ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ވޯޓުލާ މީހުންނަށް މިލިޔަނުން ޑޮލަރު ދޭންބުނި މައްސަލައިގައި އީލޮން މަސްކް ކޯޓަށް ހާޒިރު ކުރަނީ

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އީލޮން މަސްކް ---
ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އީލޮން މަސްކް ---

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ސްވިންގް ސްޓޭޓްތަކުގެ ވޯޓުލާ ފަރާތްތަކަށް ދުވާލަކު އެއް މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެ އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ހުވާގެ މަތީގައި ހެކިބަސް ދިނުމަށް ފެޑެރަލް ފަނޑިޔާރަކު އީލޮން މަސްކަށް އަމުރުކޮށްފިއެވެ.

ޓެކްސަސްގެ އޮސްޓިންގެ ޔޫއެސް މެޖިސްޓްރޭޓް ޖަޖް ސޫޒަން ހައިޓަވަރު ނެރުއްވި ނިންމެވުމެއްގައި، މަސްކާއި އޭނާގެ ސިޔާސީ އެކްޝަން ކޮމިޓީ (އެމެރިކާ ޕީއޭސީ) އިން މި ފައިސާގެ އިނާމު ބޭނުންކޮށްގެން ވޯޓުލާ މީހުންގެ ޒާތީ މައުލޫމާތު ހޯދުމަށް މަކަރު ހަދާފައިވާ ކަމަށް ބުނާ ދައުވާއަކަށް ކުރިމަތިލާންޖެހޭނެ ކަމަށް ލަފާދެއްވާފައިވެއެވެ. ނަމަވެސް، މިއާ ގުޅުންހުރި އެއްބަސްވުމާ ޚިލާފުވުމުގެ ދައުވާ ބާތިލްކުރުމަށް ފަނޑިޔާރު ވަނީ ލަފާދެއްވާފައެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅި އެރިޒޯނާގެ ދެ ރައްޔިތުން ކަމަށްވާ ޖޯއި ހާވިކް އަދި ޖެކްލިން މެކްއަފަޓީ ބުނާ ގޮތުގައި، އެމެރިކާގެ ގާނޫނު އަސާސީއަށް ތާއީދުކޮށް މަސްކްގެ ޕެޓިޝަނުގައި ސޮއިކުރާ ފަރާތްތަކުގެ ތެރެއިން އެއް މިލިއަން ޑޮލަރު ލިބޭނެ މީހަކު ހޮވާނީ ގުރުއަތުން "ރެންޑަމްކޮށް" ކަމަށް ބުނެ މަސްކާއި އޭނާގެ ކޮމިޓީން ވަނީ ހަތް ސްޓޭޓެއްގެ ވޯޓުލާ މީހުންނަށް އޮޅުވާލާފައެވެ. އޭގެ ބަދަލުގައި، ފައިސާ ލިބުނު 18 މީހުންނަކީ އެމެރިކާ ޕީއޭސީގެ ތަރުޖަމާނުންގެ ގޮތުގައި ބޭނުންކުރެވޭނެ ފަދަ މީހުންނަށް ބަލައިގެން ކުރިއާލާ ހޮވާފައިވާ ބައެއް ކަމަށް މަސްކްގެ ވަކީލަކު ވިދާޅުވި ބަހަކާ ޙަވާލާދީ ދައުވާގައި ފާހަގަކޮށްފައިވެއެވެ. މި ފައިސާގެ އިނާމު ދިނުން މަސްކް އިއުލާންކުރީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޕެންސިލްވޭނިއާގައި ބޭއްވި އެއްވުމެއްގައެވެ.

ފަނޑިޔާރު ހައިޓަވަރު ވިދާޅުވި ގޮތުގައި މަސްކް އެ ފައިސާ ދެނީ "ރެންޑަމްކޮށް" ކަމަށް ވިދާޅުވިއިރު، އެއީ ގަސްތުގައި އޮޅުވާލުމަށް ވިދާޅުވި ބަހެއްތޯ ބެލުން އަދި އޮތީ ހުޅުވިފައެވެ. އެމެރިކާ ޕީއޭސީގެ ޑިރެކްޓަރު ކްރިސްޓޮފާ ޔަންގްގެ ބަޔާނެއްގައި، މަސްކް އެ ލަފްޒު ބޭނުންކުރެއްވުމުން އޭނާ ހައިރާންވި ކަމަށާއި، އެއީ ގާނޫނީ ލަފާގެ މަތިން އެ ޕްރޮގްރާމް ހިންގުމަށް ރާވާފައި އޮތް ގޮތް ނޫން ކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގައި މެޖިސްޓްރޭޓް ޖަޖްގެ ލަފާދެއްވުންތަކަށް ފަހުގެ ނިންމުން ނިންމަވާނީ ޔޫއެސް ޑިސްޓްރިކްޓް ޖަޖް ރޮބާޓް ޕިޓްމަން އެވެ.