ބުދަ، 18 ނޮވެމްބަރު 2026
ފިފާ ވޯލްޑް ކަޕް 2026

ވޯލްޑްކަޕް ފައިނަލް ކުޅުވި ރެފްރީ ސްލަވްކޯ ވިންސިޗް ރިޓަޔަރވެއްޖެ

ވޯލްޑްކަޕް ފައިނަލް ކުޅުވި ރެފްރީ ސްލަވްކޯ ވިންސިޗް ރިޓަޔަރވެއްޖެ

2026 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ފައިނަލް މެޗު ކުޅުވި ސްލޮވޭނިއާގެ މަޝްހޫރު ރެފްރީ ސްލަވްކޯ ވިންސިޗް، ރެފްރީކަން ކުރުމުން ރިޓަޔަރވިކަން އިއުލާނުކޮށްފިއެވެ.

އުމުރުން 46 އަހަރުގެ ވިންސިޗް ރެފްރީކަމުން ރިޓަޔަރވީ މުބާރާތް ނިމުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

އެމެރިކާގެ ނިއުޖާޒީގައި ޖުލައި 19 ގައި ކުޅުނު މި ފައިނަލް މެޗުގައި ސްޕެއިންއިން ވަނީ 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކޮށް ދެވަނަ ފަހަރަށް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. ފުރަތަމަ 90 މިނެޓު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުމުން، ސްޕެއިންގެ މޮޅުވި ލަނޑު އެކްސްޓްރާ ޓައިމްގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ބާސެލޯނާގެ ފެރާން ޓޮރޭސްއެވެ.

މި ނިންމުން އައިސްފައިވަނީ ފައިނަލް މެޗުގައި ވިންސިޗް މެޗު ކުޅުވި ގޮތާމެދު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ޚާއްޞަކޮށް އާޖެންޓީނާގެ ހަރުކަށި އަދި އަނިޔާވެރި ކުޅުމަށް އޭނާ ފުރުޞަތު ދިން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި ޗެލްސީގެ އެންޒޯ ފެނާންޑޭޒަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކި ނަމަވެސް، އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.

ސްލޮވޭނިއާ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގައި ކުޅުނު ވޯލްޑްކަޕް ފައިނަލަށް އެއް ހަފްތާ ފަހުން ވިންސިޗް ވަނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ހުރެ، އޭނާގެ ތާރީޚީ ރެފްރީ ކެރިއަރަށް ނިމުން ގެނެސްފައި ކަމަށެވެ. ވިންސިޗްއަކީ ވޯލްޑްކަޕްގެ ގްރޭންޑް ފައިނަލެއް ކުޅުވި ފުރަތަމަ ސްލޮވޭނިއާގެ ހެޑް ރެފްރީއެވެ.

އޮންލައިންކޮށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯޅަ ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސް (IFFHS) އާއި އިޓަލީގެ ރެފްރީންގެ ޖަމިއްޔާ (AIA) އިން ވަނީ އޭނާއަކީ ވޯލްޑްކަޕްގެ އެންމެ މޮޅު ރެފްރީގެ ގޮތުގައި ހޮވާފައެވެ. އަދި އިޓަލީގައި ދޭ މަތީ ޝަރަފުވެރި ޖިއުލިއޯ ކަމްޕަނާޓީ އެވޯޑުވެސް އޭނާ ވަނީ ހާސިލްކޮށްފައެވެ.

މި ފަހަރުގެ ވޯލްޑްކަޕްގައި ވިންސިޗް ޖުމްލަ 4 މެޗު ކުޅުވާފައިވެއެވެ. އޭގެ ތެރޭގައި ގަދަ 16 ގެ މެޗުގައި މެކްސިކޯއިން 2-0 އިން އިކުއެޑޯރު ބަލިކުރި މެޗުގައި އާސެނަލްގެ ޕިއެރޯ ހިންކަޕީއަށް ރަތް ކާޑު ދެއްކި ބަހުސްގަދަ މެޗުވެސް ހިމެނެއެވެ.

2019 ވަނަ އަހަރުން ފެށިގެން ޔުއެފާގެ އެލީޓް ރެފްރީންގެ ގުރޫޕުގައި ހިމެނޭ ވިންސިޗް ވަނީ ޔޫރޯ 2020 އަދި 2024 ގެ މެޗުތަކުގެ އިތުރުން 2024 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ރިއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗުވެސް ކުޅުވާފައެވެ. މީގެއިތުރުން 2022 ގެ ޔޫރޮޕާ ލީގު ފައިނަލާއި 2025 ގައި ތުރުކީގެ ގަލަތަސަރާއީ އާއި ފެނާބަހްޗޭ ބައްދަލުކުރި މެޗު ކުޅުވި ފުރަތަމަ ބިދޭސީ ރެފްރީގެ ޝަރަފުވެސް އޭނާ ހޯދިއެވެ.

ފައިނަލް މެޗަށްފަހު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުން ހިނގާފައިވާއިރު، ލެއަންޑްރޯ ޕަރޭޑޭސް، ގާވީ ވައްޓާލި މައްސަލަ ފީފާއިން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ވިންސިޗްއަކީ "ކޮރަޕްޓް" ރެފްރީއެއް ކަމަށް ބުނެ، ފައިނަލް މެޗު އަލުން ކުޅުމަށް ގޮވާލައި އާޖެންޓީނާގެ ސަޕޯޓަރުން ވަނީ އޮންލައިން ޕެޓިޝަނެއްވެސް ހަދާފައެވެ.

 

ފިފާ ވޯލްޑް ކަޕް 2026

އިތުރަށް ←