މާދުރީ ޑިކްސިޓްގެ އާ ފިލްމު 'މާ ބެހެން' އަށް ޕްރިޔަންކާ ޗޯޕްރާ ތައުރީފުކޮށްފި
ނެޓްފްލިކްސް އިން އެންމެ ފަހުން ނެރުނު ކޮމެޑީ ޑްރާމާ ފިލްމު "މާ ބެހެން" އަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ. އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި މެސެޖެއްގައި ޕްރިޔަންކާ ވަނީ މިއީ ވަރަށް ވިސްނުންތެރިކަމާއެކު ތައްޔާރުކޮށްފައިވާ، މަޖާ އަދި ހަމަ އެހެންމެ މޮޅު ފިލްމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ފިލްމުގެ މުޅި ޓީމަށް އޭނާ ވަނީ މަރުހަބާ ކިޔާފައެވެ.
ޕްރިޔަންކާގެ މެސެޖުގައި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅުނު މާދުރީ ޑިކްސިޓް، ތުރިޕްތީ ދިމްރީ އަދި ދަރްނާ ދުރްގާގެ ހުނަރަށް ވަކިވަކިން ސާބަސް ދީފައިވެއެވެ. އޭނާ ބުނިގޮތުގައި މާދުރީއަކީ އަބަދުވެސް ފިލްމުތަކުގައި ފާހަގަކޮށްލެވޭ މޮޅު އެކްޓަރެކެވެ. އަދި ތުރިޕްތީއާއި ދަރްނާގެ އެކްޓިންވެސް ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ މޮޅު މަސައްކަތްތަކެއް ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށް ބުންޏެވެ. މީގެ އިތުރުން ފިލްމުގެ ޑައިރެކްޓަރު ސުރޭޝް ޓްރިވެނީގެ ސިނަމެޓިކް ވިސްނުންތެރިކަމަށްވެސް އޭނާ ތައުރީފުކުރިއެވެ.
ސުރޭޝް ޓްރިވެނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އެއް އާއިލާއަކަށް ނިސްބަތްވާ ތިން އަންހެނެއްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. ފިލްމުގައި މާދުރީ ކުޅެފައިވަނީ ހުވަފަތް މައެއްގެ ރޯލެވެ. އަދި ތުރިޕްތީއާއި ދަރްނާ ކުޅެފައިވަނީ އޭނާގެ ދެ އަންހެން ދަރިންގެ ރޯލެވެ. މީގެ ތެރެއިން ތުރިޕްތީގެ ކެރެކްޓާއަކީ ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އަދި ދަރްނާގެ ކެރެކްޓާއަކީ އެކަނި ދިރިއުޅެމުން ކޮންޓެންޓް ކްރިއޭޓަރަކަށް ވާން މަސައްކަތްކުރާ ޒުވާނެކެވެ.
ފިލްމުގެ ވާހަކަ ބަދަލުވެގެންދަނީ އެއްރެއަކު ދަންވަރު މި ދެބެންނަށް މަންމަ ގުޅާފައި ގެއަށް އައުމަށް އެދޭ ހިސާބުންނެވެ. ގެއަށް ދިއުމުން އެމީހުންނަށް ފެންނަނީ ގޭތެރޭގައި އެމީހުންގެ އަވަށްޓެރިއެއް ކަމަށްވާ ގުޕްތާ ޖީ މަރުވެފައި އޮއްވައެވެ. މި ރޯލު ކުޅެފައިވަނީ ރަވީ ކިޝަންއެވެ. މި ހާދިސާއާ ގުޅިގެން ހިނގާ މަޖާ އަދި ސީރިއަސް ކަންތައްތަކެއް ފިލްމުން ފެނިގެންދެއެވެ.
މި ފިލްމަކީ ހަމައެކަނި މަޖާ ފިލްމެއްގެ އިތުރުން، އާންމު ދިރިއުޅުމުގެ ތެރޭގައި ފިރިހެނުންގެ ނުފޫޒު ނުވަތަ ޕެޓްރިއާކީ އެކުލެވިގެންވާ ގޮތްތަކުގެ މައްޗަށް ވިސްނާލަން މަޖުބޫރުކުރުވާ ފަދަ މެސެޖުތަކެއް އެކުލެވޭ ފިލްމެކެވެ. ނެޓްފްލިކްސްއިން މި ފިލްމު ރިލީޒްކުރި ފަހުން ބެލުންތެރިންނާއި ކްރިޓިކުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.
Ads by MACL
