ބުދަ، 18 ނޮވެމްބަރު 2026
ސިޔާސީ

ފައްޔާޒް ބާކީކޮށް ނަޝީދު ރިޔާސީ ރޭހަށް ނެރެން އުޅުމުން އެމްޑީޕީ ހޫނުވެއްޖެ

ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިންގައި ނަޝީދު ވިދާޅުވީ ރިޔާސީ ރޭހަށް ނުނިކުންނަވާނޭކަމަށް ---
ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިންގައި ނަޝީދު ވިދާޅުވީ ރިޔާސީ ރޭހަށް ނުނިކުންނަވާނޭކަމަށް ---

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ފައްޔާޒް އިސްމާއިލަށް ދިނުމުގެ ބަދަލުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ ރޭހަށް ނެރުމަށް ޕާޓީގެ އެތެރޭގައި ބަހުސްތަކެއް ފެށި، އެމްޑީޕީ ތެރޭގައި އަނެއްކާވެސް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިއްޖެއެވެ.

ޕާޓީގެ މެމްބަރުން ތިބޭ "ބޮޑު ބަދަލު" ވަޓްސްއެޕް ގްރޫޕުގައި ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވާހަކަދައްކަން ފެށުމާއެކު، މިއީ ޕާޓީ ބައިބައިނުކޮށް އެންމެން އެކުގައި ކުރިއަށްދާންވީ ވަގުތު ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ބަހުސް ހޫނުވެފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށާއި ފައްޔާޒަށް ތާއީދުކުރައްވާނެ ކަމަށް ނަޝީދު ކުރިން ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް ގްރޫޕުގައި އަޑުއުފުލި މެމްބަރުން ބުނަމުންދަނީ 2012 ވަނަ އަހަރު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލާފައިވާތީ، އިންސާފު ހޯދައިދިނުމުގެ ގޮތުން ވެސް އިތުރު ދައުރެއް އެމަނިކުފާނަށް ހައްގުވާ ކަމަށެވެ. މި ވާހަކަތަކަށް ރައްދުދީ އެހެން މެމްބަރުން ބުނީ މިވަގުތަކީ ރޭހުގެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން ކަމަށާއި، މިހާރު މަސައްކަތް ކުރަންވީ ތަކެތީގެ އަގުބޮޑުވުމާއި ވަޒީފާގެ ދަތިކަމަށް ހައްލު ހޯދައިދީ ޕާޓީ ވަރުގަދަކުރަން ކަމަށެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު ވިދާޅުވީ، 2012 ގެ ހާދިސާއަށްފަހު 2013 ގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ނަޝީދަށް ދީފައިވާނެ ކަމަށެވެ. އަދި އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު ފާހަގަކުރެއްވި ގޮތުގައި، ނަޝީދާއި ފައްޔާޒް ބައިބައިކޮށްލަން އެހެން ބަޔަކު އުންމީދު ކުރި ނަމަވެސް، މިފަހަރު ދެ ބޭފުޅުން ތިއްބެވީ މާ ބޮޑަށް ރާވައިގެން ސާބިތުކަމާއެކުގައެވެ. އެހެންކަމުން އާންމު މެމްބަރުންގެ ޒިންމާއަކީ އެ ދެބޭފުޅުން އެއްބަސްވެފައިވާ ގޮތަށް ޕާޓީ ކުރިއަށް ނެރުން ކަމަށް އޭނާ ވިދާޅުވިއެވެ.