ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ބެންގަލޫރުގެ މަގުމަތިން ކުރި ފުރައްސާރައަކާ ގުޅިގެން ކަންނަޑާ އެކްޓްރެސް ދިވްޔާ ސުރޭޝް ކަންބޮޑުވުން ފާޅުކޮށްފި

އެކްޓްރެސް ދިވްޔާ ސުރޭޝް ---
އެކްޓްރެސް ދިވްޔާ ސުރޭޝް ---

ބިގް ބޮސް ކަންނަޑާ އިން މަގްބޫލުކަން ހޯދި އެކްޓްރެސް ދިވްޔާ ސުރޭޝް، ބެންގަލޫރުގެ މަގުމަތިން އޭނާއަށް ކުރިމަތިވި ފުރައްސާރައެއްގެ ވާހަކަ ހިއްސާކޮށް، އެ ސިޓީގައި އަންހެނުންގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައިފިއެވެ. އޭނާ މިކަން ހާމަކުރީ އޭނާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރި ޕޯސްޓެއްގައެވެ.

ދިވްޔާ ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހުގެ ރޭގަނޑު 11:30 އެހާކަންހާއިރުއެވެ. އޭނާ އާއި އޭނާގެ ދެބެންގެދެދަރި ކޮއްކޮ ކާރާ ދިމާލަށް ހިނގާފައި ދަނިކޮށް، ނޭނގޭ ފިރިހެނަކު އެމީހުންގެ ފަހަތުން އައިސް ހަޑިހުތުރު އަމަލުތަކެއް ހިންގަން ފެށި ކަމަށް އޭނާ ތުހުމަތު ކުރެއެވެ. އަދި އެމީހުން ކާރަށް އެރުމާ ހަމައަށްވެސް އެ ފިރިހެންމީހާ ފަހަތުން އައުން ހުއްޓާނުލާ ކަމަށްވެސް ބުނެފައިވެއެވެ.

މި ހާދިސާގެ ވީޑިއޯއެއްވެސް ދިވްޔާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އޭނާގެ ޕޯސްޓްގައި ބެންގަލޫރު ފުލުހުން ޓެގްކޮށް، އަންހެނުންނަށް ލިބިދޭނެ ކަމަށް ބުނާ ރައްކާތެރިކަމަކީ ކޮބައިތޯ ސުވާލުކޮށް، ރޭގަނޑު ހިނގާލުމުން އެކަނިވެސް މިފަދަ ފުރައްސާރައާ ކުރިމަތިލާންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.

އުމުރުން 33 އަހަރުގެ ދިވްޔާ ސުރޭޝް އަކީ 2017 ވަނަ އަހަރުގެ މިސް އިންޑިއާ ސައުތު ޓައިޓަލް ކާމިޔާބުކޮށްފައިވާ މޮޑެލްއެކެވެ. އޭނާ ވަނީ ކަންނަޑާގެ ގިނަ ފިލްމުތަކާއި ޑްރާމާ ސިލްސިލާތަކެއްގައި މަސައްކަތް ކޮށްފައެވެ.

މިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބެންގަލޫރުގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކު ޒަޚަމްވި ހިތާމަވެރި ހާދިސާއެއްގައި، ފިލި ކާރު ދުއްވަން އިނީ ދިވްޔާ ކަމަށް ސީސީޓީވީ ފުޓޭޖްތަކުން ދެއްކުމާ ގުޅިގެން، ފުލުހުން އެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.