އެޑްމިޓްކުރުމަށްފަހު ޖަސްމިން ބާސިން ދޫކޮށްލައިފި، މިހާރު އަންނަނީ ގޭގައި ފަރުވާހޯދަމުން
އިންޑިއާގެ މަޝްހޫރު އެކްޓްރެސް ޖަސްމިން ބާސިންގެ އުފަންދުވަސް ފާހަގަކުރުމަށް ދުބާއީއަށް ކުރި ދަތުރުގައި ކުއްލިއަކަށް ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދިނުމަށްފަހު، މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި ގޭގައި އަރާމުކުރަމުން އަންނަ ކަމަށް އޭނާ ބުނެފިއެވެ.
ޖަސްމިން އޭނާގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ދީފައިވާ އަޕްޑޭޓެއްގައި ބުނީ ހޮސްޕިޓަލުން ދޫކޮށްލުމުން މިހާރު ގޭގައި އަރާމުކުރަމުންދާ ކަމަށާއި، ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އެއްވެސް ހާސްކަމެއް ނުވަތަ ނުރައްކަލެއް ނެތް ކަމަށް ބުނެ، ސަޕޯޓަރުން ފޮނުވި ހެޔޮދުއާ އާއި މެސެޖުތަކަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ދުބާއީއަށް ފޭބި ދުވަހު ޖަސްމިން ކުއްލިއަކަށް ބަލިވީ ބަނޑުގެ ނިޒާމަށްޖެހޭ ބައްޔެއް ކަމަށްވާ "ޓާމިނަލް އިލިއައިޓިސް" (Terminal Ileitis) ޖެހި، އިންފެކްޝަން އުފެދި ބޮޑުވަރު ވުމުގެ ސަބަބުންނެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރި ޚަބަރު އެންމެ ފުރަތަމަ ސޯޝަލް މީޑިއާގައި ހިއްސާކުރީ އޭނާގެ ލޯބިވެރިޔާ އަދި އެކްޓަރު އަލީ ގޯނީއެވެ. އަލީ ބުނިގޮތުގައި ދުބާއީއަށް ދިޔައީ އުފަންދުވަސް ފާހަގަކޮށް އުފާވެރި ހަނދާންތަކެއް ބިނާކުރުމަށް ނަމަވެސް، ކަންތައް ދިމާވީ މުޅިން ދިމާ އިދިކޮޅަށެވެ.
ޖަސްމިންގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަމުން އަލީ ގޯނީ ކުރިން ބުނެފައިވަނީ، ޖަސްމިން ވޭނުގައި އުޅޭތަން ފެނުމަކީ މި ދަތުރުގައި އޭނާއަށް ކުރިމަތިވި އެންމެ ދަތުރު އުނދަގޫ ކަންތައް ކަމަށެވެ. އަދި ޖަސްމިންއަށް އެންމެ ފުރިހަމަ ފަރުވާ ލިބެމުންދާ ކަމަށާއި، އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ ޖަސްމިންގެ ކައިރީގައި ހުރުމަށް ކަމަށް ބުނެ އަލީ ވަނީ އެންމެންގެ ކިބައިން ހެޔޮދުއާއަށް އެދިފައެވެ.
Ads by MACL
