ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޖައިޕޫރުގެ މުޒާހަރާގެ ތެރެއިން ކޮކްރޯޗް ޖަންތާ ޕާޓީގެ ބާނީއަށް ބަޔަކު ހަމަލާދީފި

ޖައިޕޫރުގެ މުޒާހަރާގެ ތެރެއިން ކޮކްރޯޗް ޖަންތާ ޕާޓީގެ ބާނީއަށް ބަޔަކު ހަމަލާދޭ މަންޒަރު --- ފޮޓޯ: އެންޑީޓީވީ
ޖައިޕޫރުގެ މުޒާހަރާގެ ތެރެއިން ކޮކްރޯޗް ޖަންތާ ޕާޓީގެ ބާނީއަށް ބަޔަކު ހަމަލާދޭ މަންޒަރު --- ފޮޓޯ: އެންޑީޓީވީ

އިންޑިއާގެ ޖައިޕޫރުގައި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން، "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ބާނީ އަބީޖީތު ދިޕްކޭގެ ގަޔަށް އަތްލައި ބަޔަކު އޭނާއަށް ތަކުރާރުކޮށް ހަމަލާދީފިއެވެ.

ތައުލީމީ ދާއިރާގެ މައްސަލަތަކާއި ވަޒީފާނެތް މީހުންގެ އިތުރުވުމާ ދެކޮޅަށް އަޑުއުފުލުމަށް ޖައިޕޫރުގެ ޝަހީދު ސުމާރަކް ސަރަހައްދުގައި ބޭއްވި މި މުޒާހަރާގެ ތެރެއިން ދިޕްކޭއަށް ހަމަލާދީފައިވަނީ އޭނާ ސަޕޯޓަރުންގެ ކޮނޑުމަތީގައި ހުއްޓައެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މުޒާހަރާގެ ތެރެއިން ދިޕްކޭގެ ކަރުގައި އަޅާފައި އޮތް ފޮތިގަނޑެއްގައި ހިފައި ދަމައިގަތުމަށްފަހު، ދެ މީހަކު ވެގެން އޭނާގެ މޫނުމަތީގައި ތަކުރާރުކޮށް ޖަހާފައިވެއެވެ. މި ހަމަލާއާ އެކު ދިޕްކޭގެ ސަޕޯޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް އެއްވެ، ހަމަލާދިން މީހުން ދުރުކޮށް އެމީހުންނަށް ރައްދު ހަމަލާދީފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ ހަމަލާދިން ކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށް، ވިދާޔަކްޕުރީ ފުލުހުންގެ އިދާރާގައި ސުވާލުކުރަމުންދާ ކަމަށެވެ. ނަމަވެސް އެމީހުން ދިޕްކޭއަށް ހަމަލާދިން ސަބަބެއް އަދި އެމީހުންގެ ވަގުތީ މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި ހަމަލާއަށްފަހު އަބީޖީތު ދިޕްކޭ އެކްސް (ކުރީގެ ޓުވިޓާ) ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޖިސްމާނީ ގޮތުން ދޭ ހަމަލާތަކަކީ ބިރުގަތުމާއި ފިޑިކަމުގެ ރަމްޒެއް ކަމަށާއި، މިފަދަ ކަންކަމުން އެމީހުންގެ އަޑު ކަނޑުވައެއް ނުލެވޭނެ ކަމަށެވެ. އަދި އޭނާއަކީ ގާންދީ އާއި އަމްބޭދްކަރުގެ ފަލްސަފާއަށް ތަބާވާ މީހެއް ކަމަށާއި، މި ހަނގުރާމަ ސުލްހަވެރިކަމާއެކު ކުރިއަށް ގެންދާނެ ކަމަށް ބުނެ، އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާން އިސްތިއުފާ ދެއްވުމަށް އޭނާ ވަނީ އަނެއްކާވެސް ގޮވާލާފައެވެ.