ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ވެނެޒުއޭލާގެ ބިންހެލުމަށްފަހު އިމާރާތެއްގެ ދަށުގައި 8 ދުވަސްވަންދެން ތާށިވެފައި އޮތް މީހަކު ސަލާމަތްކޮށްފި

އެމީހާ ސަލާމަތްކުރުމުގެ މަސައއްކަތުގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ --- ފޮޓޯ: ވެނެޒުއެލާ އީޕީއޭ
އެމީހާ ސަލާމަތްކުރުމުގެ މަސައއްކަތުގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ --- ފޮޓޯ: ވެނެޒުއެލާ އީޕީއޭ

ވެނެޒުއޭލާއަށް ކުރިމަތިވި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން ވެއްޓުނު ހަތް ބުރީގެ އިމާރާތެއްގެ ދަށުގައި އަށް ދުވަސް ވަންދެން ތާށިވެފައި އޮތް ސެކިއުރިޓީ ގާޑަކު އިއްޔެ ސަލާމަތްކޮށްފިއެވެ.

ކަޓިއާ ލާ މާރް ކިޔާ އައްސޭރިފަށުގެ ސަރަހައްދަކުން ސަލާމަތްކުރެވުނީ އުމުރުން 43 އަހަރުގެ ހެރްނާން ގިލް އެވެ. އޭނާ ސަލާމަތްކުރުމުގެ މަސައްކަތް ހަތް ގައުމެއްގެ ރެސްކިއު ޓީމުތައް ގުޅިގެން 72 ގަޑިއިރު ވަންދެން ހުއްޓުމެއް ނެތްގޮތުގައި ވަނީ ކޮށްފައެވެ.

މިދިޔަ ހަފުތާގައި ވެނެޒުއޭލާއަށް އައި މެގްނިޓިއުޑް 7.2 އަދި 7.5 ގެ ދެ ބިންހެލުމުގައި މިހާތަނަށް 2،295 އަށްވުރެ ގިނަ މީހުން މަރުވެ، 11،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ބިންހެލުމުގެ ސަބަބުން 60،000 އަށްވުރެ ގިނަ އިމާރާތް ހަލާކުވެ، 13،000 އެއްހާ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. މީގެ އިތުރުން 50،000 އެއްހާ މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާތީ މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ.

ހެރްނާން ގިލް ސަލާމަތްކުރެވުނީ އޭނާ ތާށިވެފައި ހުރިތާ ތިން ދުވަސް ކުރިން ފާހަގަކުރެވި، ރެސްކިއު ޓީމުތަކުން ތިން މީޓަރުގެ ބޮޑު ކޮނުމެއް ކޮނެގެން ހަދާފައިވާ ޓަނަލެއްގެ އެހީގައެވެ. އޭނާ ސަލާމަތްކުރުމުގެ މަސައްކަތް ހިނގަމުންދިޔައިރު، ހޮޅިއެއްގެ އެހީގައި އޭނާއަށް ފެނާއި އޮކްސިޖަން ފޯރުކޮށްދެމުންދިޔަ ކަމަށް ޗިލީގެ ރެސްކިއު ޓީމުގެ ވެރިޔާ ކްރިސްޓިއަން ވޭރާ ބުނެފައިވެއެވެ. މި ހާދިސާއާ ގުޅިގެން ގިލްގެ އަންހެނުން ބުނެފައިވަނީ މިއީ ހަގީގަތުގައިވެސް މުއުޖިޒާތެއް ފަދަ ކަމެއް ކަމަށެވެ.

ނަމަވެސް، ވެނެޒުއޭލާގައި ހަލާކުވެފައިވާ ގިނަ އިމާރާތްތަކުން ދިރިހުރި އެއްވެސް މީހެއްގެ ނިޝާނެއް ނުފެނުމުގެ ސަބަބުން، ގިނަ ތަންތަނުގައި މިހާރު ވަނީ މީހުން މަރުވެފައިވާކަން އަންގައިދޭ "D" އަކުރު ޖަހާފައެވެ. ސާޗް އެންޑް ރެސްކިއު މާހިރުން ބުނާ ގޮތުގައި ބިންހެލުމަށް ގިނަ ދުވަސްތަކެއް ވެފައިވުމާއި ހަލާކުވެފައިވާ ސަރަހައްދު ބޮޑުވުމުގެ ސަބަބުން، ދެން އިތުރު ބަޔަކު ދިރިހުއްޓާ ފެނުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާލައި، އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަރުހަލާއަށް ބަދަލުވަމުންނެވެ.

ބިންހެލުމުގެ ސަބަބުން ވެނެޒުއޭލާގައި ސިއްހީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އިންސާނީ އެހީދޭ ޖަމިއްޔާތަކުން ދަނީ ދެމުންނެވެ. އެ ގައުމުގެ ސިއްހީ ނިޒާމު ކުރިންވެސް ބަލިކަށިވެފައިވާއިރު، މިހާރު ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ސިއްހީ ސާމާނާއި މުވައްޒަފުންގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމިއްޔާއިން (ޑަބްލިއުއެފްޕީ) ވަނީ ބާކީ އޮތް ތިން މަސްދުވަހަށް 500،000 މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް 50 މިލިއަން ޑޮލަރު ބޭނުންވާކަމަށް ބުނެފައެވެ.

އެމެރިކާގެ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ވެނެޒުއޭލާއަށް އެހީގެ ގޮތުގައި 300 މިލިއަން ޑޮލަރު ކަނޑައަޅާފައެވެ. މިއަހަރުގެ ކުރީކޮޅު ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ ހައްޔަރުކުރި ޓްރަމްޕްގެ ސަރުކާރުން މިހާރު ތާއީދުކުރަމުންދަނީ އެ ގައުމުގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް އަށެވެ. ވެނެޒުއޭލާއަކީ ވޭތުވެދިޔަ ވިހި އަހަރު ދުވަހުވެސް އިގްތިސާދީ ބޮޑު އަނދަވަޅެއްގައި އޮތް ގައުމަކަށް ވުމުން، ބިންހެލުމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރިއަށް އޮތް އަހަރުތަކުގައި ބައިނަލްއަގުވާމީ އެހީތެރިކަން އިންތިހާއަށް ބޭނުންވާނެއެވެ.