އެއާ އިންޑިއާ ބޯޓު ވެއްޓުނު ސަރަހައްދުގައި 547 ކްރޯޑް ރުޕީސްގެ މެޑިކަލް ހަބެއް ހަދަނީ
މީގެ އަހަރެއް ކުރިން އެއާ އިންޑިއާގެ އޭއައި171 ފްލައިޓް ވެއްޓި، ދަރިވަރުންގެ ހޮސްޓެލްތަކާއި މެސް ރޫމްތައް ހަލާކުވި ސަރަހައްދު އަލުން ތަރައްގީކުރުމަށް ގުޖުރާތު ސަރުކާރުން 547 ކްރޯޑް ރުޕީސްގެ ބޮޑު މަޝްރޫއެއް އިއުލާންކޮށްފިއެވެ.
މި ހާދިސާގައި 260 މީހުން މަރުވެފައިވާއިރު، ގުޖުރާތުގެ ހެލްތު މިނިސްޓަރު ޕްރަފުލް ޕަންސޭރިއާ ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ މި ހިތާމަވެރި ހާދިސާގެ ހަނދާންތަކާއެކު އެ ސަރަހައްދަކީ ސިއްހީ އަދި ތައުލީމީ ދާއިރާގެ އައު އުންމީދެއްލިބޭނެ ފަދަ ޒަމާނީ މަރުކަޒަކަށް ހެދުން ކަމަށެވެ.
އަސަރުވާ ސިވިލް ހޮސްޕިޓަލް ކައިރީގައި އޮންނަ، ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ދަށުން ހިންގާ ނިއު މެންޓަލް ކެމްޕަހަކީ 171،100 އަކަމީޓަރުގެ ބޮޑު ސަރަހައްދެކެވެ. މި ހާދިސާ ހިނގުމުގެ ކުރިން އެތަނުގައި ކިޔަވައިދޭ މުވައްޒަފުންގެ ކުއާޓަރުތަކާއި، ކިޔަވާ ދަރިވަރުންގެ ހޮސްޓެލްތަކުގެ އިތުރުން ކެންޓީނެއް ހުއްޓެވެ. ޖޫން 12، 2025 ގައި ބޯއިންގް 737 ޑްރީމްލައިނާ ބޯޓު ވެއްޓި ޖެހުނީ ކެންޓީނާއި އަތުލްޔަމް 1 އިން 4 ގެ ހޮސްޓެލް ބްލޮކްތަކުގައެވެ.
އެންޑީޓީވީއަށް ލިބިފައިވާ ރަސްމީ މައުލޫމާތުތަކަށް ބަލާއިރު، ހެލްތު ޑިޕާޓްމަންޓުން މިހާރު ނިންމާފައިވަނީ ހާދިސާގައި ހަލާކުވި ހުރިހާ ބިނާތަކެއް އެއްކޮށް މުގުރާލައި ސަރަހައްދު ސާފުކުރުމަށެވެ. އެއަށްފަހު އެ ބިމުގައި ޕެރަޕްލީޖިއާ އެންޑް ސްޕައިން ހޮސްޕިޓަލަކާއި، ރިހެބިލިޓޭޝަން ސެންޓަރަކާއި، ފިޒިއޮތެރަޕީ ކޮލެޖެއްގެ އިތުރުން 500 ދަރިވަރުންގެ ހޮސްޓެލެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރުގެ ބަޖެޓުގައި މި ބައިތަކަށް އެކަނިވެސް 295 ކްރޯޑް ރުޕީސް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ދަރިވަރުންގެ ހޮސްޓެލްތަކާއި ކެއުމުގެ ހިދުމަތްދޭ ތަންތަން ފުޅާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އެގޮތުން ކައިވެނިކޮށްގެން އުޅޭ ޕޯސްޓް-ގްރެޖުއޭޓް ދަރިވަރުންނަށް ހާއްސަކޮށްގެން 8 ބްލޮކެއްގެ މައްޗަށް އެކުލެވޭ 510 ޔުނިޓްގެ ހޮސްޓެލްއެއް އެޅުމަށް 192 ކްރޯޑް ރުޕީސް ހަރަދުކުރާނެއެވެ. އަދި ކުރިން ހަލާކުވި ކެންޓީނުގެ ބަދަލުގައި 800 ކުދިންނަށް އެއްފަހަރާ ބޭނުންކުރެވޭނެ އައު މެސް ރޫމެއް 10 ކްރޯޑް ރުޕީސްގެ ހަރަދެއްގައި ހެދުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫއުގެ ދަށުން ސްޓޭޓްގެ ފާމަސޫޓިކަލް ޓެސްޓިން އިންފްރާސްޓްރަކްޗާވެސް ވަރުގަދަކުރާނެއެވެ. އެގޮތުން ނިއު މެންޓަލް ކެމްޕަސް ތެރޭގައި 3،100 އަކަމީޓަރުގެ ސަރަހައްދެއްގައި ފުޑް އެންޑް ޑްރަގްސް ލެބޯޓްރީއެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 50 ކްރޯޑް ރުޕީސް ހަރަދުވާނެ ކަމަށް ބެލެވޭ މި ލެބޯޓްރީއަކީ ވަޑޯދަރާގައި ހުންނަ އެންމެ ޒަމާނީ އެންއޭބީއެލް އެޕްރޫވްޑް ލެބޯޓްރީގެ މޮޑެލްއަށް ހަދާ ތަނެކެވެ.
މި ހުރިހާ މަޝްރޫއުތަކެއް ނިމުމުން، ބަދަލުވެގެންދާ ނިއު މެންޓަލް ކެމްޕަސް ވެގެންދާނީ ސިއްހީ ފަރުވާއާއި، މެޑިކަލް ރިސާޗް އަދި ތައުލީމީ ދާއިރާއިން ސްޓޭޓްގައި ހުރި އެންމެ ފާހަގަކޮށްލެވޭ، ޒަމާނީ ވަސީލަތްތައް އެކުލެވޭ މައި ހަބަށެވެ.
Ads by MACL
