ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޗައިނާގެ ހިއުމަނޮއިޑް ރޮބޮޓެއް 106 ކިލޯމީޓަރު ހިނގައިގެން ދުނިޔޭގެ ރެކޯޑެއް ހަދައިފި

ޗައިނާގެ ހިއުމަނޮއިޑް ރޮބޮޓެއް 106 ކިލޯމީޓަރު ހިނގައިގެން ދުނިޔޭގެ ރެކޯޑެއް ހަދައިފި

ޗައިނާގެ ރޮބޮޓިކްސް ކުންފުންޏެއް ކަމަށްވާ "އެޖީބޮޓް" ގެ ހިއުމަނޮއިޑް ރޮބޮޓް "އޭ2" ، 106.3 ކިލޯމީޓަރު (66 މޭލު) ގެ ދިގު ރާސްތާއެއް ކާމިޔާބުކަމާއެކު ކަނޑަތުކޮށް، ހިއުމަނޮއިޑް ރޮބޮޓަކުން އެންމެ ދިގު ދަތުރު ކުރުމުގެ ގިނިސް ވޯލްޑް ރެކޯޑް ގާއިމްކޮށްފިއެވެ.

މި ތާރީޚީ ދަތުރު ރޮބޮޓް ފަށާފައިވަނީ 2025 ނޮވެމްބަރު 10 ގައި ޗައިނާގެ ޖިއަންސޫ ޕްރޮވިންސްގެ ޖިންޖީ ލޭކުންނެވެ. އަދި ތިން ދުވަސް ވަންދެން މެދުކެނޑުމެއްނެތި ހިނގުމަށްފަހު، ނޮވެމްބަރު 13 ގައި މި ދަތުރު ނިންމާލާފައިވަނީ ޝަންހާއީގެ މަޝްހޫރު ބަންޑް ވޯޓަފްރަންޓަށެވެ.

އުސްމިނުގައި 169 ސެންޓިމީޓަރު ހުންނަ މި ރޮބޮޓް ވަނީ އާންމު އެސްފޯލްޓް މަގުތަކާއި، ޓައިލްސް ޖެހި ހިނގާ މަގުތަކުގެ އިތުރުން، ބްރިޖްތަކާއި އެކި ކަހަލަ އުނދަގޫ ސަރަހައްދުތައް ހަރުދަނާކަމާއެކު ހުރަސްކޮށްފައެވެ. އަދި ދަތުރުގެ ތެރޭގައި މަގުމަތީގެ ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ތަބާވެފައިވާކަން ވެސް ފާހަގަކުރެވެއެވެ.

މި ބޮޑު ދަތުރުގެ އެއްވެސް ހިސާބެއްގައި ރޮބޮޓްގެ ޕަވަރު އޮފްކޮށްފައެއް ނުވެއެވެ. މިކަން މިގޮތަށް ކުރެވުނީ އެޖީބޮޓް ކުންފުނިން އުފައްދާފައިވާ "ހޮޓް-ސްވޮޕަބަލް" ބެޓެރީ ސިސްޓަމްގެ އެހީގައެވެ. މީގެ ސަބަބުން ރޮބޮޓް ހިނގަމުންދިޔަ ވަގުތު ވެސް، އޭގެ އޮޕަރޭޝަން މެދުކަނޑާނުލައި ބެޓެރީ ބަދަލުކުރުމުގެ ފުރުސަތު ލިބުނެވެ.

ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްއިން މި ދަތުރު ބަލައިގެންފައިވަނީ ފުރިހަމަ "އޮޓޮނޮމަސް" ނުވަތަ އަމިއްލަ އިޚްތިޔާރުގައި ކުރި ދަތުރެއްގެ ގޮތުގައެވެ. ބަދަލުވަމުންދާ އަލީގެ ހާލަތްތަކާއި ސިޓީގެ ހަލަބޮލި މާހައުލުގައި ރޮބޮޓަށް އަމިއްލައަށް މަގު ހޯދައިގެން ދަތުރުކުރެވުނީ އޭގައި ހަރުކޮށްފައިވާ ޑުއަލް ޖީޕީއެސް މޮޑިއުލްތަކާއި، ލައިޑާ ސެންސަރުތަކުގެ އިތުރުން އިންފްރާރެޑް ޑެޕްތް ކެމެރާތަކުގެ އެހީގައެވެ.

އެޖީބޮޓް ކުންފުނީގެ ޕާޓްނަރެއް ކަމަށްވާ ވަން ޗުއާން ވިދާޅުވި ގޮތުގައި، މި ރެކޯޑް ގާއިމްކުރި ރޮބޮޓަކީ މިފަދަ ދަތުރަކަށް ޚާއްސަކޮށްގެން ބަދަލުތަކެއް ގެނެސްފައިވާ ޔުނިޓެއް ނޫނެވެ. އެއީ އާންމުކޮށް ކަސްޓަމަރުންނަށް ވިއްކުމަށް ތައްޔާރުކޮށްފައިވާ ސްޓޭންޑަރޑް ކޮމާޝަލް މޮޑެލްއެކެވެ.

އެ ކުންފުނިން ހާމަކުރާ ގޮތުގައި، މި ރޮބޮޓަކީ ހަމައެކަނި ދިގު ރާސްތާއަށް ހިނގުމުގެ ގާބިލްކަން ހުރި ރޮބޮޓެއް ނޫނެވެ. މީގެ އިތުރުން ތަފާތު ގިނަ ބަސްބަހުން ވާހަކަދެއްކުމާއި، މޫނު ދެނެގަތުމުގެ ގާބިލްކަމާއި، އަމިއްލައަށް މަގު ދައްކައިދީ ތަކެތި ޑެލިވަރީ ކުރުމުގެ ހުނަރު ވެސް އޭ2 ރޮބޮޓަށް ލިބިގެންވެއެވެ.

މި ކާމިޔާބީއަކީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި ޓެކްނޮލޮޖީގެ ދާއިރާއިން، ޚާއްސަކޮށް ހިއުމަނޮއިޑް ރޮބޮޓްތައް އުފެއްދުމުގައި ޗައިނާއިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތައް ރަމްޒުކޮށްދޭ އަލިގަދަ ހެެއްކެކެވެ.