ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހަނގުރާމަ ހުއްޓާލުމަށްޓަކައި މި ހަފުތާ ބަންދުގައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރެވިދާނެ: ޓްރަމްޕް

ހަނގުރާމަ ހުއްޓާލުމަށްޓަކައި މި ހަފުތާ ބަންދުގައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރެވިދާނެ: ޓްރަމްޕް

އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށްޓަކައި މި ހަފުތާ ބަންދުގައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ އީރާނާއެކު ބޮޑު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، މި އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން، ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅި ރަސްމީކޮށް ހުޅުވާލެވޭނެ ކަމަށެވެ. އަދި ވިލާތުގެ ގައުމެއްގައި ބާއްވާ ބައްދަލުވުމެއްގައި އެމެރިކާގެ ފަރާތުން ނައިބު ރައީސް ޖޭޑީ ވެންސް ސޮއިކުރައްވަފާނެ ކަމަށް ވެސް ޓްރަމްޕް އިޝާރާތްކުރިއެވެ.

ނަމަވެސް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ބުނެފައިވަނީ، މަޝްވަރާކުރެވެމުންދާ އެއްބަސްވުމުގެ ބޮޑު ބައެއް ފައިނަލް ކުރެވިފައިވީ ނަމަވެސް، އީރާނުން ކަނޑައަޅާފައިވާ ރެޑްލައިންތަކަށް ދޫނުދޭނެ ކަމަށެވެ. އަދި މި މައްސަލައިގައި އީރާނުން އަދި ވަކި ފައިނަލް ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި، އެކަން މިހާރު ދިރާސާކުރަމުންދަނީ ގައުމުގެ ކަމާބެހޭ މަތީ މަޖިލިސްތަކުން ކަމަށް އޭނާ ހާމަކުރިއެވެ. މި އެއްބަސްވުމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އަޔަތުއްލާ މުޖްތަބާ ޚާމަނައީ ރުހުން ދެއްވާފައިވޭތޯ ނޫސްވެރިން ސުވާލުކުރުމުން، ޓްރަމްޕް ބުނީ އޭގެ ޖަވާބަކީ "އާނއެކޭ" ކަމަށް އޭނާއަށް ގަބޫލުކުރެވޭ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި ގަތުމުގެ ފުރުސަތު އެއްކޮށް ބަންދުވެގެންދާނެ ކަމަށް ޓްރަމްޕް ބުނާއިރު، އީރާނުން އަބަދުވެސް ބުނަމުންދަނީ އެގައުމުން ނިއުކްލިއާ ހަތިޔާރު ހަދަން މަސައްކަތް ނުކުރާ ކަމަށެވެ. އީރާނުގެ ޝަރުތުތަކުގެ ތެރޭގައި އެގައުމާ ދެކޮޅަށް ފިޔަވަޅުތައް އުވާލުމާއި، ހިފަހައްޓާފައިވާ ބިލިއަނުން ފައިސާ ދޫކޮށްލުމުގެ އިތުރުން ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް އޮތްކަން ގަބޫލުކުރުން ހިމެނެއެވެ.

މިދިޔަ އޭޕްރިލް މަހު ދެގައުމުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނު ނަމަވެސް، މި ހަފުތާގައި ދެފަރާތުން އަނެއްކާވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެމެރިކާގެ ހެލިކޮޕްޓަރެއް ވައްޓާލުމާ ގުޅިގެން ޓްރަމްޕްގެ އަމުރަށް އެމެރިކާއިން ހޮރްމުޒް ކަނޑުއޮޅި ސަރަހައްދަށް ހަމަލާދީފައިވާއިރު، އީރާނުން ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި އީރާނުގެ ތެޔޮ އެކްސްޕޯޓްގެ %90 ބަލަހައްޓާ ޚާރްގް އައިލެންޑަށް ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދީފައިވެއެވެ.

މި އެއްބަސްވުމަށް އިސްރާއީލް، ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔޫއޭއީ ފަދަ ގައުމުތަކުގެ ތާއީދު އެބައޮތް ކަމަށް ޓްރަމްޕް ބުނި ނަމަވެސް، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ އެމެރިކާއާއި އީރާނާ ދެމެދު ވެވޭ އެއްބަސްވުމުގައި އިސްރާއީލް ބައިވެރިނުވާ ކަމަށެވެ. އެހެންނަމަވެސް، އީރާނުގެ ނިއުކްލިއާ އިންފްރާސްޓްރަކްޗާ ނައްތާލުމާއި، މިސައިލް އުފެއްދުން ހުއްޓުވުމާއި، ސަރަހައްދީ ހަތިޔާރުއެޅި ޖަމާއަތްތަކަށް އީރާނުންދޭ އެހީތެރިކަން ހުއްޓުވުމަށް ޓްރަމްޕް ގެންގުޅޭ ސިޔާސަތަށް ނަތަންޔާހޫ ތާއީދުކުރާ ކަމަށް ބަޔާނުގައިވެއެވެ.

އީރާނުން ބާރުއަޅަމުންދަނީ ލުބުނާނުގައި އިސްރާއީލުންދޭ ހަމަލާތައް އެއްކޮށް ހުއްޓާލުމަށެވެ.