ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ވެނެޒުއެލާ ބިންހެލުން: މަރުވި މީހުން 190 އާ ގާތަށް، އެތައް ބަޔަކު ތާށިވެފައި

މީހުންސަލާމަތްކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުން --- ފޮޓޯ: ރޮއިޓާސް
މީހުންސަލާމަތްކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުން --- ފޮޓޯ: ރޮއިޓާސް

ވެނެޒުއެލާގެ ވެރިރަށް ކަރަކަސް އަދި އެ ސަރަހައްދުގެ ރަށްތަކަށް އައި ބާރުގަދަ ދެ ބިންހެލުމެއްގައި 188 އަށްވުރެ ގިނަ މީހުން މަރުވެ، ސަތޭކައަށްވުރެ ގިނަ މީހުން އިމާރާތްތަކުގެ ކުނިބުނިތަކުގެ ދަށުގައި ތާށިވެއްޖެއެވެ.

ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އައި މި ދެ ބިންހެލުމަކީ 1900 ވަނަ އަހަރުގެ ފަހުން އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުންތައް ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނެއެވެ. ފުރަތަމަ އައީ 7.2 ގެ ބިންހެލުމެއް ކަމަށްވާއިރު، އޭގެ މިނެޓެއްވެސް ނުވަނީސް 7.5 ގެ ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައެވެ.

މި ހާދިސާގައި އެ ގައުމުގެ ގިނަ އަދަދެއްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، 250 އަށްވުރެ ގިނަ އިމާރާތް ވަނީ މުޅިން ސުންނާފަތިވެ ނުވަތަ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މީގެ ތެރޭގައި އަށް ހޮސްޕިޓަލަކާއި، ރެޑް ކްރޮސްގެ ހެޑްކުއާޓާޒްގެ އިތުރުން ފްރާންސް އެމްބަސީ ވެސް ހިމެނެއެވެ. ގައުމީ މަޖިލީހުގެ ރައީސް ޚޯހޭ ރޮޑްރިގޭޒް ހާމަކުރެއްވި ގޮތުގައި މިހާތަނަށް 1,520 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުންނެވެ.

ބިންހެލުމާ ގުޅިގެން ގެއްލިފައިވާ މީހުން ހޯދުމަށް އާންމުން އިސްނަގައިގެން ހަދާފައިވާ ވެބްސައިޓެއްގައި 46,000 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ކަރަކަސްގެ ކައިރީގައި އޮންނަ ލަ ގުއައިރާ ސްޓޭޓަކީ އެންމެ ބޮޑަށް ގެއްލުންވި ސަރަހައްދު ކަމަށްވާއިރު، އެތަނުގެ އެއާޕޯޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން މިހާރު ވަނީ ބަންދުކޮށްފައެވެ. އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމަށް އާންމުންނާއި ކަމާބެހޭ ފަރާތްތަކުން ހުސްއަތާ ކުނިބުނިތައް ކޮންނަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ.

މި ކާރިސާއާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުންނާއި އދ. އިން ދަނީ ވެނެޒުއެލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މުވާސަލާތީ ޚިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް އެހީވުމުގެ ގޮތުން ސްޕޭސްއެކްސްގެ ސްޓާލިންކް އިން ވަނީ އެ ސަރަހައްދުތަކަށް ހިލޭ އިންޓަނެޓްގެ ޚިދުމަތް ދިނުމަށް ނިންމާފައެވެ.

ބިންހެލުން އައި ނަމަވެސް، އެ ގައުމުގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ތެލުގެ އިންފްރާސްޓްރަކްޗާއަށް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.