ރާމާޔަނާގެ މަގުބޫލުކަން އިތުރުވެ "ޖޭލަރ 2" ގެ ވިޔަފާރި ބޮޑުތަނުން ދަށަށް
ސުޕަރސްޓާރު ރަޖިނީކާންތު އިސްރޯލުން ފެނިގެންދާ އެކްޝަން ފިލްމު "ޖޭލަރ 2" ސިނަމާތަކުގައި އަޅުވާފައިވާތާ 23 ދުވަސް ވެފައިވާއިރު، ފިލްމަށް ލިބެމުންދާ ދުވަހު އާމްދަނީ ބޮޑުތަނުން ދަށަށް ގޮސްފިއެވެ. ދުނިޔޭގެ ބޮކްސް އޮފީހުގައި މި ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ 824.25 ކުރޯޑު އިންޑިއަން ރުޕީސްއަށް އަރާފައިވީ ނަމަވެސް، ފަހަކަށް އައިސް ފިލްމުގެ ވިޔަފާރިއަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ.
މި ފިލްމުގެ ވިޔަފާރި ދަށަށް ދިޔުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ނިތޭޝް ތިވާރީ އުފައްދައި، ރަންބީރު ކަޕޫރާއި ސާއީ ޕައްލަވީގެ އިތުރުން ޔަޝް މުހިންމު ރޯލުތަކުން ފެނިގެންދާ "ރާމާޔަނާ" ސިނަމާތަކަށް އައުމާއެކު ބެލުންތެރިންގެ ސަމާލުކަން އެ ފިލްމަށް ހުއްޓުމެވެ. މިއާއެކު ސިނަމާތަކުގައި ޝޯތައް ދެއްކުމަށާއި ބެލުންތެރިން ހޯދުމަށް ދެ ފިލްމުގެ މެދުގައި ވަނީ ބޮޑު ވާދަވެރިކަމެއް އުފެދިފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން 23 ވީ ދުވަހު "ޖޭލަރ 2" އަށް އިންޑިއާއިން ލިބިފައިވަނީ 60 ލައްކަ ރުޕީސްއެވެ. މިއީ އޭގެ ކުރީ ދުވަހު ލިބުނު 1.60 ކުރޯޑު ރުޕީސްއާ އަޅާބަލާއިރު 62.5 އިންސައްތައިގެ ދެރަވުމެކެވެ. މި ފިލްމު އިންޑިއާގައި އެކަނި 547.65 ކުރޯޑު ރުޕީސްގެ ގްރޯސް އާމްދަނީއެއް ހޯދާފައިވާއިރު، އިންޑިއާއިން ބޭރުގެ މާކެޓްތަކުން ލިބުނީ 276.60 ކުރޯޑު ރުޕީސްއެވެ.
Ads by BMLނެލްސަން ދިލީޕްކުމާރު ޑިރެކްޓްކޮށް، ސަން ޕިކްޗަރސްއިން އުފައްދާފައިވާ "ޖޭލަރ 2" އަކީ 2023 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ޖޭލަރ" ގެ ސީކުއަލްއެކެވެ. ރަޖިނީކާންތުގެ އިތުރުން ރާމްޔާ ކްރިޝްނަން، މޯހަންލާލް، އެސްޖޭ ސޫރިޔާ، ވިދްޔާ ބާލަން އަދި މިތުން ޗަކްރަބޯތީ ފަދަ މަޝްހޫރު ތަރިން ފެނިގެންދާ މި ފިލްމު ސިނަމާތަކުގައި އަޅުވާފައިވަނީ މިއަހަރުގެ އޮކްޓޯބަރު 15 ގައެވެ.
Ads by MACL
