ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނުން އިންޑިއާގެ އުޅަނދުތަކަށް ޑްރޯން ހަމަލާއެއް ދޭން އުޅުނު ކަމަށް ޓްރަމްޕް ތުހުމަތުކޮށްފި

އީރާނުން އިންޑިއާގެ އުޅަނދުތަކަށް ޑްރޯން ހަމަލާއެއް ދޭން އުޅުނު ކަމަށް ޓްރަމްޕް ތުހުމަތުކޮށްފި

އީރާނުން ހޮރްމުޒް ކަނޑުއޮޅިން ނުކުތް އިންޑިއާގެ އުޅަނދުތަކަކަށް ޑްރޯން ހަމަލާއެއް ދޭން އުޅުނު ކަމަށާއި ނަމަވެސް އެ ހަމަލާ ނާކާމިޔާބުކޮށްލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރޫތް ސޯޝަލްގައި ކުރި ޕޯސްޓެއްގައި އޭނާ ވަނީ އީރާނުގެ މި އަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، އެގައުމުން އަވަހަށް ކަންކަން އިސްލާހުކުރުމަށް ގޮވާލާފައެވެ.

ޓްރަމްޕް މިފަދަ ތުހުމަތެއް ކޮށްފައި މިވަނީ މި ހަފުތާގައި އޮމާންގެ ކަނޑުގެ ސަރަހައްދުން އިންޑިއާގެ ފަޅުވެރިން ތިބި ތިން އުޅަނދަކަށް ހަމަލާތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މީގެ ތެރެއިން ޕަލާއު ދިދައިގެ ދަށުން ދަތުރުކުރި "އެމްޓީ ސެއްޓެބެއްލޯ" ނަމަކަށް ކިޔާ ޓޭންކަރަކަށް ދިން ހަމަލާއެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު ވަނީ މަރުވެފައެވެ. މި ހަމަލާތަކާ ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، މިފަދަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.

ނަމަވެސް އީރާނުން ވަނީ ޓްރަމްޕްގެ މި ތުހުމަތުތައް ދޮގުކޮށް، އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފައެވެ. އިންޑިއާގައި ހުންނަ އީރާނުގެ އެމްބަސީންނާއި އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި، މި ތުހުމަތަކީ ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއިން އިންޑިއާގެ ތިން އުޅަނދަކަށް ހަމަލާދީ އިންޑިއާގެ ތިން ރައްޔިތުން މަރުވުމާ ގުޅިގެން، އާންމުންގެ ސަމާލުކަން އަނބުރާލުމަށް އެމެރިކާއިން ދައްކާ ވާހަކަތަކެކެވެ. އީރާނުން ވަނީ އެމެރިކާގެ އަމަލުތަކަކީ ކަނޑުފޭރުމުގެ އަމަލުތަކެއްގެ ގޮތުގައި ސިފަކޮށް، މަރުވި ފަޅުވެރިންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައެވެ.

މީގެ އިތުރުން، ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާ އާއި އީރާނާ ދެމެދު ވާހަކަދެކެވެމުންދާ އެއްބަސްވުމުގެ "ލީކުވެފައިވާ" މައުލޫމާތުތަކަށް ވެސް ޓްރަމްޕް ވަނީ ފާޑުކިޔާފައެވެ. ޓްރަމްޕް ބުނި ގޮތުގައި އީރާނުން ފަތުރަމުންދާ ވާހަކަތަކަކީ އެއްބަސްވެވުނު ކަންކަމެއް ނޫނެވެ. އަދި އީރާނަކީ އިތުބާރު ކުރެވޭނެ ބައެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވެސް ވަނީ މި އެއްބަސްވުމާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރެމުންދާ ކަމަށް ބުނެ، އެއްބަސްވުމުގައި ސޮއިކުރުމުން އީރާނަށް އެއްވެސް ފައިސާއެއް ދޫނުކުރާނެ ކަމަށާއި، އިގްތިސާދީ ފައިދާތައް ލިބޭނީ އީރާނުން ޝަރުތުތަކަށް އަމަލުކުރުމުން ކަމަށް ސާފުކޮށްދީފައެވެ.

އަނެއްކޮޅުން، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ބުނެފައިވަނީ މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ހިސާބަށް ދިއުމަށް މީގެ ކުރިން ދުވަހަކުވެސް ކައިރިނުވާ ވަރަށް އެމެރިކާ އާއި އީރާނާ ދެމެދު މިހާރު ގާތްވެފައިވާ ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދިޔަ މަޝްވަރާތަކުން އެކުލަވާލެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އަށެވެ.