ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އެމެރިކާގައި ހިނގި ވައިގެ ހާދިސާއެއްގައި އިންޑިއާގެ ޒުވާން ޓެކްނޮލޮޖީ މާހިރަކާއެކު 12 މީހުން މަރުވެއްޖެ

މިހާދިސާގައި  މަރުވި އިންޑިއާގެ ޒުވާން ޓެކްނޮލޮޖީ މާހިރެއް ކަމަށްވާ ސައި ކާތިކް ވަރްމާ ދާތުލާ --- ފޮޓޯ: އެންޑީ ޓީވީ
މިހާދިސާގައި މަރުވި އިންޑިއާގެ ޒުވާން ޓެކްނޮލޮޖީ މާހިރެއް ކަމަށްވާ ސައި ކާތިކް ވަރްމާ ދާތުލާ --- ފޮޓޯ: އެންޑީ ޓީވީ

އެމެރިކާގެ މިޒޫރީ ސްޓޭޓްގެ ބެއިޓްސް ކައުންޓީގައި ސްކައިޑައިވް ކުރާ ބަޔަކު ގޮވައިގެން ދަތުރުކުރި ކުޑަ މަތިންދާބޯޓެއް ވެއްޓި، އޭގައި ތިބި ހުރިހާ އެންމެން މަރުވެއްޖެއެވެ.

ބަޓްލަރ މެމޯރިއަލް އެއާޕޯޓުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ހިނގި މި ހާދިސާގައި ޕައިލެޓުގެ އިތުރުން 11 ސްކައިޑައިވަރުން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި އެމެރިކާގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 24 އަހަރުގެ އިންޑިއާގެ ޒުވާން ޓެކްނޮލޮޖީ މާހިރެއް ކަމަށްވާ ސައި ކާތިކް ވަރްމާ ދާތުލާ ވެސް ހިމެނެއެވެ.

ޔުނިވަރސިޓީ އޮފް ސެންޓްރަލް މިޒޫރީން ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ދާތުލާ އަކީ ހެލްތުކެއަރ ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތް ކުރަމުންދިޔަ ހުނަރުވެރި ޒުވާނެކެވެ. އޭނާ މިހާރު ވަޒީފާ އަދާކުރަމުންދިޔައީ އެޑްވެންޓްހެލްތު ކުންފުނީގައެވެ. މީގެ އިތުރުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޔުނައިޓެޑް ސްޓޭޓްސް ޕެރަޝޫޓް އެސޯސިއޭޝަންގެ ޓެކްނޮލޮޖީ ޑިރެކްޓަރ ޖެން ޝާޕް ވެސް ހިމެނޭ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

މި ހާދިސާ ހިނގާފައިވަނީ 2010 ވަނަ އަހަރު އުފައްދާފައިވާ ޕެސިފިކް އެއަރޮސްޕޭސް 750އެކްސްއެލް މަރުކާގެ ސިންގަލް އިންޖީނު ބޯޓެއްގައެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ބޯޓު ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ބިމުން ގާތްގަނޑަކަށް 100 ފޫޓު އުސްމިނުގައި ވަނިކޮށް ކުއްލިއަކަށް ވާތްފަރާތަށް އަނބުރާލިއެވެ. އަދި ބޯޓުގެ ބާރު ކެނޑެމުންދިޔަހެން ހީވި ކަމަށާއި، ޕައިލެޓް ބޯޓު ހައިވޭއަކަށް ތިރިކުރަން އުޅުނު ނަމަވެސް ކޮންޓްރޯލް ނެއްޓި، ބޯޓުގެ ކުރީކޮޅުން ބިމަށް ވެއްޓި އޭގައި ވަނީ އަލިފާން ރޯވެފައެވެ.

އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) އިން ބުނި ގޮތުގައި މި ބޯޓަކީ ސްކައިޑައިވިންގ އަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ ބޯޓެކެވެ. މި ހާދިސާ ހިނގުމުގެ ކުރިން ވެސް އެ ދުވަހު ދެ ދަތުރު ހިމެނޭހެން ފަހަކަށް އައިސް ކާމިޔާބު ނުވަ ދަތުރެއް މި ބޯޓު ކޮށްފައިވެއެވެ.

ވައިގެ ދަތުރުފަތުރުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ބޯޓުގައި ބްލެކް ބޮކްސްއެއް ހަރުކޮށްފައެއް ނުވެއެވެ. ނަމަވެސް، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މަންޒަރު ދުށް މީހުންގެ ބަޔާންތަކާއި ފޮޓޯ އަދި ވީޑިއޯތައް އެއްކޮށް، ތަޙުޤީޤު ކުރިއަށްދާ ކަމަށް އެ ބޯޑުން ހާމަކުރެއެވެ.