ބޮލީވުޑްގެ ތަރިން ބޮޑުވަޒީރު މޯދީއަށް މަރުޙަބާ ކިޔައިފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ މަޤާމުގައި 12 އަހަރު ފުރިހަމަކުރައްވައި، އެޤައުމުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި އިންތިޚާބީ ބޮޑުވަޒީރުގެ ލަޤަބު ހޯއްދެވުމާ ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ފަންނާނުން އޭނާއަށް ތަހުނިޔާ އާއި މަރުޙަބާ ކިޔަން ފަށައިފިއެވެ.
2014 ވަނ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ބޮޑުވަޒީރުކަމާ ހަވާލުވި މޯދީ ވަނީ ދާދިފަހުން އޭނާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރު ކާމިޔާބުކޮށް، އޮފީހުގައި 4,399 ދުވަސް ހޭދަކޮށްފައެވެ.
މި ތާރީޚީ ކާމިޔާބީއާ ގުޅިގެން މަރުޙަބާ ކީ ފަންނާނުންގެ ތެރޭގައި ކަމަލް ހާސަން، އަޖޭ ދޭވްގަން، ގޯވިންދާ، ޝަތުރުގަން ސިންހާ އަދި ހީނާ ޚާން ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަލް ހާސަން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އިންޑިއާ ފަދަ ބޮޑު ޑިމޮކްރަސީއެއްގައި މިފަދަ ދިގު މުއްދަތަކަށް ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ޤައުމުގެ ކުރިއެރުމަށާއި ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުމަށް އުންމީދުކުރާ ކަމަށެވެ.
މަޝްހޫރު އެކްޓަރު ގޯވިންދާ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ މިއީ ހަމައެކަނި މަޤާމެއްގެ ވާހަކަ ނޫން ކަމަށާއި، މިއީ މުޅި އިންޑިއާގެ ފަޚުރާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި މޯދީ ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރަމުން އޭނާ ވަނީ މޯދީއަށް ދުޅަހެޔޮ ސިއްހަތަކަށް އެދި ދުޢާކޮށްފައެވެ.
އަޖޭ ދޭވްގަންވެސް ވަނީ މިއީ އިންޑިއާގެ ޑިމޮކްރަސީގެ ވަރުގަދަކަން ދޭހަކޮށްދޭ ހެއްކެއް ކަމަށް ބުނެ މޯދީއަށް މަރުޙަބާ ކިޔާފައެވެ. މީގެ އިތުރުން ބަތަލާ ހީނާ ޚާން ލިޔެފައިވާ ދިގު މެސެޖެއްގައި، މޯދީގެ ވެރިކަމުގެ ދަށުން އިންޑިއާގެ އިންފްރާސްޓްރަކްޗަރާއި، އީޖާދުތަކާއި އަދި ބައިނަލްއަޤުވާމީ މައިދާނުގައި ލިބުނު ކުރިއެރުންތައް ފާހަގަކޮށް، އިންޑިއާގެ ތާރީޚު "މޯދީގެ ކުރިން" އަދި "މޯދީގެ ފަހުން" މިފަދައިން ބަހާލެވޭނެ ވަރުގެ ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ބުނެފައެވެ.
Ads by MACL
