"އަހަރެންވެސް އަދި އިޓަލީވެސް ސަލާންޖަހާކަށް ނުޖެހޭނެ": ޓްރަމްޕްގެ ވާހަކަތަކަށް މެލޯނީ ރައްދުދީފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއާ ބެހޭގޮތުން ދެއްކި ވާހަކަތަކަކީ މުޅިން ހަދައިގެން ދައްކާފައިވާ ދޮގު ވާހަކަތަކެއް ކަމަށް ބުނެ މެލޯނީ އޭނާއަށް ވަރުގަދަ ރައްދެއް ދީފިއެވެ.
ޓްރަމްޕް އިޓަލީގެ ޓީވީ ޗެނަލެއް ކަމަށްވާ ލާ7 އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ، ޖީ7 ސަމިޓުގެ ތެރެއިން އޭނާއާއެކު ފޮޓޯއެއް ނެގުމަށް މެލޯނީ ވަރަށް ބޮޑަށް "އާދޭސްކުރި" ކަމަށެވެ. އަދި އޭނާ އެ ފޮޓޯ ނެގީ މެލޯނީއާ މެދު ދެރަވެގެން ކަމަށާއި، މެލޯނީއާ ވާހަކަދައްކަން އޭނާއަށް މަޖުބޫރު ނޫން ކަމަށްވެސް ޓްރަމްޕް ބުންޏެވެ.
މި ވާހަކަތަކާ ގުޅިގެން މެލޯނީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޓްރަމްޕްގެ ވާހަކަތަކުގެ ސަބަބުން އޭނާ ހައިރާންވެ އަންތަރީސްވެފައިވާ ކަމަށެވެ. އަދި އެމެރިކާގެ ރައީސް އޭނާގެ އަމިއްލަ ބައިވެރިންނާ މެދު މިފަދަ ގޮތަކަށް ކަންތައް ކުރަނީ ކީއްވެގެންކަން ނޭނގޭ ކަމަށާއި، މިއީ ޓްރަމްޕް އޭނާގެ އެކުވެރި ގައުމުތަކުގެ ވެރިންނަށް މިފަދަ ގޮތަކަށް ފުރައްސާރަ ކުރި ފުރަތަމަ ފަހަރު ނޫން ކަމަށްވެސް މެލޯނީ ފާހަގަކުރިއެވެ.
Ads by BMLމީގެ އިތުރުން ހުޅަނގުގެ ދުޝްމަނުންނާއި އެމެރިކާގެ ހަތުރުންނަށް ދައްކާ މަޑުމޮޅިކަން އަމިއްލަ އެކުވެރިންނަށް ޓްރަމްޕް ނުދައްކާ ކަމަށާއި، ނަމަވެސް އޭނާއާއި އިޓަލީއަކީ ދުވަހަކުވެސް މީހުންގެ ކުރިމަތީގައި ސަލާންޖަހާނެ ބައެއް ނޫންކަން ޓްރަމްޕް ހަނދާންކުރަންޖެހޭނެ ކަމަށް މެލޯނީ ބުންޏެވެ.
ޓްރަމްޕްގެ މި ބަސްތަކާ ގުޅިގެން ކޯފާވެގެން، އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ލޯޔާނީ ވަނީ އެމެރިކާއަށް ކުރަން އޮތް ރަސްމީ ދަތުރު ކެންސަލްކޮށްފައެވެ. ޓްރަމްޕްގެ ހުތުރު ބަސްތަކަކީ މުޅި އިޓަލީއަށް ކުރި އިހާނެތްތެރިކަމެއް ކަމަށް ބުނެ، ޖޫން 21 އަދި 22 ގައި އެމެރިކާއަށް ދިއުމަށް ހަމަޖެހިފައި އޮތް އޮތުން އޭނާ ވަނީ ހުއްޓާލާފައެވެ.
އިޓަލީ ސަރުކާރުގެ އެހެން މިނިސްޓަރުންވެސް ވަނީ ޓްރަމްޕްގެ މި އަމަލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ބޮޑުވަޒީރުގެ އޮފީހުގެ އަންޑަރސެކްރެޓަރީ ޖިއޮވަންބަޓިސްޓާ ފައްޒޮލާރީ ބުނީ، ޓްރަމްޕް ގަސްދުގައި ނުވަތަ ނޭނގި ނަމަވެސް އެމެރިކާއާއި ޔޫރަޕުގެ ތާރީޚީ ގުޅުން ހަލާކުކުރަމުންދާ ކަމަށެވެ. އަދި އިޓަލީގެ ޑިފެންސް މިނިސްޓަރު ގުއިޑޯ ކުރޮސެއްޓޯ ބުނިގޮތުގައި، ބިރުދެއްކިޔަސް މެލޯނީ މީހެއްގެ ކައިރީގައި ފޮޓޯއަކަށް އާދޭސް ނުކުރާނެ ކަމަށާއި، ޓްރަމްޕްގެ މިފަދަ ސަމާސާ ވާހަކަތަކުގެ ސަބަބުން އެއްވެސް ގައުމަކަށް ފައިދާއެއް ނުކުރާނެއެވެ.
މި ދެ ގައުމުގެ ގުޅުން ގޯސްވެފައި މިވަނީ، މީގެ ކުރިން ޕޯޕް ލިއޯ އަށް ފާޑުކިޔައި ޓްރަމްޕް ދެއްކި ވާހަކަތަކަކާ ގުޅިގެން މެލޯނީ ޓްރަމްޕަށް ފާޑުކިޔާފައި ވަނިކޮށެވެ. އެފަހަރު މެލޯނީގެ ފާޑުކިޔުންތަކާ ގުޅިގެން ޓްރަމްޕް ވަނީ މެލޯނީގެ ކިބައިގައި އެއްވެސް ހިތްވަރެއް ނެތް ކަމަށް ބުނެ ކުރިންވެސް ބަހުގެ ހަމަލާއެއްދީފައެވެ.
Ads by MACL
