ބުދަ، 18 ނޮވެމްބަރު 2026
މުނިފޫހިފިލުވުން

ޑޮކިއުސީރީޒް "މާޑަރ 101" އަންނަ ޖުލައި މަހު އެމެޒޯން ޕްރައިމްއަށް

ޑޮކިއުސީރީޒް "މާޑަރ 101" އަންނަ ޖުލައި މަހު އެމެޒޯން ޕްރައިމްއަށް

އެމެރިކާގެ ޓެނެސީގެ އެލިޒަބެތަން ހައިސްކޫލްގެ ސޯޝިއޮލޮޖީ ކްލާހެއްގެ ދަރިވަރުންތަކެއް، މީގެ އަހަރުތަކެއް ކުރިން ހިނގާފައިވާ "ރެޑްހެޑް މާޑާސް" ގެ ނަމުން މަޝްހޫރުވި ގާތިލްގެ ސިލްސިލާ ކޭސްތަކެއް އަލުން ތަހުގީގު ކުރަން ފެށި ހާދިސާތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އާ ތުރޫ-ކްރައިމް ޑޮކިއުސީރީޒް "މާޑަރ 101" އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށް ދޫކޮށްލުމަށް ނިންމައިފިއެވެ.

ތިން އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ޑޮކިއުސީރީޒްގައި ދައްކުވައިދެނީ އެ ކްލާހުގެ ޓީޗަރު އެލެކްސް ކޭމްޕްބެލްގެ އިރުޝާދުގެ ދަށުން، ކްލާސްރޫމް ހަގީގީ ތަހުގީގީ މައިދާނަކަށް ބަދަލުކޮށްލައިގެން ދަރިވަރުން ކުރިއަށްގެންދިޔަ ހައިރާންކުރުވަނިވި މަސައްކަތްތަކެވެ.

މި ސިލްސިލާގައި ކޭސްތަކާ ގުޅުންހުރި އެކި ފަރާތްތަކާއެކު ބާއްވާފައިވާ އިންޓަވިއުތަކާއި، މީގެ ކުރިން މީހުންގެ ސަމާލުކަމަށް ނައިސް ދޫކޮށްލެވިފައިވާ މުހިންމު ހެކިތަކާއި އާދަޔާ ހިލާފު އަމަލުތައް ދަރިވަރުން ދެނެގަތް ގޮތް ތަފްސީލުކޮށް ގެނެސްދެއެވެ. ދެކުނުގެ ސަރަހައްދުތަކުގައި ހިނގާފައިވާ މި މަރުގެ ހާދިސާތަކުގެ ހަގީގަތާ ހަމައަށް ދިއުމަށް ދަރިވަރުން ކުރި މަސައްކަތުން، ކަންކަމުގެ ފުންމިނަށް ވާސިލުވެއްޖެނަމަ ކޮންމެ ފަދަ އޮޅުންބޮޅުން ބޮޑު ކޭސްއެއްވެސް ހައްލުކުރެވިދާނެކަން މި ސީރީޒްއިން ސާބިތުކޮށްދެއެވެ.

ސްޓޭސީ ލީ ޑައިރެކްޓްކޮށް، ޖޯން ވޮޓްސް، ސްޓެފަނީ ލައިޑެކާ އަދި ޑިއާން މެކްގީގަލް ޕްރޮޑިއުސްކޮށްފައިވާ މި ޑޮކިއުސީރީޒް އުފައްދާފައިވަނީ ކޭޓީ ސްޓޫޑިއޯސް އަދި ފްރެޝްމޭން އިޔާ ގުޅިގެންނެވެ. ހަގީގީ ދަރިވަރުންނާއި ޓީޗަރު ފެނިގެންދާ މި ޝައުގުވެރި ސީރީޒްއަށް މިހާރުވެސް އައިއެމްޑީބީ (IMDb) ގައި 6.3 ގެ ރޭޓިންއެއް ލިބިފައިވެއެވެ.

މުނިފޫހިފިލުވުން

އިތުރަށް ←