ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ވެނެޒުއަލާއަށް ބާރުގަދަ ދެ ބިންހެލުން އައިސް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ވެނެޒުއަލާއަށް ބާރުގަދަ ދެ ބިންހެލުން އައިސް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ވެނެޒުއަލާއަށް އިއްޔެ ހަވީރުގެ ވަގުތެއްގައި ޖެހިޖެހިގެން އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން އެ ގައުމަށް ބޮޑެތި ގެއްލުންތަކެއްލިބި، ގިނަ ބަޔަކު މަރުވެއްޖެއެވެ.

ރާއްޖޭގެ ގަޑިން ރޭ ފަތިހު އައި މި ބިންހެލުންތަކުގައި ފުރަތަމަ ރެކޯޑުކުރެވިފައިވަނީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އަދި އޭގެ އެންމެ 39 ސިކުންތު ފަހުން 7.5 މެގްނިޓިއުޑްގެ ބާރުގަދަ ދެވަނަ ބިންހެލުމެއް ވަނީ އައިސްފައެވެ. މިއީ ވޭތުވެދިޔަ 100 އަށްވުރެ ގިނަ އަހަރު ތެރޭގައި އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ބިންހެލުންތަކުގެ މަރުކަޒަކީ ވެނެޒުއަލާގެ ހުޅަނގުން މޮރޮން އަދި ޔަމާރޭ ސަރަހައްދު ނަމަވެސް، މީގެ ބާރުގަދަ ލޮޅުންތައް 1،000 ކިލޯމީޓަރު ދުރުގައި އޮތް ކޮލަމްބިއާގެ ވެރިރަށް ބޮގޮޓާއަށްވެސް ވަނީ އިހުސާސް ކުރެވިފައެވެ. ބިންހެލުން އައި ވަގުތަކީ ވެނެޒުއަލާގެ ގައުމީ ބަންދު ދުވަހަކަށްވެފައި، ގިނަ ބަޔަކު ގޭގައި ތިއްބާ މި ހާދިސާ ހިނގުމުން ލިބުނު ގެއްލުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ރަސްމީ ފަރާތްތަކުން މިހާތަނަށް ކަށަވަރުކޮށްދޭ ގޮތުގައި މި ހާދިސާގައި މަދުވެގެން 32 މީހުން މަރުވެ، 700 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. ނަމަވެސް ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަ ބަޔަކު ތާށިވެފައި ތިބުމުން، މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އެރުން އެކަށީގެންވާ ކަމަށް ޔޫ.އެސް.ޖީ.އެސް އިން ލަފާކުރެއެވެ. މި ބިންހެލުމުގައި ވެރިރަށް ކަރަކާސްގެ ގިނަ އަދަދެއްގެ ބޮޑެތި އިމާރާތްތަކާއި، ލާ ގުއައިރާ ސްޓޭޓުގައި ހުރި 8 ބުރީގެ ބޮޑު ހޮޓަލެއް ވަނީ މުޅިން ސުންނާފަތިވެ ބިމާ ހަމަވެފައެވެ. މީގެ އިތުރުން ކަރަކާސްގެ މައި އެއާޕޯޓުގެ ސީލިންގާއި ފާރުތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވުމުގެ ސަބަބުން އެއާޕޯޓު މިހާރު ވަނީ ބަންދުކޮށްފައެވެ.

މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ވެނެޒުއަލާގެ އެކްޓިންގް ރައީސް ޑެލްސީ ރޮޑްރިގޭޒް ވަނީ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފައެވެ. އަދި އިތުރު ނުރައްކާތަކުން ސަލާމަތްވުމުގެ ފިޔަވަޅެއްގެ ގޮތުން ކަރަކާސް ސިޓީގެ ގޭސް ހޮޅިތަކުން ގޭސް ދޫކުރުން ބަންދުކޮށް، މެޓްރޯގެ ހިދުމަތް މެދުކަނޑާލައި، ކުރިއަށް އޮތް ދުވަސްތަކަށް ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

މި ހާލަތާ ގުޅިގެން ބައިނަލްއަގުވާމީ ދުނިޔެއިން ދަނީ އެހީގެ އަތްތައް ދިއްކުރަމުންނެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުރުން ބްރެޒިލް، އާޖެންޓީނާ، ޗިލީ އަދި އިކުއެޑޯ ފަދަ ގައުމުތަކުން ވަނީ ހާލުގައި ޖެހިފައިވާ މީހުން ހޯދުމަށް ސާޗް އެންޑް ރެސްކިއު ޓީމުތަކާއި އިންސާނީ އެހީ ފޮނުވަން ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ.