"ކާލާ ހީރަން" ފިލްމާ ދެކޮޅަށް ސަލްމާން ޚާން ހުށަހެޅި މައްސަލައިގެ އަޑުއެހުން ޖޫން 19 އަށް
1998 ވަނަ އަހަރު ހިނގި ކަޅު ކަނދުރާ ފުއްލާ (ބްލެކްބަކް) ޝިކާރަކުރުމުގެ މައްސަލައަށް ބިނާކޮށް އުފައްދާ "ކާލާ ހީރަން: ދަ ބެޓްލް ފޯ ލެގަސީ" ނަމަކަށް ކިޔާ ފިލްމަކާ ދެކޮޅަށް ބޮލީވުޑްގެ ތަރި ސަލްމާން ޚާން ދިއްލީ ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް އަންނަ ޖޫން މަހުގެ 19 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
ސަލްމާން ޚާން ކޯޓަށް ގޮސްފައިވަނީ އޭނާގެ އަމިއްލަ ޝަޚްސިއްޔަތުގެ ޙައްޤުތަކަށް (ޕާސަނަލިޓީ ރައިޓްސް) އުނިކަން އަންނަ ގޮތަށް މި ފިލްމު އުފައްދަމުންދާތީ، ފިލްމުގެ މަސައްކަތްތައް ވަގުތީގޮތުން ހުއްޓުވުމުގެ އަމުރަކަށް އެދިއެވެ.
ސަލްމާން ޚާންގެ ފަރާތުން ކޯޓަށް ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ ފިލްމުގައި އޭނާގެ ނަން ސީދާ ބޭނުންކޮށްފައި ނުވިނަމަވެސް، ފިލްމުގެ ޕޯސްޓަރުތަކާއި، އިޝްތިހާރުތަކާއި، އަދި ފިލްމާ ގުޅުންހުރި ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން އެއީ އޭނާއަށް އަމާޒުކޮށްގެން ތައްޔާރުކުރާ ފިލްމެއްކަން ބަލާލުމުން ކޮންމެ މީހަކަށްވެސް އެނގޭނެ ކަމަށެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރު އަމިތު ޖާނީ މީޑިއާތަކަށް ދީފައިވާ އިންޓަވިއުތަކެއްގައި، މި ފިލްމަކީ ސަލްމާންގެ ފުއްލާ ޝިކާރަކުރުމުގެ މައްސަލައާއި ގޭންގްސްޓަރ ލޯރެންސް ބިޝްނޯއީއާ ދެމެދު ހިނގަމުންދާ ކަންތައްތަކަށް ބިނާކޮށް ހަދާ ފިލްމެއްކަމަށް ބުނެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ސަލްމާން ޚާންގެ ފަރާތުން މީގެކުރިން، އެޕްރީލް 24 ގައި ފިލްމުގެ އުފެއްދުންތެރިންނަށް ލީގަލް ނޯޓިސްއެއް ފޮނުވައި، ފިލްމުގެ މަސައްކަތްތަކާއި އިޝްތިހާރުކުރުން ހުއްޓާލުމަށް އަންގާފައިވެއެވެ. ނަމަވެސް އެ ނޯޓިސްއަށް ބެލުމެއްނެތި ފިލްމުގެ ޕްރޮމޯޝަންގެ ކަންކަން ކުރިއަށްދާތީ، ސަލްމާން ވަނީ ފިލްމުގެ ޓީޒާ، ޓްރެއިލާ އަދި ޕޯސްޓަރު ފަދަ އެއްވެސް އެއްޗެއް ޝާއިއުކުރުން މަނާކޮށްދިނުމަށާއި، ކޯޓުން ވަކިގޮތެއް ނިންމަންދެން ފިލްމުގެ މަސައްކަތް މެދުކަނޑާލުމުގެ އަމުރަކަށް އެދިފައެވެ. އަނެއްކޮޅުން، ސަލްމާން ޚާން ދައުވާ ކުރުމާ ގުޅިގެން އޭނާއަށް މަރުގެ އިންޒާރުތައް ލިބެމުންދާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.
މި ޚަބަރާ ގުޅޭގޮތުން މަޢުލޫމާތު ލިބޭގޮތުގައި، 1998 ވަނަ އަހަރު ހިނގި މި ހާދިސާގައި ސަލްމާން ޚާންގެ އިތުރުން ސައިފް އަލީ ޚާން، ތާބޫ، ނީލަމް އަދި ބިންދިޔާގެ މައްޗަށްވެސް ދައުވާކުރެވުނެވެ. ނަމަވެސް އެހެން ތަރިން ކުށުން ބަރީއަވިއިރު، ހާދިސާ ހިނގިތާ 20 އަހަރު ފަހުން، 2018 ވަނަ އަހަރުގެ އެޕްރީލް މަހު ރާޖަސްތާންގެ ކޯޓަކުން ސަލްމާން ޚާން ކުށްވެރިވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އޭގެ ފަހުން ސެޝަންސް ކޯޓުން ކަފާލާތުގެ ދަށުން އޭނާ މިނިވަންކުރީ ޖޯދްޕޫރު ޖަލުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުގައެވެ.
Ads by MACL
