ތައިލެންޑްގެ ރަސްގެފާނުގެ ދޮށީ އަންހެން ދަރިކަނބަލުން އަވަހާރަވެއްޖެ
ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯންގެ އެންމެ ދޮށީ އަންހެން ދަރިކަނބަލުން ޕްރިންސެސް ބަޖްރަކިތިޔާބާ ނަރެންދިރާ ދެބްޔަވަތީ، ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު، އުމުރުފުޅުން 47 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އެގައުމުގެ ޝާހީ ގަނޑުވަރުން މިއަދު އިއުލާންކޮށްފިއެވެ.
ޝާހީ ގަނޑުވަރުގެ ބަޔާނުގައި ބުނެފައިވަނީ އެކަމަނާ އަވަހާރަވީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި، ސިއްހީ ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބުންނެވެ.
ޕްރިންސެސް ބަޖްރަކިތިޔާބާ ކުއްލިގޮތަކަށް ހަބުރު ހުސްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއީ އެކަމަނާ ތައިލެންޑްގެ އިރުއުތުރު ޕްރޮވިންސެއް ކަމަށްވާ ނަކޮން ރަޓްޗަސީމާއަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން ހިތްޕުޅުގެ އާލާސްކަންފަތެއް ދިމާވުމުންނެވެ. އޭގެ ފަހުން ވެރިރަށް ބެންކޮކަށް ހެލިކޮޕްޓަރުގައި ބަދަލުކޮށް ފަރުވާދެމުން އައިއިރު، އަވަހާރަވުމާ ހަމައަށް ގާތްގަނޑަކަށް ހަތަރު އަހަރު ވަންދެން އެކަމަނާ އޮންނެވީ ކޯމާއެއްގައެވެ.
އާންމު ނަމުން ނަމަ "ޕްރިންސެސް ޕާ" ގެ ގޮތުގައި މަޝްހޫރުވެފައިވާ އެކަމަނާއަކީ އޭރުގެ ވަލީއަހުދު ވަޖިރަލޮންކޯން އަދި އެމަނިކުފާނުގެ ފުރަތަމަ އަނބިކަނބަލުން ޕްރިންސެސް ސޯމްސަވަލީއަށް ޑިސެމްބަރު 7، 1978 ގައި އުފަންވި ބޭފުޅެކެވެ. ތައިލެންޑްގެ ގާނޫނުއަސާސީގެ ދަށުން ތަޚުތަށް އިސްވުމުގެ ހައްގު ލިބިގެންވާ އަދި ރަސްމީ ލަގަބު އެރުވިފައިވާ ރަސްގެފާނުގެ ތިން ބޭފުޅުންގެ ތެރޭގައި އެކަމަނާ ހިމެނިވަޑައިގަންނަވައެވެ.
އެކަމަނާއަކީ ތައިލެންޑްގެ އާންމު ހަޔާތުގައާއި ސިޔާސީ އަދި އިޖުތިމާއީ ދާއިރާގައި ފާހަގަކޮށްލެވުނު ބޭފުޅެކެވެ. އެމެރިކާގެ ކޯނެލް ޔުނިވަރސިޓީން ގާނޫނީ ދާއިރާއިން މާސްޓާސް އަދި ޑޮކްޓަރޭޓް ހާސިލްކުރެއްވުމަށްފަހު، ތައިލެންޑްގެ އެޓާނީ ޖެނެރަލްގެ އޮފީހުގައި ވަކީލެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ. އަދި 2012 އިން 2014 އަށް އޮސްޓްރިއާ، ސްލޮވީނިއާ އަދި ސްލޮވާކިޔާއަށް ކަނޑައަޅާފައި ހުންނަވާ ތައިލެންޑްގެ ސަފީރުކަން ވެސް ކުރެއްވިއެވެ.
މީގެ އިތުރުން، ޖަލުތަކުގައި ތިބޭ އަންހެން ކުށްވެރިންގެ ހައްގުތަކާއި ހާއްސަކޮށް މާބަނޑު އަންހެނުންގެ ހާލަތު ރަނގަޅުކުރުމަށް ޖަމްއިއްޔާއެއް ހައްދަވައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މި މަސައްކަތްތަކުގެ ސަބަބުން 2017 ވަނަ އަހަރު އދ. ގެ ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް ކޮމިޝަނުން އެކަމަނާ ދެކުނު އިރުމަތީ އޭޝިއާގެ ރޫލް އޮފް ލޯގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި އައްޔަންކުރިއެވެ. އަދި 2021 ވަނަ އަހަރު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެން، ޖެނެރަލްގެ ރޭންކްގައި ރޯޔަލް ސެކިއުރިޓީ ކޮމާންޑްގެ ޗީފް އޮފް ސްޓާފްގެ މަގާމު ވެސް ފުރުއްވިއެވެ.
ޕްރިންސެސް އަވަހާރަވުމާ ގުޅިގެން ޝާހީ ގަނޑުވަރުން ޖަނާޒާގެ ކަންކަން ކުރިއަށްގެންދިއުމަށް ތައްޔާރުވަމުންދާއިރު، ސަރުކާރުން ގައުމީ ހިތާމައިގެ މުއްދަތެއް އިއުލާންކުރާނެ ކަމަށް ބެލެވެއެވެ. މި ހިތާމަވެރި ދަނޑިވަޅަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ތައިލެންޑްގެ ރާނީ މައިދާން (ކުއީން މަދަރ) އުމުރުފުޅުން 93 އަހަރުގައި އަވަހާރަވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެގައުމުގެ ޝާހީ އާއިލާއަށް ކުރިމަތިވި އިތުރު ހިތާމައެކެވެ.
Ads by MACL
