ހާއި ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ބޮކްސް އޮފީހުގައި 75 ކްރޯޑުގެ އާމްދަނީއަކާއެކު ކުރިއަށް!
ކޮމެޑީ ފިލްމުތައް ޑައިރެކްޓްކުރުމުގައި މަޝްހޫރުކަން ހޯދާފައިވާ ޑޭވިޑް ދަވަންގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ "ހާއި ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" މި މަހުގެ 5 ވަނަ ދުވަހު ސިނަމާތަކަށް ރިލީޒްކޮށް، ބޮޑު ސަމާލުކަމެއް ވަނީ ހޯދާފައެވެ.
ވަރޫން ދަވަން، ޕޫޖާ ހެގްޅޭ އަދި މްރިނާލް ޓާކުރް ލީޑް ރޯލުން ފެންނަ މި ރޮމެންޓިކް ކޮމެޑީ ފިލްމަކީ އާއިލީ މުނިފޫހިފިލުވުމަކަށް އަމާޒުކޮށްގެން އުފައްދާފައިވާ ފިލްމެކެވެ.
މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާވެފައިވަނީ ލޯބީގެ ތިންކަނޑިއެއްގެ (Love Triangle) މައްޗަށް އުފެދޭ މަޖާ އަދި އޮޅުންބޮޅުން ބޮޑު ހާދިސާތަކެއްގެ މައްޗަށެވެ. ވާހަކައިގައި ވަރޫން (ޖޭސް) އާއި އޭނާގެ ފުރަތަމަ އަންހެނުން މްރިނާލް (ބާނީ) ގެ ކައިވެނި ރޫޅުމުން، އޭނާ ރާއްޖޭން ބޭރަށް ގޮސް ޕޫޖާ (ޕްރީތު) އާ ލޯބީގެ ގޮތުން ގުޅެއެވެ. ނަމަވެސް ފިލްމުގެ ވާހަކަ މުޅިން ބަދަލުވެގެންދަނީ މި ދެ އަންހެނުންވެސް އެއްފަހަރާ ބަނޑުބޮޑުވެ، ދެ ކުދިންގެ ބައްޕައަކީ ޖޭސްކަން އެނގޭ ހިސާބުންނެވެ.
ބޮކްސް އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އެކަނިވެސް އިންޑިއާއިން 11 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދިއެވެ. އަދި ރިލީޒްކުރިތާ 10 ދުވަސްވީއިރު އިންޑިއާގެ ބޮކްސް އޮފީހުން އެކަނިވެސް 53.08 ކްރޯޑް ރުޕީސް (ނެޓް) ލިބިފައިވާއިރު، މުޅި ދުނިޔެއިން މިހާތަނަށް މި ފިލްމަށް ވަނީ ޖުމްލަ 75.73 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ. މިއާއެކު މި ފިލްމު ވެގެންގޮސްފައިވަނީ 2026 ވަނަ އަހަރު އިންޑިއާގެ ބޮކްސް އޮފީހުގައި 6 ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ބޮލީވުޑް ފިލްމަށެވެ.
ފިލްމަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީއެއް ލިބެމުންދިޔަ ނަމަވެސް، ފުރަތަމަ ހަފްތާ ބަންދަށްފަހު ދެވަނަ ހަފްތާގައި ފިލްމުގެ އާމްދަނީ ވަނީ 70 އިންސައްތަ ދަށަށް ގޮސްފައެވެ. ފިލްމީ ކްރިޓިކުންގެ ފަރާތުން މި ފިލްމަށް ލިބެމުންދަނީ އެވްރެޖް ނުވަތަ މިކްސް ރިވިއުތަކެކެވެ. ބައެއް ބެލުންތެރިން ފިލްމުގެ ބައެއް ޖޯކުތަކަށް ފާޑުކިޔާފައިވާއިރު، އެކްޓަރު ވަރޫން ދަވަން ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާގެ ކެރެކްޓާ ބެލުންތެރިންނަށް ކަމުދިޔައީ ޕޫޖާ އަދި މްރިނާލްގެ މޮޅު އެކްޓިންގެ ސަބަބުން ކަމަށެވެ.
މި ފިލްމު ސިނަމާތަކަށް އައުމުގެ ކުރިން އޭގެ ލަވަޔަކާ ގުޅިގެން ޕްރޮޑިއުސަރުން ކަމަށްވާ ރަމޭޝް ތައުރާނީ އާއި ވަޝޫ ބަގްނާނީގެ މެދުގައި ޤާނޫނީ ބަހުސެއްވެސް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.
Ads by MACL
