ހުޅަނގު އައްސޭރީގެ މިސްކިތަކަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލުގެ ހަ އިސްތިއުމާރުންގެ މައްޗަށް ދައުވާ އުފުލައިފި
ހުޅަނގު އައްސޭރީގެ އަވަށްތަކަށާއި މިސްކިތަކަށް އަމާޒުކޮށް ޔަހޫދީ އިސްތިއުމާރުން ދިން ނުރައްކާތެރި ހަމަލާތަކަކާ ގުޅިގެން ހަ މީހެއްގެ މައްޗަށް އިސްރާއީލުގެ ޕްރޮސެކިއުޓަރުން ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.
އިސްރާއީލުގެ ފުލުހުން ހާމަކުރި ގޮތުގައި، ގައުމީ ފިކުރެއްގައި ހިންގި މި ހަމަލާތަކާ ގުޅިގެން ދައުވާ އުފުލާފައިވަނީ ދީރު ދިބްވާން އަވަށަށް ވަދެ ހަމަނޭޖެހުން ހިންގާފައިވާ މީހުންގެ މައްޗަށެވެ. މީގެ ތެރޭގައި ހިމެނެނީ ފަސް ކުޑަކުދިންނާއި 18 އަހަރުގެ ޒުވާނެކެވެ.
މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު މޫނު ނިވާކޮށްގެން ތިބި އިސްތިއުމާރުންތަކެއް އެ އަވަށަށް ވަދެފައިވަނީ ރޭވުންތެރިކަމާއެކު، ރޯކުރަން ބޭނުންކުރާ ސާމާނާއި ކަރުނަގޭހާއި ވަޅި ހިފައިގެންނެވެ. އެމީހުން ވަނީ އަވަށުގެ ގަސްގަހާގެއްސާއި އުޅަނދުފަހަރުގައި ހުޅުޖަހައި، އާންމުންގެ ގެދޮރަށް ގައު އުކައި ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި މިސްކިތުގެ ކުޑަދޮރަކަށް ކެމިކަލް އަޅައި، ނަމާދަށް މީހުން ތިއްބައި މިސްކިތުގައި ހުޅުޖަހާފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.
މި ދައުވާތައް އުފުލި ނަމަވެސް، ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ދަނީ އިތުރުވަމުންނެވެ. ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ރިޕޯޓްކުރި ގޮތުގައި، ހެބްރޮންގެ ބޭނުންކުރާ އަލް-ރަސް މިސްކިތަށް އިސްރާއީލުގެ ސިފައިންނާއި އިސްތިއުމާރުން ވަދެގަނެ، އެތަނުގައި ތިބި މީހުންނަށް އަނިޔާކޮށް ފަތިސް ނަމާދު ހުރަސްއަޅާފައިވެއެވެ. އަދި މިސްކިތުގައި އިސްރާއީލުގެ ދިދަ ހަރުކޮށްފައިވާތީ ފަލަސްތީނުގެ މިނިސްޓްރީ އޮފް އެންޑޯމެންޓްސް އިން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
މިފަދަ އަނިޔާވެރި އަމަލުތަކާ ގުޅިގެން ހުޅަނގުގެ ގައުމުތައް ކަމަށްވާ އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް، ނޯވޭ، ނިއުޒިލޭންޑް އަދި އިނގިރޭސިވިލާތުން ވަނީ އިސްތިއުމާރުންގެ ހަރަކާތްތަކަށް ފަންޑުކުރާ ނެޓްވޯކްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ނަމަވެސް އިސްރާއީލުގެ ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ބުނެފައިވަނީ މި ފިޔަވަޅުތަކަކީ ޝަރަފެއްގެ ބެޖެއް ކަމަށާއި، މިއިން އެމީހުންގެ ހަރަކާތްތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ.
އދ. ގެ ހިސާބުތަކުން ދައްކާގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ހަ ހަމަލާ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުވެއެވެ.
Ads by MACL
