ގާނާގެ ބަދަހި ޑިފެންސް ފޫއަޅުވައެއް ނުލެވުނު، ވަރުގަދަ އިންގްލެންޑް އެއްވަރުވެ ސިއްސުވާލައިފި
ވޯލްޑް ކަޕްގެ ގްރޫޕް އެލްގައި ކުޅުނު ފޯރިގަދަ މެޗުން، މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބޮޑަށް ބެލެވުނު އިންގްލެންޑް ސިއްސުވާލުމަށް ފަހު ގާނާއިން 0-0 އިން މެޗު އެއްވަރުކޮށް، މުހިންމު ޕޮއިންޓެއް ހޯދައިފި އެވެ.
މި ބައްދަލުވުމަށް އިންގްލެންޑް ނުކުތީ ފުރަތަމަ މެޗުގައި ކްރޮއޭޝިއާގެ މައްޗަށް 4-2 އިން ކުރިހޯދައި، މޮޅުވާނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކުގަ އެވެ. ނަމަވެސް، ފޮކްސްބޮރޯގެ ބޮސްޓަން ސްޓޭޑިއަމްގައި ބޯކޮށް ވާރޭވެހެމުންދިޔަ މާހައުލެއްގައި ކުޅުނު މި މެޗުގައި އިންގްލެންޑަށް ގާނާގެ ގޯލު ހުޅުވާލެވޭ ގޮތް ވަނީ ނުވެފަ އެވެ. މި ނަތީޖާއާއެކު ދެ ޓީމަށް ވެސް މިހާރު 4 ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕުގެ އެއްވަނަ މަގާމުގައި އޮވެ ގަދަ 32 ގެ ބުރަށް ދަތުރުކުރުމުގެ ފުރުސަތު ދެ ގައުމަށް ވެސް ވަރަށް ބޮޑެވެ.
މުޅި މެޗުގައި ބޯޅަ ހިފަހައްޓައިގެން ގޭމް ކޮންޓްރޯލް ކުރަމުންދިޔައީ އިންގްލެންޑުންނެވެ. ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު އިންގްލެންޑް ޓީމުން ގާނާގެ ގޯލަށް އަމާޒުކޮށް 19 ހަމަލާއެއް ފޮނުވާލި ނަމަވެސް، ގާނާގެ ފަހަތުން ފެނުނު ބަދަހި ޑިފެންސްގެ ސަބަބުން އިންގްލެންޑަށް ސީދާ ގޯލަށް ފޮނުވާލެވުނީ އެންމެ ތިން ހަމަލާ އެވެ.
Ads by BMLދެ ޓީމުގެ ފަރާތުން ވެސް ފަރުވާތެރި ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާނުލެވި އެވެ. އެ ހާފުގެ ކުޅުން ނިމިގެން ކުޅުންތެރިން ދަނޑުން ފޭބި ވަގުތު، އިންގްލެންޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް އާއި ގާނާގެ ކޯޗު ކާލޯސް ކުއިރޯޒާ ދެމެދު ޓަނަލް ތެރޭގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވި، މަސްރަހު ވަރަށް ބޮޑަށް ހޫނުވި އެވެ.
މެޗުގެ ދެވަނަ ހާފުގައި އިންގްލެންޑުގެ އެޓޭކް ވަރުގަދަކުރުމުގެ ގޮތުން ކޯޗު ޓުޗެލް ވަނީ ބުކާޔޯ ސަކާ އާއި އެބެރެޗީ އެޒޭ ފަދަ ހުނަރުވެރި ކުރީލައިނުގެ ކުޅުންތެރިން ދަނޑަށް ނެރެ ބަދަލުތަކެއް ގެނެސްފަ އެވެ.
މެޗުގެ ފޯރިގަދަވި އެއް ވަގުތަކީ 80 ވަނަ މިނިޓުގައި ގާނާގެ ޕްރިންސް އަދޫއަށް އިންގްލެންޑްގެ އެޒްރީ ކޮންސާ ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއަކާއި ރަތް ކާޑެއް ދޭން ޖެހުނު ދަނޑިވަޅެވެ. ނަމަވެސް، އެ ފައުލް ކުރުމުގެ ކުރިން އަދޫ އޮފްސައިޑް ވެފައިވުމުން ވީއޭއާރުން އިންގްލެންޑް ސަލާމަތްވީ އެވެ.
މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް އިންގްލެންޑަށް މެޗުން މޮޅުވާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. އެގޮތުން ބަދަލު ކުޅުންތެރިޔާ ސަކާ ފޮނުވާލި ނުރައްކާތެރި ހަމަލާ ގާނާގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.
އޭގެ ކުޑަކޮށް ބާބެއް ފަހުން، ރީސް ޖޭމްސް ނަގައިދިން ހުރަހަކުން ނިކޯ އޯރިލީ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ބޯޅަ، ކެޕްޓަން ހެރީ ކޭންއަށް މުޅިން ހުސްކޮށް ލިބުމުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.
Ads by MACL
