ބުދަ، 18 ނޮވެމްބަރު 2026
މުނިފޫހިފިލުވުން

ގަދަރު ފިލްމަށް 25 އަހަރު ފުރުން ސަނީ ޑިއޯލް ފާހަގަކޮށްފި

ގަދަރު ފިލްމަށް 25 އަހަރު ފުރުން ސަނީ ޑިއޯލް ފާހަގަކޮށްފި

ބޮލީވުޑްގެ ތާރީޚީ ކާމިޔާބު ފިލްމު "ގަދަރު: އޭކް ޕްރޭމް ކާތާ" އަށް 25 އަހަރު ފުރުމާ ގުޅިގެން، އެ ފިލްމުގެ ބަތަލު ސަނީ ޑިއޯލް މާޒީގެ ހަނދާންތައް އާކޮށް އުފާ ފާހަގަކޮށްފިއެވެ.

ފިލްމަށް މިހާ ބޮޑު ކާމިޔާބީއެއް ހޯދައިދީ، އަދިވެސް ބެލުންތެރިންގެ ހިތްތަކުން ޖާގަ ދީފައިވާތީ އޭނާ ވަނީ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި އަސަރުގަދަ މެސެޖެއްގައި ސަނީ ޑިއޯލް ބުނެފައިވަނީ، މީގެ 25 އަހަރު ކުރިން "ގަދަރު" އަދި އޭނާ ކުޅުނު ތާރާ ސިންގްގެ ކެރެކްޓާ ބެލުންތެރިންގެ ހިތްތައް އަތުލި ގޮތަށް، އެ ލޯބީގެ ގުޅުން މިއަދާ ހަމައަށްވެސް ދެމިއޮތް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން މިގޮތުގައި ކުރިއަށް ދާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ. މި މެސެޖާއެކު އޭނާ ވަނީ ފިލްމުގެ ބައެއް ހަނދާނީ ފޮޓޯތައްވެސް އާންމުކޮށްފައެވެ.

އަނިލް ޝަރުމާ ޑައިރެކްޓްކުރި މި ފިލްމަކީ އާމިރު ޚާންގެ "ލަގާން" ފިލްމާ އެއް ދުވަހެއްގައި ސިނަމާތަކަށް އައިސް، ބޮޑު ކުރިމަތިލުމަކަށް ފަހުވެސް އިންޑިއާގެ ސިނަމާގެ ތާރީޚުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ފިލްމެވެ. ސަނީ ޑިއޯލްގެ އިތުރުން އަމީޝާަަ ޕަޓޭލް އަދި އަމްރިޝް ޕޫރީ މުހިންމު ބައިތަކުން ފެނިގެންދިޔަ މި ފިލްމަކީ އިންޑިއާ ބައިބައިވީ ދުވަސްވަރުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ލޯބީގެ އެކްޝަން ޑްރާމާއެކެވެ.

މި ފިލްމުގެ މަގުބޫލުކަން ބޮޑުވުމުގެ ސަބަބުން 2023 ވަނަ އަހަރު "ގަދަރު 2" ނެރުނުއިރު، އެ ފިލްމަށްވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ. އަދި މިހާރު ޑައިރެކްޓަރު އަނިލް ޝަރުމާ ވަނީ "ގަދަރު 3" އެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަން ކަށަވަރުކޮށްދީފައެވެ. އުންމީދު ކުރެވޭ ގޮތުގައި މި ސީކުއަލް ސިނަމާތަކަށް އަންނާނީ 2027 ވަނަ އަހަރުއެވެ.

މުނިފޫހިފިލުވުން

އިތުރަށް ←