ބުދަ، 18 ނޮވެމްބަރު 2026
ފިފާ ވޯލްޑް ކަޕް 2026

ފީފާގެ އާ ވިޔަފާރި ޕްލޭނަށް ތާއީދުނުކޮށްފިނަމަ ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާންޖެހޭނެކަމުގެ އިންޒާރު އިންފަންޓީނޯ ދެއްވައިފި

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ---
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ---

ފީފާގެ މުބާރާތްތަކުގެ ވިޔަފާރި އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެކުލަވާލާފައިވާ އާ ޕްލޭނަށް ތާއީދު ނުކޮށްފިނަމަ، މެންބަރު ކޮންމެ ގައުމަކަށް 30 މިލިއަން ޑޮލަރުގެ މާލީ ގެއްލުމެއް ކުރިމަތިވެދާނެ ކަމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަންގަވައިފިއެވެ.

މިއީ "ފީފާ ފޯވަޑް އެންޓަޕްރައިޒަސް" (އެފްއެފްއީ) ގެ ނަމުގައި ސެމީ-ޕްރައިވެޓް ކުންފުންޏެއް އުފައްދައި، މުބާރާތްތަކުގެ ވިޔަފާރި ބައިތަކުން އަމިއްލަ އިންވެސްޓަރުންނަށް ހިއްސާ ވިއްކުމަށް ފީފާއިން ނިންމި ނިންމުމާ ގުޅިގެން މެންބަރު ގައުމުތަކަށް އިންފަންޓީނޯ ފޮނުއްވި ސިޓީއެއްގައި ދެއްވާފައިވާ އިންޒާރެކެވެ. އިނގިރޭސިވިލާތުގެ ދި އިންޑަޕެންޑެންޓް ނޫހަށް ކޮޕީއެއް ލިބިފައިވާ މި ސިޓީއާ ގުޅޭގޮތުން ރާއްޖޭގެ ފުޓްބޯޅަ އިދާރާ (އެފްއޭއެމް) އިން ބުނީ އެފަދަ ސިޓީއެއް އެ އެސޯސިއޭޝަނަށް އަދި ލިބިފައިނުވާ ކަމަށެވެ.

އިންފަންޓީނޯގެ ސިޓީގައިވާ ގޮތުން، މި ޕްލޭނަށް ވޯޓުދޭ މެންބަރު އެސޯސިއޭޝަންތަކަށް އެއްފަހަރާ 20 މިލިއަން ޑޮލަރުގެ މާލީ އެހީއެއް ހަމަޖައްސައިދެވޭނެއެވެ. ނަމަވެސް، މި ވޯޓު ފާސްނުވެއްޖެނަމަ ކުރިއަށް އޮތް ދައުރުގައި ލިބޭނީ އެންމެ 10 މިލިއަން ޑޮލަރު ކަމަށްވާތީ، ވޯޓާ ދެކޮޅުހަދާ ގައުމުތަކަށް ބޮޑު މާލީ އުނިކަމެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އާ ކުންފުނީގެ އިންވެސްޓްމަންޓްތަކުން މި އަހަރު ނިމުމުގެ ކުރިން 4.2 ބިލިއަން ޑޮލަރު ހޯދުމަށް ފީފާއިން އަމާޒުހިފާފައިވާއިރު، އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި ކުންފުނީގެ ހިއްސާ ގަންނަން އުޅެނީ އެމެރިކާގެ "ތުރައިވް ކެޕިޓަލް" އާއި މަޝްހޫރު ޖޭޕީ މޯގަން ޗޭސް ބޭންކުންނެވެ.

ނަމަވެސް ފީފާގެ މި ހުށަހެޅުމަށް ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ) އާއި ބައެއް ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި، ފީފާއިން އުޅެނީ ފުޓްބޯޅައިގެ "ފުރާނަ" ވިއްކާލަން ކަމަށް ތުހުމަތުކޮށްފައެވެ. އެކަމަކު ޗެކް ރިޕަބްލިކުން ވަނީ މި ޕްލޭނަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ފީފާ ކޮންގްރެސްއަށް މި ހުށަހެޅުން ހުށަހަޅަން ތައްޔާރުވަމުންދާއިރު، މިއީ ފާސްކުރުމަށް ފީފާގެ މެންބަރު ގައުމުތަކުގެ 50 އިންސައްތައަށްވުރެ މަތީ ވޯޓުގެ އިތުރުން 38 މެންބަރުން ހިމެނޭ ފީފާ ކައުންސިލްގެ ތާއީދު ބޭނުންވާ ނިންމުމެކެވެ.

ފިފާ ވޯލްޑް ކަޕް 2026

އިތުރަށް ←