ޣައްޒާ ގަތުލުއާންމަށް 1,000 ދުވަސް: 73،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި
އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ލޭއޮހޮރުވުން ބޮޑު ނަސްލު ނައްތާލުމުގެ އުދުވާނަށް 1،000 ދުވަސް ފުރުނުއިރު، ޣައްޒާގެ ހެލްތު މިނިސްޓްރީން މި ނާމާން ޖަރީމާތަކުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް އާންމުކޮށްފިއެވެ.
މި ހިސާބުތަކުން ދައްކާ ގޮތުގައި އިސްރާއީލާއި އެމެރިކާގެ އަސްކަރީ މެޝިނުން ޣައްޒާގެ ރައްޔިތުން ނައްތާލުމަށް ހިންގާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 73،066 ފަލަސްޠީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 21،730 ކުޑަކުދިންނާއި 11،189 އަންހެނުން ހިމެނޭއިރު، މިއީ ފަލަސްޠީނުގެ ނަސްލު ފޮހެލުމަށް ނަތަންޔާހޫ އާއި އޭނާގެ ބައިވެރިން ގަސްތުގައި ހިންގާ ސިޔާސަތެއްގެ ހެއްކެކެވެ.
މި އުދުވާނުގައި ޒަހަމްވި މީހުންގެ އަދަދު 173،514 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 45،113 ކުޑަކުދިންނާއި 24،293 އަންހެނުން ހިމެނެއެވެ. އިސްރާއީލުގެ ރަހުމެއްނެތް ހަމަލާތަކުގެ ނުބައިކަން ހާމަވާ އަނެއް ކަމަކީ، ކޮންމެ 52 މިނެޓަކުން ޣައްޒާގެ ކުޑަކުއްޖަކު ޝަހީދުވަމުންދާ ކަމެވެ. މީގެ އިތުރުން 59،054 ކުދިން ޔަތީމުވެފައިވާއިރު، ހަމަލާތަކުގެ ސަބަބުން ގުނަވަންތައް ބުރިކޮށްލަންޖެހުނު ކުޑަކުދިންގެ އަދަދު 1،134 އަށް އަރައެވެ.
ޒަޔަނިސްޓުންގެ މި އިސްތިއުމާރީ ވިސްނުމުގައި ފަލަސްޠީނުގެ ރައްޔިތުންގެ ފުރާނައަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމަށް ދެކޭއިރު، މުޅި ޣައްޒާ މިހާރު ވަނީ ބޮޑު ބަހާރަކަށް ބަދަލުކޮށްފައެވެ. މިގޮތުން ޣައްޒާގެ 1.97 މިލިއަން މީހުން ކާބޯތަކެތީގެ ނުރައްކާތެރި ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންދާއިރު، 641،000 މީހުން ދިރިއުޅެމުންދަނީ ހައިހޫނުކަމުގެ އެންމެ ނުރައްކާތެރި ކާރިސާގެ ޙާލަތުގައެވެ.
ޣައްޒާގެ ސިއްހީ ނިޒާމު މުޅިން ސުންނާފަތިކޮށްލުމަށްޓަކައި އެ ސަރަހައްދުގައި ހުރި ހުރިހާ ހޮސްޕިޓަލެއް (40 ހޮސްޕިޓަލް) އަށް އިސްރާއީލުން ވަނީ ހަމަލާދީފައެވެ. މީގެ ތެރެއިން 11 ހޮސްޕިޓަލެއް މުޅިން ހިދުމަތުން ބޭރުވެފައިވާއިރު، ބާކީ ހުރި 29 ހޮސްޕިޓަލް މަސައްކަތް ކުރަމުންދަނީ އެކަށީގެންވާ ވަސީލަތްތަކާ ނުލައި ފުރިހަމަ ނޫން ގޮތެއްގައެވެ. އަދި މިހާތަނަށް ސިއްހީ ދާއިރާގެ 1،723 މުވައްޒަފުން ވަނީ ހަމަލާތަކުގައި މަރާލާފައެވެ.
އިސްރާއީލާއި އެމެރިކާގެ ވެރިން ހިންގާ މި ލާއިންސާނީ ހިސާރުގެ ސަބަބުން، ބޭސްފަރުވާއަށް ޣައްޒާއިން ބޭރަށް ދިއުން މަނާކުރުމުގެ ސަބަބުން އެކަނިވެސް 1،570 ބަލިމީހުން ވަނީ ދުނިޔެދޫކޮށްފައެވެ.
މީގެ ތެރޭގައި ކެންސަރު ބަލީގެ 505 މީހުންނާއި 264 ކުޑަކުދިން ހިމެނޭއިރު، މިއީ އެމެރިކާ އާއި އިސްރާއީލުގެ އަސްކަރިއްޔާއިން އާ ހަތިޔާރުތައް ޓެސްޓުކޮށް، ދުނިޔެއަށް ވިއްކުމަށްޓަކައި ޣައްޒާ ލެބޯޓްރީއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމުގެ ސާފު ހެއްކެކެވެ.
Ads by MACL
