މޭލް-އިން ވޯޓިންއަށް ހުރަސްއަޅަން ޓްރަމްޕް ނެރުއްވި ރިޔާސީ އަމުރު އެމެރިކާގެ ފަނޑިޔާރަކު ހުއްޓުވައިފި
އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ކޮންގްރެސް އިންތިޚާބާ ދިމާކޮށް، ސިޓީ މެދުވެރިކޮށް ވޯޓުލުން ނުވަތަ މޭލް-އިން ވޯޓިންގެ ގަވާއިދުތައް ހަރުކަށިކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ރިޔާސީ އަމުރު ތަންފީޒުކުރުން އެމެރިކާގެ ފެޑެރަލް ފަނޑިޔާރަކު ހުއްޓުވައިފިއެވެ.
ބޮސްޓަންގެ ޔޫ.އެސް ޑިސްޓްރިކްޓް ފަނޑިޔާރު އިންދިރާ ތަލްވާނީ މިގޮތަށް ނިންމެވީ، ރިޕަބްލިކަން ރައީސް ޓްރަމްޕް މަސައްކަތް ކުރައްވަނީ ފެޑެރަލް އިންތިޚާބުތައް ބޭއްވުމުގައި ސްޓޭޓްތަކަށް ލިބިގެންވާ ގާނޫނީ ބާރުގެ ތެރެއަށް ނާޖާއިޒު ގޮތެއްގައި އަތްބޭނުމަށް ކަމަށް ބުނެ ޑިމޮކްރެޓިކް ޕާޓީގެ ސްޓޭޓް އެޓަރނީ ޖެނެރަލުންގެ އިއްތިހާދަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ފަނޑިޔާރު ތަލްވާނީގެ ނިންމެވުމުގައި ޓްރަމްޕްގެ އަމުރުގެ މުހިންމު ބައިތަކަކީ ގާނޫނުއަސާސީއާ ޚިލާފު ބައިތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވެއެވެ. ސަބަބަކީ 1789 ވަނަ އަހަރު އެމެރިކާ އުފެދުނީއްސުރެ އިންތިޚާބުތައް ބަލަހައްޓަމުން އައީ ސްޓޭޓްތަކާއި ދާޚިލީ ސަރުކާރުތަކުން ކަމަށްވާއިރު، އިންތިޚާބީ އިޖުރާއާތުތަކަށް ބަދަލު ގެނައުމުގެ އެއްވެސް ބާރެއް ގާނޫނުއަސާސީން ރައީސަށް ދީފައި ނުވާތީއެވެ. އަދި ވޯޓުލުމުގެ ހައްގު އޮތް މީހުންގެ ލިސްޓު އެކުލަވައިލުމަށް ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއަށް އެންގުމުގެ ބާރެއްވެސް ރައީސަށް ލިބިގެން ނުވާކަމަށާއި، ޕޯސްޓަލް ސާވިސްއަށްވެސް މޭލް-އިން ވޯޓިންއާ ގުޅޭ މަޖުބޫރު ގަވާއިދުތަކެއް ހެދުމުގެ ގާނޫނީ ބާރެއް ނެތް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މި ނިންމެވުމާއެކު، ނޮވެމްބަރު 3 ގައި ބާއްވާ މިޑްޓާމް އިންތިޚާބުގެ ކުރިން ޓްރަމްޕްގެ މި އަމުރު ތަންފީޒުކުރުން ވަނީ މަނާކޮށްފައެވެ. އަދި ކޯޓުގެ މި އެންގުމަށް އަމަލުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ރިޕޯޓެއް އަންނަ ހަފުތާގެ ކުރިން ހުށަހެޅުމަށްވެސް ސަރުކާރަށް ވަނީ އަމުރުކޮށްފައެވެ. މި ނިންމުމަށް ޑިމޮކްރެޓިކް ސްޓޭޓްތަކުގެ އެޓަރނީ ޖެނެރަލުން ވަރަށް ބޮޑަށް މަރުހަބާ ކިޔާފައިވާއިރު، ނިއުޔޯކްގެ އެޓަރނީ ޖެނެރަލް ލެޓީޝިއާ ޖޭމްސް ވިދާޅުވީ މިއީ ޑިމޮކްރަސީގެ ބިންގާ ކަމަށްވާ ވޯޓުލުމުގެ ހައްގު ގާނޫނާ ޚިލާފު ހަމަލާތަކުން ރައްކާތެރިކޮށްދިން ނިންމުމެއް ކަމަށެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު އަބިގޭލް ޖެކްސަން ބަޔާނެއްގައި ވިދާޅުވީ ރައީސްގެ މި އަމުރަކީ އިންތިޚާބުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ގާނޫނީ އިމުގެ ތެރެއިން ނެރުއްވި އަމުރެއް ކަމަށާއި، މި މައްސަލައިގައި ސަރުކާރަށް ކާމިޔާބު ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ފަރާތުން މި ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ބެލެވެއެވެ.
މި ނިންމުން އައިސްފައިވަނީ ވޯޓުލުމަށް ރަޖިސްޓްރީވާއިރު އެމެރިކާގެ ރައްޔިތެއްކަން ސާބިތުކޮށްދޭ ހެކި ހުށަހެޅުމަށް މަޖުބޫރުކުރުމަށާއި، އިންތިޚާބު ބާއްވާ ދުވަހުގެ ފަހުން ލިބޭ ސިޓީ ވޯޓުތައް ގަބޫލުނުކުރުމަށް ޓްރަމްޕް 2025 ވަނަ އަހަރު ނެރުއްވި އެހެން އަމުރެއްގެ ބައިތަކެއްވެސް ބޮސްޓަންގެ އެހެން ފަނޑިޔާރަކު ދާއިމީކޮށް ހުއްޓުވިތާ އެއްދުވަސް ފަހުންނެވެ.
ޓްރަމްޕް މާރޗް 31 ގައި ނެރުއްވި މި އަމުރަކީ 2020 ވަނަ އަހަރުގެ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހިނގާފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ އިންތިޚާބީ ނިޒާމަށް އޮތް އިތުބާރު ކުޑަކުރުމަށް އޭނާ ކުރައްވަމުންދާ މަސައްކަތްތަކުގެ ބައެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.
Ads by MACL
