ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

މަރާމާތަށްފަހުވެސް ކިންގް ޗާލްސް ބަކިންގްހަމް ޕެލަހަށް ދިރިއުޅުއްވުން ބަދަލެއް ނުކުރައްވާނެ

އިނގިރޭސިވިލާތުގެ ރަސްގެފާނު ކިންގް ޗާލްސް ---
އިނގިރޭސިވިލާތުގެ ރަސްގެފާނު ކިންގް ޗާލްސް ---

ލަންޑަނުގެ ބަކިންގްހަމް ޕެލަސް މަރާމާތުކުރުމުގެ 10 އަހަރުގެ ބޮޑު މަޝްރޫއު އަންނަ އަހަރު ނިމުނު ނަމަވެސް، އިނގިރޭސިވިލާތުގެ ރަސްގެފާނު ކިންގް ޗާލްސް އެ ގަޑުވަރަށް ދިރިއުޅުއްވުން ބަދަލުނުކުރައްވަން ނިންމަވައިފިއެވެ.

ރަސްމީ ފަރާތްތަކުން ހާމަކުރި ގޮތުގައި، ކިންގް ޗާލްސް ކުރިއެކޭވެސް އެއްފަދައިން ދިރިއުޅުއްވަމުން ގެންދަވާނީ މިހާރުވެސް އެމަނިކުފާނު ދިރިއުޅުއްވާ ކްލަރެންސް ހައުސްގައެވެ. މިއާއެކު، ފާއިތުވި ދެ ގަރުނެއްހާ ދުވަހު އިނގިރޭސި ރަސްކަލުންގެ މައިގަނޑު ދިރިއުޅުއްވުން ބަކިންގްހަމް ޕެލަހުގައި ބޭއްވި ބޭއްވުމަށް ނިމުމެއް އަންނާނެއެވެ.

ބަކިންގްހަމް ޕެލަސްގެ މަރާމާތަށް 369 މިލިއަން ފައުންޑް ހޭދަވާނެ ކަމަށް ބެލެވޭއިރު، މިއީ އެ ތަނުގެ ޒަމާންވީ ކަރަންޓު ވަޔަރިންގް، ހޮޅިތަކާއި ހީޓިންގް ސިސްޓަމްތައް ބަދަލުކުރުމަށް ހިންގާ މަޝްރޫއެކެވެ. 2017 ވަނަ އަހަރު މި މަޝްރޫއު ފެށިއިރު ލަފާކޮށްފައި އޮތީ މަރާމާތަށްފަހުވެސް މިއީ ރަސްކަމުގެ މައިގަނޑު ދިރިއުޅުން ހުންނަ ތަނަށް ވާނެ ކަމަށެވެ. ނަމަވެސް، ދިރިއުޅުއްވުން ބަދަލު ނުކުރެއްވި ނަމަވެސް ބަކިންގްހަމް ޕެލަސް ބޭނުންކުރާނީ ރަސްކަމުގެ ރަސްމީ އަދި ސަގާފީ ހަރަކާތްތައް ހިންގާ މައި މަރުކަޒުގެ ގޮތުގައެވެ.

މި ނިންމުމާ އެކު، ރަސްގެފާނުގެ މާލީ ކަންކަމުގެ ހާމަކަން ބޮޑުކުރުމުގެ ގޮތުން ފުރަތަމަ ފަހަރަށް އެމަނިކުފާނު ދެއްކެވި ޓެކްސްގެ ތަފްސީލުތައްވެސް ވަނީ އާންމުކޮށްފައެވެ. އެގޮތުން 2024/25 ވަނަ އަހަރު އެމަނިކުފާނު 12.9 މިލިއަން ފައުންޑް ޓެކްސްގެ ގޮތުގައި ދައްކަވާފައިވާއިރު، މިއާއެކު އެމަނިކުފާނު ވެވަޑައިގެންފައިވަނީ އިނގިރޭސިވިލާތުގައި އެންމެ ގިނައިން ޓެކްސް ދައްކާ 100 މީހުންގެ ތެރެއިން އެކަކަށެވެ. ގާނޫނީގޮތުން ރަސްގެފާނު ޓެކްސް ދެއްކެވުން ލާޒިމް ނޫން ނަމަވެސް، މިއީ އެމަނިކުފާނު އަމިއްލަފުޅަށް ދައްކަވަން ފެއްޓެވި ޓެކްހެކެވެ.

މީގެ އިތުރުން، ރަސްގެފާނަށް ސަރުކާރުން ދޭ "ސޮވްރިން ގްރާންޓް" ނުވަތަ ރަސްކަމުގެ ޚަރަދުތަކަށް ދޭ ފައިސާ، ރަސްގެފާނުގެ އަމިއްލަފުޅު އެދިލެއްވުމަކަށް 2027/28 ވަނަ އަހަރުން ފެށިގެން 100 މިލިއަން ފައުންޑަށް ކުޑަކުރުމަށް ވަނީ ނިންމާފައެވެ. މިއީ މީގެ ކުރިން ބަކިންގްހަމް ޕެލަސްގެ މަރާމާތަށް ބަޖެޓު ބޮޑުކުރުމަށްފަހު، ފައިސާ ކުޑަކުރަން ނިންމި ފުރަތަމަ ފަހަރެވެ.

ހަމައެހެންމެ، ވަލީއަހުދު ޕްރިންސް ވިލިއަމްވެސް 2024/25 ވަނަ އަހަރު 7.76 މިލިއަން ފައުންޑް ޓެކްސްގެ ގޮތުގައި ދައްކަވާފައިވާ ކަމަށް ރަސްމީ ރިޕޯޓުތަކުން ދައްކައެވެ.