ހަނީމޫނަށް ދިޔަ ދިއްލީގެ އައިޓީ މުވައްޒަފަކު ލެޔާއި ކުޑަކަމުދާ އެއްޗެހީގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ
އުއްތަރާޚަންޑްގެ މުސޫރީގައި ހުރި ހޯމްސްޓޭއަކުން 27 އަހަރުގެ އަންހެން އައިޓީ ޕްރޮފެޝަނަލަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. މަރުވެފައިވަނީ ގުރގުރާމްގެ އައިޓީ ކުންފުންޏެއްގައި މަސައްކަތްކުރާ އަދި ދިއްލީގެ ކިދްވާއީ ނަގަރު އީސްޓްގައި ދިރިއުޅޭ ޕީ. ރާދާ ގާޔަތުރީ ނަމަކަށް ކިޔާ އަންހެނެކެވެ.
އޭނާ މުސޫރީއަށް ގޮސްފައިވަނީ ޕޫނޭގެ އައިޓީ ދާއިރާގައި މަސައްކަތްކުރާ އޭނާގެ ފިރިމީހާ ސޯމްޔާ ސްރީޗަރަންއާ އެކު ހަނީމޫން ދަތުރެއްގައެވެ. ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މި ދެމަފިރިން ދިއްލީއިން ރިޝިކޭޝްއަށް ދަތުރުކުރުމަށްފަހު، ޖޫން 14 ވީ އާދީއްތަ ދުވަހުގެ ރޭ 11:30 އެހާކަންހާއިރު ޓިޕްރީދަރުގައި ހުންނަ 'ކިއާނާ ހޯމްސްޓޭ' ގެ 'ބްލިސް' ނަމަކަށް ކިޔާ ކޮޓަރިއަކަށް ޗެކްއިންވިއެވެ.
ފިރިމީހާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވަނީ، އެ ރޭ ދެމަފިރިން އެކުގައި ތިބުމަށްފަހު ނިދަން އޮށޯތީ ދަންވަރު 3:30 އެހާކަންހާއިރުއެވެ. ނަމަވެސް ހެނދުނު ހޭލިއިރު އޭނާގެ އަންހެނުން އޮތީ އެއްވެސް ހަރަކާތެއް ނެތް ގޮތުގައި، އަންނައުނާ ނުލައި، ކޮޓަރީގެ ބިންމަތީގައި ކުޑަކަމުދާ އެއްޗެއްސާއި ނޭފަތުން ފޭބި ލޭގެ ތެރޭގައެވެ.
މި ހާދިސާގެ ރިޕޯޓް ހޯމްސްޓޭއިން ފުލުހުންނަށް ލިބުނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުން އެމްބިއުލެންސަކާ އެކު އެތަނަށް ދިޔައިރު، އެމްބިއުލެންސްގެ ފާމަސިސްޓް އަންހެންމީހާ ބެލުމަށްފަހު އޭނާ މަރުވެފައިވާކަން ކަށަވަރުކޮށްދިނެވެ. ފުލުހުން ބުނި ގޮތުގައި ކޮޓަރީގެ އެނދުގެ ބެޑްޝީޓުގައި ލޭގެ ނިޝާންތައް ހުއްޓެވެ. އަދި އެ ކޮޓަރިތެރެއިން ހުސްކޮށްފައި ހުރި ދެ ރާ ފުޅިއާއި ބައެއް ކާބޯތަކެތި ފެނިފައިވެއެވެ.
މިދިޔަ 2025 ވަނަ އަހަރުގެ ނޮވެމްބަރު 8 ގައި ކައިވެނިކޮށްގެން އުޅޭ މި ދެމަފިރިންނަކީ އަސްލު އަންދުރަ ޕްރަދޭޝްގެ ވިސާޚަޕަޓްނަމްއަށް ނިސްބަތްވާ ދެމީހުންނެވެ. އަންހެންމީހާގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ޑެހްރާދޫންގެ ކޮރޮނޭޝަން ހޮސްޕިޓަލަށް ފޮނުވާފައެވެ. އަދި ފުލުހުން ވަނީ ޑޮކްޓަރުންގެ ޚާއްޞަ ޕެނަލަކުން ޕޯސްޓްމޯޓަމް ކުރިއަށް ގެންދިއުމަށާއި، އެ މަރުހަލާ ވީޑިއޯ ރެކޯޑް ކުރުމަށް އެދިފައެވެ.
Ads by MACL
