ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޗައިނާގެ އަމިއްލަ އުފެއްދުންތަކުން އެންވީޑިއާގެ ބާރު ކަނޑުވާލައިފި

ޗައިނާގެ އަމިއްލަ އުފެއްދުންތަކުން އެންވީޑިއާގެ ބާރު ކަނޑުވާލައިފި

އެމެރިކާއިން ބޭރަށް، ޚާއްޞަކޮށް ޗައިނާއަށް އެންމެ ފަހުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕްތައް އެކްސްޕޯޓްކުރުން މަނާކުރުމާ ގުޅިގެން، ޗައިނާގެ އޭއައި މާކެޓް ކޮންޓްރޯލްކުރި އެމެރިކާގެ އެންވީޑިއާ ކުންފުނީގެ ހިއްސާ ޗައިނާގައި ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

މި ދަތިކުރުންތަކުގެ ސަބަބުން ޗައިނާއިން ވަނީ އަމިއްލަ ފައިމައްޗަށް ތެދުވެ، ޓެކްނޮލޮޖީގެ ރޭހުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަން ފަށާފައެވެ.

މިގޮތުން ޗައިނާގެ ހުއާވޭ ކުންފުނިން އުފައްދާފައިވާ "Ascend 910" ސީރީޒްގެ ޗިޕްތަކަކީ މިހާރު އެ ގައުމުގައި އެންވީޑިއާގެ ބަދަލުގައި އެންމެ ފުޅާކޮށް ބޭނުންކުރާ ޗިޕްތަކަށް ވެފައިވާއިރު، ޗައިނާގެ AI ޗިޕް މާކެޓުގެ ގާތްގަނޑަކަށް 50 އިންސައްތަ މިހާރު ކޮންޓްރޯލް ކުރަނީ ހުއާވޭއިންނެވެ. މީގެ އިތުރުން އަލީބާބާ އަދި މެއިޓުއާން ފަދަ ޗައިނާގެ ބޮޑެތި ކުންފުނިތަކުން ދަނީ އެމީހުންގެ އަމިއްލަ AI މޮޑެލްތައް ތަމްރީނުކުރުމަށް ސައްތައިންސައްތަ ޗައިނާގެ އަމިއްލަ ޗިޕްތައް ބޭނުންކުރަމުންނެވެ.

ޗައިނާ ސަރުކާރުން ވެސް ދަނީ މި މަސައްކަތަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކަށް ގަތުމަށް 9 AI ޗިޕެއް ރަސްމީކޮށް ހުއްދަދީ، ރައްކާތެރި ތަކެތީގެ ލިސްޓުގައި ހިމަނާފައިވެއެވެ. ޗައިނާގެ ކުންފުނިތަކުން އަމިއްލަ ޓެކްނޮލޮޖީ އުފެއްދުމަށް 240 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓް ރޭހެއް ފަށާފައިވާއިރު، ހުއާވޭގެ އިތުރުން އަލީބާބާގެ "T-Head Zhenwu"، ބައިދޫގެ "Kunlun" އަދި ކެމްބްރިކަން ޓެކްނޮލޮޖީސް ފަދަ ކުންފުނިތަކުން ދަނީ މި ރޭހުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

މާކެޓް ދިރާސާތަކުން ދައްކާ ގޮތުގައި ޗައިނާގެ AI ޗިޕް މާކެޓަކީ މިއަހަރު 21 ބިލިއަން ޑޮލަރުގެ މާކެޓެކެވެ. އަދި ހަލުވިކަމާއެކު ކުރިއަރަމުންދާ މި މާކެޓުގެ އަގު 2030 އަންނައިރު 67 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ.