ކޮވިޑް ފެތުރެން މެދުވެރިވި ވޫހާން ލެބަށް އެމެރިކާގެ އިސް ސައިންސްވެރިޔަކު ފަންޑުކުރި
ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން މެދުވެރިވި ކަމަށް ބެލެވޭ ޗައިނާގެ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއަށް އެމެރިކާގެ އިސް ސައިންސްވެރިޔާ އަދި ކުރީގެ ޗީފް މެޑިކަލް އެޑްވައިޒަރު އެންތަނީ ފައުޗީ ފަންޑުކުރި ކަމުގެ ބޮޑެތި ތުހުމަތުތަކެއް، އެމެރިކާގެ ޑިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް (ޑީއެންއައި) ގެ މަގާމުން ވަކިވި ތުލްސީ ގެބާޑް ކޮށްފިއެވެ.
ގެބާޑް ބުނި ގޮތުގައި ފައުޗީ ވަނީ އެމެރިކާގެ ޓެކްސް ފައިސާއިން މިލިއަނުން ޑޮލަރު ވޫހާން ލެބަށް ފޯރުކޮށްދީފައެވެ.
މަގާމުގެ ފަހު ދުވަހު އާންމުކުރި ލިޔެކިޔުންތަކަކަށް ހަވާލާދީ ގެބާޑް ބުނީ، ވޫހާން ލެބްގައި ވާލުގެ ކޮރޯނާވައިރަސް ބޭނުންކޮށްގެން ހިންގި ނުރައްކާތެރި "ގެއިން-އޮފް-ފަންކްޝަން" ރިސާޗްތަކަށް ފައުޗީ މާލީ އެހީތެރިކަން ދީފައިވާ ކަމަށެވެ. އަދި މި ވައިރަސް ލެބުން ބޭރުވި ގޮތުގެ ހަގީގަތް ފޮރުވުމަށްޓަކައި، ފައުޗީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އިންޓެލިޖެންސް އިދާރާތަކުގެ ހޯދުންތަކަށް ބަދަލު ގެނެސްފައިވާ ކަމަށްވެސް ގެބާޑްގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރު އެމެރިކާގެ ކޮންގްރެސްގައި ހުވާމަތީގައި ހުރެ ފައުޗީ ދޮގު ހަދާފައިވާ ކަމަށްވެސް ގެބާޑް ތުހުމަތު ކުރެއެވެ. އެގޮތުން ވައިރަސްގެ ދިރާސާތަކާ ގުޅޭގޮތުން އިންޓެލިޖެންސް އޮފިޝަލުންނާއެކު އެއްވެސް މަޝްވަރާއެއް ކުރިކަމުގެ މައުލޫމާތެއް ނެތް ކަމަށް ބުނެ ފައުޗީ ހަދާފައިވަނީ ދޮގެއް ކަމަށް ބަޔާނުގައިވެއެވެ.
ގެބާޑްގެ އޮފީހުން އިތުރަށް ބުނެފައިވަނީ، ފައުޗީ ބޭނުންވީ ކޮވިޑް-19 އަކީ ގުދުރަތީ ގޮތުން ޖަނަވާރުންގެ ކިބައިން އުފެދުނު އެއްޗެއްގެ ގޮތުގައި ދެއްކުމަށެވެ. އެއީ އޭނާ ފަންޑުކުރި ނުރައްކާތެރި ދިރާސާތައް ފޮރުވުމުގެ ބޭނުމުގައި ކަމަށާއި، މިކަމުގެ ސަބަބުން ހަގީގަތް ހާމަކުރަން އުޅުނު ސައިންސްވެރިންނަށް ބިރުދައްކައި އެކަހެރިކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. މި ތުހުމަތުތަކާ ގުޅިގެން ފައުޗީގެ ފަރާތުން އަދި އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.
Ads by MACL
