ފްރާންސުން ފުރަތަމަ ފަހަރަށް އެބޯލާ ކޭހެއް ފެނިއްޖެ
ފްރާންސުން ފުރަތަމަ ފަހަރަށް އެބޯލާ (Ebola) ވައިރަސް ޖެހިފައިވާ މީހަކު ފެނިފައިވާކަން އެ ގައުމުގެ ހެލްތު މިނިސްޓްރީން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.
މި ބަލި ޖެހިފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (DRC) ގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅުމަށްފަހު އެނބުރި ފްރާންސަށް ދަތުރުކުރި ޑޮކްޓަރަކަށެވެ. ފްރާންސް ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެ ޑޮކްޓަރުގެ ހާލަތު މިހާރު ސްޓޭބަލްވަމުން އަންނައިރު، އޭނާއަށް ފަރުވާ ދެމުންދަނީ ޕެރިހުގެ ޚާއްޞަ އެކަހެރިކުރާ މަރުކަޒެއްގައެވެ.
އެ ބަލިމީހާ ދަތުރުކުރި ފްލައިޓްގައި ހުރިއިރު ބޮލުގައި ރިއްސުން ފިޔަވައި ބަލީގެ އެހެން ބޮޑު އަލާމާތެއް ފެންނާކަށް ނެތެވެ. ނަމަވެސް، ފްރާންސަށް ބޯޓު ޖެއްސުމާއެކު ސިއްހީ އިދާރާތަކުން ވަނީ ވަގުތުން އޭނާ އެކަހެރިކޮށްފައެވެ. ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، އެ ޑޮކްޓަރާއެކު އެއް ފްލައިޓަކުން ދަތުރުކުރި ބައެއް ފަސިންޖަރުން ދެނެގަނެ، 21 ދުވަހުގެ މުއްދަތަށް ހޯމް އައިސޮލޭޝަންގައި ބޭތިއްބުމުގެ މަސައްކަތް ފްރާންސްގެ ސިއްހީ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.
Ads by BMLމި ކޭހާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (WHO) އާއި ޔޫރަޕްގެ ސިއްހީ އިދާރާތަކުން ބުނެފައިވަނީ ޔޫރަޕްގެ އާންމު ރައްޔިތުންނަށް މި ބަލި ފެތުރުމުގެ ރިސްކް ވަރަށް ކުޑަ ކަމަށެވެ.
އެހެންނަމަވެސް، ކޮންގޯގައި މިހާރު ފެތުރެމުންދާ އެބޯލާގެ 'ބުންޑިބުގްޔޯ' (Bundibugyo) ސްޓްރެއިންއަކީ އާންމުކޮށް ބޭނުންކުރާ އެބޯލާ ވެކްސިންތައް މަސައްކަތްކުރާ ވައްތަރެއް ނޫން ކަމަށްވުމުން ސިއްހީ މާހިރުން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. ކޮންގޯގައި މިހާތަނަށް މި ބަލި 1،000 އަށްވުރެ ގިނަ މީހުންނަށް ޖެހި، 260 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
Ads by MACL
