ކެންސަރުގެ ދިރާސާތައް ކުރާ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި އީރާން
އީރާނުގެ ބޫޝެހެރް ޔުނިވަރސިޓީ އޮފް މެޑިކަލް ސައިންސަސްގެ ކެންސަރު ދިރާސާކުރާ ސައިންސްވެރިއަކު ދުނިޔޭގެ ނުފޫޒުގަދަ ސައިންޓިފިކް މަޖައްލާއެއްގައި ޝާއިއުކުރި މުހިންމު ދިރާސާއަކާ އެކު، ކެންސަރުގެ ދިރާސާތައް ކުރާ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ލިސްޓުން އީރާނަށް ޖާގަ ލިބިއްޖެއެވެ.
ބޫޝެހެރް ޔުނިވަރސިޓީގެ ރިސާޗް އެންޑް ޓެކްނޮލޮޖީގެ ވައިސް ޗާންސެލަރ ޑރ. ޝުކްރުﷲ ފައްރޮޚީ ވިދާޅުވި ގޮތުގައި، އެ ޔުނިވަރސިޓީގެ ރޭޑިއޮލޮޖީ އަދި ނިއުކްލިއަރ މެޑިސިންގެ ޕްރޮފެސަރ އަދި ޕާޝިއަން ގަލްފް ނިއުކްލިއަރ މެޑިސިން ރިސާޗް ސެންޓަރުގެ ވެރިޔާ ޑރ. މަޖީދު އަސަދީ ތައްޔާރުކުރެއްވި މި މަގުބޫލު ދިރާސާ ޝާއިއުކޮށްފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ "ނޭޗަރ އޮންކޮލޮޖީ" ޖާނަލްގައެވެ.
މިއީ އީރާނަށް ނިސްބަތްވާ ސައިންސްވެރިއެއްގެ މިފަދަ ދިރާސާއެއް، ސައިންޓިފިކް ދުނިޔޭގައި އެންމެ ނުފޫޒުގަދަ އަދި މަތީ ދަރަޖައިގެ އޮންކޮލޮޖީ ޖާނަލްއެއްގައި ޝާއިއު ކުރެވުނު ފުރަތަމަ ފަހަރެވެ. މި ޖާނަލްއަކީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ފުރޭނިގެންވާ އަދި އެންމެ މަތީ ފެންވަރުގެ ހޯދުންތައް ނޫނީ ޝާއިއު ނުކުރާ މަޖައްލާއެއްކަން ފާހަގަކުރައްވަމުން، މިއީ އީރާނުގެ މެޑިކަލް ރިސާޗްގެ ތާރީޚުގައި ލިބުނު ވަރަށް ނާދިރު އަދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޑރ. ފައްރޮޚީ ވަނީ ސިފަކުރައްވާފައެވެ. އަދި މިއީ އީރާނުގެ ސައިންސްވެރިންނަށް ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ވާދަކުރުމުގެ ގާބިލުކަން ހުރިކަން ހާމަކޮށްދޭ އަލިގަދަ ހެކިބަހެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޮލިކިއުލަރ އިމޭޖިންގ އަދި ކެންސަރު ތެރަނޮސްޓިކްސްގެ ދާއިރާއިން ޑރ. އަސަދީ ކުރެއްވި މި ދިރާސާގައި، ހަށިގަނޑުގައި އުފެދޭ ޓިއުމަރުތައް ދެނެގަތުމާއި ފަރުވާދިނުމުގައި ޒަމާނީ އުކުޅުތައް ބޭނުންކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. މީގެ ސަބަބުން ކެންސަރު ބަލިމީހުންނަށް އަމާޒުކޮށްގެން ދެވޭ ޚާއްސަ ފަރުވާތަކާއި "ޕްރެސިޝަން މެޑިސިން" ގެ ދާއިރާއިން އާ އުއްމީދުތަކެއް ލިބިގެންދާނެއެވެ. މި ކާމިޔާބީއަކީ އެތައް އަހަރެއްގެ މެދުކެނޑުމެއްނެތް މަސައްކަތާއި، ބައިނަލްއަގުވާމީ އެކި ފަރާތްތަކުގެ އެއްބާރުލުމާއެކު ހޯދުނު ނަތީޖާއެއްކަންވެސް ބޫޝެހެރް ޔުނިވަރސިޓީން ފާހަގަކުރެއެވެ.
ސައިންސް އަދި ޓެކްނޮލޮޖީ ދާއިރާގެ މާހިރުން ދެކޭގޮތުގައި، މި ދިރާސާ ޝާއިއުކުރެވިގެންދިޔުމަކީ ކެންސަރުގެ ކުރިއަރާފައިވާ ދިރާސާތަކުގެ މައިދާނުގައި އީރާނުގެ އިލްމީ ގާބިލުކަން ބައިނަލްއަގުވާމީ ދުނިޔެއަށް ބަލައިގަތް ބޮޑު ބަދަލެކެވެ. އަދި މިފަދައިން ހޯދޭ ބޮޑެތި ކާމިޔާބީތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި އީރާނުގެ އެހެން ސައިންސްވެރިންނަށްވެސް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ސައިންޓިފިކް މަޖައްލާތަކުގައި އެމީހުންގެ ދިރާސާތައް ހިއްސާކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ.
Ads by MACL
