ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހޮރްމުޒް ކަނޑުއޮޅި ހުޅުވާލައި އުޅަނދުފަހަރު ދަތުރުކުރަން ފަށާފައިވާ ކަމަށް ޓްރަމްޕް ބުނެފި

ހޮރްމުޒް ކަނޑުއޮޅި ހުޅުވާލައި އުޅަނދުފަހަރު ދަތުރުކުރަން ފަށާފައިވާ ކަމަށް ޓްރަމްޕް ބުނެފި

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ ފަހުމުނާމާއެއްގައި ސޮއިކުރުމުގެ ތައްޔާރީތައް ވަމުންދަނިކޮށް، ސަރަހައްދީ ގޮތުން އެންމެ މުހިންމު އެއް ކަނޑުގެ މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލައި އުޅަނދުފަހަރު ދަތުރުކުރަން ފަށާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ތެޔޮ ބަރުކޮށްގެން ހުރި އުޅަނދުތައް މިހާރު ދަނީ އެ ކަނޑުއޮޅިން ބޭރަށް ދަތުރުކުރަމުންނެވެ. އަދި އޮމާންގެ ކަނޑުގެ ސަރަހައްދުން ހުރަސްކުރާ ދެކުނު "ހައިވޭ" މަގަކީ މިހާރު މުޅިން ރައްކާތެރި، އަމާން އަދި ސާފު މަގެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

މި ދަތުރުތައް އަލުން ފެށިފައި މިވަނީ ފުރަތަމަ އެއްބަސްވުމުގެ ދަށުން ހޮރްމުޒް ކަނޑުއޮޅި ހުޅުވާލައި، އީރާނުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލުމަށް ދެ ފަރާތުން އެއްބަސްވެފައި ވަނިކޮށެވެ. މީގެ އިތުރުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ މުސްތަގުބަލާއި، ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް ދޭ އެހީތެރިކަމުގެ އިތުރުން، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ބެހޭގޮތުން ކުރިއަށް އޮތް 60 ދުވަހުގެ މަޝްވަރާ މުއްދަތެއްގައި ގޮތްތަކެއް ނިންމާނެ ކަމަށް ބެލެވެއެވެ.

ކަނޑުއޮޅި ހުޅުވާލުމުގެ ފެހި ސިގްނަލްތަކާއެކު ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށް ހެޔޮ ބަދަލުތަކެއް އަންނަން ފެށި ނަމަވެސް، ހާލަތު މުޅިން އާންމު މަގަކަށް އެޅުމަށް މަސްތަކެއް ނަގާނެ ކަމަށް މާހިރުން ލަފާކުރެއެވެ. ސަބަބަކީ ކަނޑުގައި ވަޅުލާފައިވާ މައިންތައް ސާފުކުރުމުގެ މަސައްކަތަށް 40 އާއި 50 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވާނެތީ، އިންޝުއަރެންސް ކުންފުނިތަކާއި އުޅަނދު ދުއްވާ ފަރާތްތަކުން އަދިވެސް ފުރިހަމަ އިތުބާރާއެކު ދަތުރުކުރަން ޖެހިލުންވާތީއެވެ. އެހެންނަމަވެސް ބައެއް ކުންފުނިތަކުން ވަނީ މިއަށްވުރެ އަވަހަށް ދަތުރުތައް ފަށާނެ ކަމުގެ އިޝާރާތެއް ދީފައެވެ.

އިންޓަނޭޝަނަލް ޗޭމްބަރ އޮފް ޝިޕިންގ (އައި.ސީ.އެސް) އިން ހާމަކޮށްފައިވާ ގޮތުގައި، ކަނޑުއޮޅިން ހުރަސްނުކުރެވިގެން ގާތްގަނޑަކަށް 500 އުޅަނދަކާއި 20،000 އެއްހާ ފަޅުވެރިން ވަނީ ތާށިވެފައެވެ. އެހެންކަމުން ފްރާންސްގައި ފެށުމަށް ހަމަޖެހިފައިވާ ޖީ7 ސަމިޓްގެ ތެރޭގައި ކަނޑުގެ މައިންތައް ނައްތާލުމުގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އދ. ގެ ރެކޯޑުތަކުން ދައްކާގޮތުގައި މި ހަނގުރާމައިގެ ތެރޭގައި އެމެރިކާ އާއި އީރާނުން ބައިނަލްއަގުވާމީ އުޅަނދުފަހަރަށް 46 ހަމަލާއެއް ދީފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމުގެ ކުރިން ބަންދުވި މި ކަނޑުއޮޅި ކުރިއަށް އޮތް ތަނުގައި ބަލަހައްޓާނެ ގޮތަކާ މެދު އަދިވެސް އުނދަގޫ ސުވާލުތަކެއް އެބަހުއްޓެވެ. އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް އުންމީދު ކުރައްވަނީ ދިގު މުއްދަތަކަށް އެ މަގު އޮންނާނީ އެއްވެސް ފީއަކާ ނުލައި ހުޅުވާލެވިފައި ކަމަށެވެ. ނަމަވެސް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވަނީ އެ މަގުން ދަތުރުކުރާ އުޅަނދުތަކުން "ފީ" ނަގާނެ ކަމުގެ އިޝާރާތެއް ދެއްވައި، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެހެން ފަރާތްތަކާއެކު މަޝްވަރާކުރަން އިތުރު މުއްދަތެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.