ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު ހައިޑްރޯއިލެކްޓްރިކް ޑޭމް ބިނާކުރަން ޗައިނާއިން ފަށައފި

ދުނިޔޭގެ އެންމެ ބޮޑު ހައިޑްރޯއިލެކްޓްރިކް ޑޭމް ބިނާކުރަން ޗައިނާއިން ފަށައފި

ޗައިނާއިން ތިބަތުގެ ޔާރްލުންގް ޓްސަންގްޕޯ ކޯރުގެ ތިރީ ސަރަޙައްދުގައި ދުނިޔޭގެ އެންމެ ބޮޑު ހައިޑްރޯއިލެކްޓްރިކް ޑޭމް (ފެންބޮޑުކުރާ ބަންޑު) ބިނާކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި ބިޔަ މަޝްރޫއު ކުރިއަށްދަނީ އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގެ ބޯޑަރާ އެންމެ 50 ކިލޯމީޓަރު ދުރުގައެވެ. މިއީ 60،000 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ލިބިގެންވާ "މެޑޯގް ހައިޑްރޯޕަވަރ ޕްރޮޖެކްޓް" އެކެވެ.

މި މަޝްރޫއަށް ރައްދު ދިނުމުގެ ގޮތުން އިންޑިއާއިން ދަނީ އަރުނާޗަލް ޕްރަދޭޝްގެ ސިއާންގް ކޯރުގައި 11،000 މެގަވޮޓްގެ ބިޔަ މަޝްރޫއެއް ކަމަށްވާ "ސިއާންގް އެޕަރ މަލްޓިޕާޕަސް ޕްރޮޖެކްޓް" (SUMP) ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އިންޑިއާގެ ސަރުކާރު ހިއްސާވާ އެން.އެޗް.ޕީ.ސީ އިން ކުރިއަށްގެންދާ މި މަޝްރޫއަކީ ގާތްގަނޑަކަށް 13 ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ. މިއީ ކާމިޔާބުވެއްޖެ ނަމަ އިންޑިއާގައި ބިނާކުރާ އެންމެ ބޮޑު ހައިޑްރޯޕަވަރ މަޝްރޫއަށް ވެގެންދާނެއެވެ.

ނަމަވެސް ދެ ގައުމުގެ މަޝްރޫއުތަކަށް ބަލާއިރު އިންޑިއާއަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ޗައިނާގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާއިރު، އިންޑިއާގެ މަޝްރޫއު އަދި އޮތީ ދިރާސާކުރުމުގެ މަރުހަލާގައެވެ. އަމަލީ އެއްވެސް މަސައްކަތެއް އަދި ފެށިފައެއް ނުވެއެވެ. އަދި ޗައިނާގެ ޑޭމްގެ ސައިޒު އިންޑިއާއިން ހަދަން އުޅޭ ޑޭމަށްވުރެ މާ ބޮޑެވެ.

ޗައިނާއިން ބިނާކުރާ މި ޑޭމްގެ ސަބަބުން ތިމާވެށީގެ ގޮތުންނާއި އިގްތިސާދީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް މާހިރުން އިންޒާރު ދެއެވެ. ޔާރްލުންގް ޓްސަންގްޕޯ ކޯރަކީ އިންޑިއާއަށް ވަދެގެން ދާއިރު ސިއާންގް ކޯރުގެ ނަމުން އަދި އެއަށްފަހު ބްރަހްމަޕުތުރާ ކޯރުގެ ނަމުން މަޝްހޫރުވެފައިވާ، އެތައް މިލިއަން ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ކޯރެކެވެ. މި ފަދަ ބޮޑު ބަންޑެއް ޖެހުމުން ފެން ދައުރުވާ ގޮތް ބަދަލުވެ، ދަނޑުވެރިކަމަށް ހުރަސްއެޅި، ތިރީ ސަރަޙައްދުތަކަށް ކުއްލި ފެންބޮޑުވުމުގެ ކާރިސާތައް ކުރިމަތިވެދާނެއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ބްރަހްމަޕުތުރާ ކޯރުގެ ސަރަޙައްދުގައި ޗައިނާއިން ހިންގާ ހުރިހާ ހަރަކާތްތަކެއް އިންޑިއާއިން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އަދި ތިރީ ސަރަޙައްދުތަކުގެ ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައިވެއެވެ. އިންޑިއާއިން ޗައިނާގެ ކިބައިން ކަންކަން ހާމަކުރުމަށާއި މަޝްވަރާ ކުރުމަށް އެދެމުންދިޔަ ނަމަވެސް، އެކަމަށް ޗައިނާއިން އެދެވޭ އިޖާބައެއް ދީފައެއް ނުވެއެވެ.

އިންޑިއާއިން ބިނާކުރަން އުޅޭ ޑޭމްގެ ބޭނުމަކީ ހަމައެކަނި ކަރަންޓު އުފެއްދުމެއް ނޫނެވެ. އޭގެ މައިގަނޑު އެއް ބޭނުމަކީ ކޯރުގެ ފެންގަނޑު ކޮންޓްރޯލްކޮށް، ފެންބޮޑުވުމުގެ ހާދިސާތަކުން ސަލާމަތްވުމާއި، ޗައިނާއިން ފެންގަނޑުގެ މިސްރާބު ބަދަލުކޮށްފާނެތީ އެކަމުން ދިފާއުވުމެވެ. މި ދަނޑިވަޅުގައި އިންޑިއާއިން ދަނީ އިރުއުތުރު ސަރަޙައްދުތަކުގެ ފެންބޮޑުވުންލަފާކުރާ ނިޒާމުތަކާއި އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.