ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޗައިނާގައި މުޅިން ރޮބޮޓުން ހިންގާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ހޮޓާ އަންނަ އަހަރު ހުޅުވަނީ

ޗައިނާގައި މުޅިން ރޮބޮޓުން ހިންގާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ހޮޓާ އަންނަ އަހަރު ހުޅުވަނީ

ޗައިނާގެ ޝެންޖެން-ޖޮންގްޝަން ލިންކްގެ ވެސްޓް އާޓިފިޝަލް އައިލެންޑްގައި، މުޅިން ރޮބޮޓުން ހިންގާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ހޮޓާ 2027 ވަނަ އަހަރު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

މި ހޮޓަލުގެ ރިސެޕްޝަނުން ފެށިގެން ރޫމް ސާވިސް، ކެއްކުން، ސާފުކުރުން އަދި މެހެމާނުންނަށް އެހީތެރިވުމާ ހަމައަށް ހުރިހާ މަސައްކަތެއް ކުރާނީ އިންސާނުންގެ ބަދަލުގައި މުޅިންވެސް ރޮބޮޓުންނެވެ.

"ފުލް-ސިނޭރިއޯ ރޮބޮޓް-ސާވިސްޑް ހޮޓަލް" އެއްގެ ގޮތުގައި ތަރައްގީކުރާ މި މަޝްރޫޢު ހިންގަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޕުޑޫ ރޮބޮޓިކްސް އާއި ޝެންޖެން ކަލްޗަރ އެންޑް ޓޫރިޒަމް އިންޑަސްޓްރީ ޑިވެލޮޕްމަންޓާ ގުޅިގެންނެވެ. ރަސްމީކޮށް ހޮޓާ ހުޅުވުމަށް ހަމަޖެހިފައި ވަނީ 2027 ގައި ނަމަވެސް، މިއަހަރުގެ (2026) ފަހުކޮޅު މަދު ކޮޓަރިތަކަކާއެކު ޓެސްޓް ޚިދުމަތްތައް ފަށައި، ރޮބޮޓް ޗެކް-އިން އަދި އަމިއްލައަށް ރޫމަށް ޑެލިވަރީކުރާ ޚިދުމަތް އާންމުންނަށް ލިބެން ފަށާނެއެވެ.

ޕުޑޫ ކުންފުނީގެ އަމާޒަކީ އިންސާނުން އެހީތެރިވާ ސްމާޓް ހޮޓަލެއް ހެދުމުގެ ބަދަލުގައި، މުޅި ތަން އެއް ނިޒާމެއްގެ ދަށުން ހިންގާ ރޮބޮޓް "ސާވިސް އިކޯސިސްޓަމް" އެއް ގާއިމްކުރުމެވެ. މިކަމަށްޓަކައި އެ ކުންފުނީގެ އެމްބޮޑިޑް އިންޓެލިޖެންސް މޮޑެލް PuduFM 1.0 އާއި PuduAgent ސޮފްޓްވެއަރ ބޭނުންކުރާނެއެވެ.

މި ހޮޓަލުގައި ތަފާތު އެކި މަސައްކަތްތަކަށް ޚާއްސަ ރޮބޮޓްތައް ހަރަކާތްތެރިވާނެއެވެ. އޭގެ ތެރޭގައި ފޯނުން އޯޑަރުކުރާ ބުއިންތައް ކޮޓަރިތަކަށް ގެންދިއުމަށް FlashBot، ލަގެޖް އުފުލުމަށް PUDU T300، އަދި AI ވޭސްޓް ޑިޓެކްޝަން ޓެކްނޮލޮޖީއާއެކު ތަން ސާފުކުރުމަށް PUDU CC1 Pro އާއި MT1 ރޮބޮޓް ބޭނުންކުރާނެއެވެ. މީގެ އިތުރުން ކޮފީ އާއި ސްނެކްސް ސާވްކުރުމަށް ބޭނުންކުރާނީ BellaBot Pro އާއި KettyBot Pro އެވެ.

ޕުޑޫ ރޮބޮޓިކްސްގެ ކޯ-ފައުންޑަރ އަދި CTO ކޮންގް ގުއޯ ވިދާޅުވި ގޮތުގައި، މި ޕާޓްނަރޝިޕްއަކީ ޕްރިމިއަމް ހޮސްޕިޓަލިޓީ ދާއިރާގައި އެމްބޮޑިޑް އިންޓެލިޖެންސް ބޮޑު މިންވަރަކަށް ބޭނުންކުރަން ފެށުމުގެ މުހިންމު ފިޔަވަޅެކެވެ. އަދި AI އާއި ރޮބޮޓިކްސް ގުޅިގެން މުޅި ހޮޓަލުގެ ތަޖުރިބާ އިންޓެލިޖެންޓްކޮށް ބަދަލުކޮށްލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމްލަ 44 ލަގްޒަރީ ކޮޓަރިއާއި، ރެސްޓޯރެންޓަކާއި، ޖިމެއް ހިމެނޭ މި ހޮޓަލުގެ ހުރިހާ ޚިދުމަތެއް ގުޅާލެވިފައި ހުންނާނީ ކްލޯސްޑް-ލޫޕް ސްމާޓް ސިސްޓަމަކުންނެވެ. މީގެ ސަބަބުން ޗެކް-އިނުން ފެށިގެން ސާފުކުރުމާ ހަމައަށް އެއްވެސް މެދުކެނޑުމެއް ނެތި، އަދި އިންސާނުންގެ އެއްވެސް މެދުވެރިވުމެއް ނެތި ޚިދުމަތް ލިބޭނެއެވެ.

މި މަޝްރޫޢު ކުރިއަށްދާ ވެސްޓް އާޓިފިޝަލް އައިލެންޑް އާންމުކޮށް ހުޅުވާލާފައިވަނީ 2025 ޑިސެމްބަރުގައެވެ.

ޗައިނާގެ ބައެއް ހޮޓާ ތަކުގައި މިހާރުވެސް ރޮބޮޓް ބޭނުންކުރި ނަމަވެސް، މިއީ ހުރިހާ ދާއިރާއަކުން ރޮބޮޓުން އެކަނި ހިންގާ ފުރަތަމަ ފުރިހަމަ މަޝްރޫޢެވެ.

ޕުޑޫ ކުންފުނީގެ ޕްލޭނަކީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި މުޅި އައިލެންޑްގެ ޓޫރިޒަމް ސެކްޓަރަށް މި ރޮބޮޓިކްސް ޚިދުމަތް ފުޅާކުރުމެވެ.