އެމެރިކާ އީރާން އެއްބަސްވުމުގައި މާދަމާ ސޮއިކުރާނަން: ޓްރަމްޕް
އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރޫތް ސޯޝަލް" ގައި ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކޮށް ނިމުމާއެކު ބައިނަލްއަޤުވާމީ ވިޔަފާރިއަށް މުހިންމު މަގެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅި ހުރިހާ ފަރާތްތަކަކަށް ވަގުތުން ހުޅުވާލެވޭނެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވެސް ވަނީ ވާހަކަދައްކާފައެވެ. އޭނާ ބުނި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެއްބަސްވުން ފައިނަލް ކުރެވޭނެ ކަމަށް ބެލެވޭ އިރު، އޭގެ ފަހުން ވަގުތުން ސުލްހައިގެ އެއްބަސްވުމުގައި އިލެކްޓްރޯނިކްކޮށް ސޮއިކުރެވިގެންދާނެއެވެ. ޕާކިސްތާނާއި ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރުން ވެސް ވަނީ މި މަޝްވަރާތައް ފަހު މަރުހަލާއަށް ދިއުމާ ގުޅިގެން މަރުހަބާ ކިޔައި، މިއީ ސަރަހައްދީ ހަމަޖެހުމަށް ލިބޭނެ ކުރިއެރުމެއް ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައެވެ.
އެއްބަސްވުމުގެ ކަންކަން މިގޮތަށް ހުރި ނަމަވެސް، އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރުމަށް އެގައުމުގެ ވަފުދެއް ޖެނީވާ ނުވަތަ އިސްލާމްއާބާދަށް ދިއުމަށް އަދި ރޭވިފައި ނެތް ކަމަށެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ދެގައުމުގެ ދެމެދުގައި ފަހުމުނާމާއެއްގައި ސޮއިކުރުމުގެ ފުރުސަތު ބޮޑު ކަމަށާއި، ސޮއިކުރާނެ ސީދާ ވަގުތަކަށް އިންތިޒާރު ކުރަންޖެހޭނެ ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވަނީ ބުނެފައެވެ.
މި ސުލްހައިގެ މަޝްވަރާތައް ހިނގަމުންދާ ދަނޑިވަޅެއްގައި، ހުރުމުޒު ކަނޑުއޮޅީގައި ހަރަކާތްތެރިވާ ހުރިހާ ވިޔަފާރި އުޅަނދުތަކަކުން އެމެރިކާގެ ސިފައިންދޭ އަމުރުތަކަށް ވަގުތުން ކިޔަމަންވުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖަޔަޝަންކަރަށް އަންގާފައެވެ. އަދި އީރާނުގެ ބަނދަރުތައް އެމެރިކާއިން ބްލޮކްކޮށްފައި އޮތް އޮތުމާ ޚިލާފުވުމާއި، އީރާނުގެ ތެޔޮ ގާނޫނާ ޚިލާފަށް އުފުލުން ބަލައިނުގަންނާނެ ކަމަށް ރޫބިއޯ ބުނެފައިވެއެވެ. މިއީ މިދިޔަ ހަފުތާގައި އެމެރިކާގެ ހަމަލާއެއްގައި އިންޑިއާގެ ތިން ކަނޑުފަޅުވެރިއަކު މަރުވުމާ ގުޅިގެން އިންޑިއާއިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ދެއްކި ވާހަކަތަކެކެވެ.
އަނެއްކޮޅުން، ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ދެކެވުނު ނަމަވެސް އިސްރާއީލުން ދަނީ ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.
އިސްރާއީލް ސިފައިން ހާމަކުރި ގޮތުގައި ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ލުބުނާނުގެ ދެކުނުގައި ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި ހިޒްބުالله ގެ ހަތް ހަނގުރާމަވެރިއަކު ވަނީ މަރާލާފައެވެ. އަދި އިސްރާއީލުން ދެކުނު ލުބުނާނުގެ ބައެއް ސަރަހައްދުތައް ދޫކޮށް ދިއުމަށް އެންގުމަށްފަހު، އެކި އަވަށްތަކަށް ދެމުންދާ ހަމަލާތައް ވަނީ އިތުރުކޮށްފައެވެ.
އޭގެ އިތުރުން ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެކެވުނު ވާހަކަތަކަށްފަހު ވެސް، އިސްރާއީލުން ރެފިއުޖީ ކޭމްޕުތަކަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 983 އަށް އަރާފައެވެ.
Ads by MACL
