އެމެރިކާގެ ނިއުކްލިއާ އިންސްޕެކްޝަން ވާހަކަތައް އީރާނުން ދޮގުކޮށްފި
އެމެރިކާ އާއި އީރާނާ ދެމެދު އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ސުލްހައިގެ އެއްބަސްވުމުގެ ދަށުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ދާއިމީ ގޮތެއްގައި މަތީ ފަންތީގައި ބެލެހެއްޓުމަށް ތެހެރާނުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކި ވާހަކަތައް އީރާނުގެ ރަސްމީ އިދާރާތަކުން ހަރުކަށި އިބާރާތުން ދޮގުކޮށްފިއެވެ.
އީރާނުގެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި ނިއުކްލިއާ މައްސަލަތަކާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާނެއެވެ. އަދި ބައިނަލްއަގުވާމީ އިންސްޕެކްޓަރުންނަށް އަލުން އެ ގައުމަށް ވަނުމުގެ ހުއްދަ ދިނުމަށް ވެސް އެއްވެސް ކަހަލަ ނިންމުމެއް ނިންމާފައެއް ނުވެއެވެ.
މިފަދަ ބޮޑު ހިޔާލުތަފާތުވުމެއް އުފެދިފައިވީ ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕް އަދިވެސް ހުރީ މި މަޝްވަރާތަކާ މެދު ވަރަށް ބޮޑަށް އުންމީދު ކޮށްގެން ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ ސަޕޯޓަރުންނާ ބައްދަލުކޮށް ބުނެފައިވެއެވެ.
Ads by BMLނިއުކްލިއާ މައްސަލައިގެ އިތުރުން ވެސް ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބަލަހައްޓާނެ ގޮތަކާ މެދު އާއި، އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ މާލީ މުދާތައް ބޭނުންކުރާނެ ގޮތްތަކާ ބެހޭ ގޮތުން ދެ ގައުމުގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. މީގެ އިތުރުން ލުބުނާނުގައި ސުލްހައިގެ އެއްބަސްވުން ތަންފީޒު ކުރުމުގެ މައްސަލާގައި ވެސް ދެ ފަރާތުގެ ވިސްނުން ތަފާތެވެ.
މި އެއްބަސްވުމުގެ ސަބަބުން އިސްތިރާޖީ ގޮތުން މުހިންމު ހޮރްމޫޒް ކަނޑުއޮޅިން އަލުން ދަތުރުފަތުރުތައް ފެށިގެން ދިޔަ ނަމަވެސް، އީރާނާއި އޮމާނުން ވަނީ އެ ސަރަހައްދުގެ ސިޔާދަތީ ބާރުތައް އޮތީ އެ ގައުމުތަކަށް ކަން ހާމަކޮށް، ކުރިއަށް އޮތް ތަނުގައި އުޅަނދުތަކުގެ ކަންކަން ދެ ގައުމު ގުޅިގެން ބަލަހައްޓާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ބުނީ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ޓްރާންސިޓް ފީ ނެގުމުގެ އެއްވެސް ހައްގެއް އީރާނަށް ނުލިބޭނެ ކަމަށެވެ.
އެއްބަސްވުމުގެ ތެރެއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ހިފަހައްޓާފައިވާ ފައިސާ ދޫކުރުމުގެ އިތުރުން 300 ބިލިއަން ޑޮލަރުގެ އާރާސްތުކުރުމުގެ ފަންޑެއް ދިނުމަށް ހަމަޖެހިފައިވީ ނަމަވެސް، އެ ފައިސާ ހަރަދުކުރާނެ ގޮތަކާ މެދު ވެސް ވަނީ ދެބަސްވުން އުފެދިފައެވެ. އެމެރިކާއިން ބޭނުންވަނީ އެ ފައިސާ ހަމައެކަނި ކާބޯތަކެއްޗާއި ބޭހަށް ހަރަދުކުރަން ކަމަށް ވިޔަސް، އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އަލީ ބަހްރައިނީ ވިދާޅުވީ އެ ފައިސާ ހަރަދުކުރާނެ އިސްކަންދޭނެ ކަންކަން ނިންމާނީ ހަމައެކަނި ތެހެރާނުން ކަމަށެވެ.
ސަރަހައްދީ ސުލްހައަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އެމެރިކާގެ ސެނެޓުން، އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފައިވާއިރު، މީގެ ސަބަބުން ރައީސް ޓްރަމްޕަށް އޮތް ސިޔާސީ ފިއްތުންތައް ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ. ހަމައެއާއެކު، ލުބުނާނުގެ މަސްރަހުގައި އިސްރާއީލާއި ހިޒްބުﷲއިން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވާކަމުގެ ތުހުމަތުތައް ކުރަމުންދާތީ، މަސްރަހު އަދިވެސް އޮތީ ނުތަނަވަސްކޮށެވެ.
Ads by MACL
