ޗައިނާއިން ޖާސޫސީ ކަންކަމަށް ޚާއްޞަ "މަދިރި ޑްރޯން" އެއް އުފައްދައިފި
ޗައިނާގެ ނޭޝަނަލް ޔުނިވަރސިޓީ އޮފް ޑިފެންސް ޓެކްނޮލޮޖީ (އެން.ޔޫ.ޑީ.ޓީ) އިން، ސިއްރުން ފާރަލުމުގެ ހަރަކާތްތަކަށް ޚާއްޞަކޮށްގެން ކުޑަކުޑަ ޖާސޫސީ ޑްރޯންއެއް އުފައްދާފައިވާކަން ހާމަވެއްޖެއެވެ.
"މަދިރި ޑްރޯން" ގެ ނަމުން ނަންދެވިފައިވާ މި އާލަތަކީ އާދައިގެ އިންސާނެއްގެ ލޮލަށް ފާހަގަކުރަން އުނދަގޫވާނޭހެން، މަދިރިއެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ އުދުހޭ އާލަތެކެވެ.
މި ޑްރޯންގެ ބަރުދަނުގައި ހުންނަނީ އެންމެ 0.3 ގްރާމަށްވުރެ ވެސް ލުއި މިންވަރެކެވެ. އަދި މިއީ އޭގެ ފިޔަގަނޑު ސިކުންތަކު 500 ފަހަރު ތަޅުވައިގަތުމުގެ ގާބިލުކަން ލިބިގެންވާ އެއްޗަކަށްވުމުން، ހަގީގީ މަދިރިއަކާ ވަރަށް އެއްގޮތް ހަރަކާތްތަކެއް އުދުހުމުގެ ތެރޭގައި ދައްކުވައިދެއެވެ.
މި ކުޑަކުޑަ އާލަތުގައި ސިއްރުން މައުލޫމާތާއި މަންޒަރު އެއްކުރުމަށް ބޭނުންކުރާ ޚާއްޞަ ސެންސަރުތަކެއް ހަރުކުރެވިފައިވެއެވެ. މި ސެންސަރުތަކުގެ އެހީގައި، މީހުންނަށް ކުޑަކޮށްވެސް ޝައްކުނުވާނޭހެން ފާރަލުމުގެ ބޮޑެތި އޮޕަރޭޝަންތައް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
އިންޓަނެޓްގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މި ޑްރޯން އިންސާނެއްގެ އިނގިލި ކުރިއަށް ޖައްސާއިރު، އޭގެ ފައިތައް ހަރަކާތްކުރާ ގޮތުންނާއި ބޭރުފުށުގެ ސިފަ ހުންނަ ގޮތުން ހަގީގީ މަދިރިއަކާ ވަކިކުރަން އުނދަގޫވެއެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އޭގެ ފައިތައް މައްޗަށް ބާލައި ތިރިކުރާ ގޮތުން އެއީ މެޝިނެއްކަން ދެނެގަނެވިދާނެއެވެ.
https://twitter.com/TheAIColonyRD/status/2066544883188252838މިފަދަ ޓެކްނޮލޮޖީއެއްގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ޖާސޫސީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މާހިރުން ލަފާކުރެއެވެ. އަދި މިއީ ފާރަލުމުގެ ނިޒާމުތަކަށް އަތުނުވެ، ކޮންމެ ފަދަ މާހައުލަކަށްވެސް ފޮނުވައިލެވިދާނެ ނުރައްކާތެރި އާލަތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
Ads by MACL
