޅުވެފައެވެ. ސޭންޑާސް ވިދާޅުވި ގޮތުގައި އެމެރިކާގެ ރައްޔިތުން އިސްރާއީލަށް ދޭ އަސްކަރީ އެހީތަކަށް ތާއީދެއް ނުކުރެއެވެ.