އިންޑިއާގެ ފައްޅިތަކަށް ލިބޭ ހަދިޔާ އާއި މިލްކިއްޔާތު ބަލަހައްޓާ ގޮތްތަކާ މެދު ބޮޑު ބަހުސެއް ފެށިއްޖެ
އިންޑިއާގެ އަޔޯދިޔާގައި ހުންނަ ރާމް މަންދިރަށް ލިބުނު ހަދިޔާތަކެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ބޮޑެތި ފައްޅިތަކަށް ލިބޭ ފައިސާ އާއި އެ ތަންތަނުގެ މިލްކިއްޔާތު ބަލަހައްޓާ ގޮތްތަކާ މެދު ބޮޑެތި ބަހުސްތަކެއް ފެށިއްޖެއެވެ.
އިންޑިއާގައި ގާތްގަނޑަކަށް 8 އާއި 10 ލައްކައާ ދެމެދުގެ އަދަދަކަށް ފައްޅި ހުންނައިރު، އޭގެ ތެރެއިން 4 ލައްކައެއްހާ ފައްޅި އާއި އެ ތަންތަނުގެ ޓްރަސްޓްތައް ހިންގަނީ ސްޓޭޓް ސަރުކާރުތަކުގެ ޚާއްސަ ދީނީ ގާނޫނުތަކާއި އިންޑިއަން ޓްރަސްޓް އެކްޓް 1882 ގެ ދަށުންނެވެ. މި ފައްޅިތަކުގެ މިލްކިއްޔާތުގެ އަގު 9 ލައްކަ ކްރޯޑް ރުޕީސްއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
އިންޑިއާގެ ސްޓޭޓްތަކުގެ ތެރެއިން އެންމެ ގިނަ ފައްޅި ރަޖިސްޓްރީކޮށްފައިވަނީ 79،154 ފައްޅިއާއެކު ޓަމިލް ނާޑޫގައެވެ. އުއްތަރު ޕްރަދޭޝްގައި އެކަނިވެސް 37،500 އަށްވުރެ ގިނަ ފައްޅި ހުރިއިރު، ކާޝީ، އަޔޯދިޔާ، އަދި މަތުރާގައި ހުންނަ މުހިންމު ތިން ފައްޅިއެއް ހިންގަނީ ސަރުކާރުގެ ފުރިހަމަ ނުވަތަ ބައެއް ކޮންޓްރޯލްގެ ދަށުންނެވެ. އަޔޯދިޔާގެ ރާމް މަންދިރާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމަކަށްފަހު، މޯދީގެ މަރުކަޒީ ސަރުކާރުން ވަނީ އެތަނުގެ ފައިސާ ބެލެހެއްޓުމަށް 15 މެންބަރުންގެ ޓްރަސްޓެއް އުފައްދާފައެވެ. ނަމަވެސް، ބައެއް ގާނޫނީ މާހިރުން ބުނާ ގޮތުގައި ފައްޅިތައް ހިންގުމުގެ ތެރެއަށް ސަރުކާރު ވަނުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެކެވެ.
އިންޑިއާގައި އެންމެ ގިނައިން ހަދިޔާ ލިބޭ ތިރުމަލާ ތިރުޕަތީ ފައްޅިއަށް އަހަރަކު 1,880 ކްރޯޑް ރުޕީސް ހަދިޔާގެ ގޮތުގައި ލިބޭއިރު، އޮންލައިން ޓިކެޓާއި އެހެނިހެން ޚިދުމަތްތަކުން 1,000 ކްރޯޑް ރުޕީސް ލިބެއެވެ. މި ފައްޅީގެ ޖުމްލަ މިލްކިއްޔާތު 3 ލައްކަ ކްރޯޑް ރުޕީސްއަށްވުރެ މައްޗަށް އަރާއިރު، ބޭންކު އެކައުންޓުތަކުގައި 10 ޓަނަށްވުރެ ގިނަ ރަން ރައްކާކޮށްފައިވެއެވެ. މި ފަދަ ބޮޑެތި ތަންތަނުގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ޔޫޕީއައި (UPI) މެދުވެރިކޮށް ޑިޖިޓަލްކޮށް ހަދިޔާ ބަލައިގަތުމުގެ ނިޒާމުތައް މިހާރު ދަނީ ވަރުގަދަކުރަމުންނެވެ.
ހަދިޔާގެ ގޮތުގައި ލިބޭ ފައިސާ އާއި ރަނާއި ރިހި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބައެއް ފައްޅިތަކުގައި ވަރުގަދަ ސެކިއުރިޓީ ފިޔަވަޅުތަކެއް އަޅައެވެ. އެގޮތުން ވައިޝްނޯ ދޭވީ ފައްޅިއަށް އަހަރަކު 250 ކްރޯޑް ރުޕީސް ލިބޭއިރު، އެތަނަށް ލިބޭ ފައިސާ ގުނަނީ ޕެރަމިލިޓަރީ ސެކިއުރިޓީގެ ދަށުން، ޖީބު ނުހުންނަ ޚާއްސަ ހެދުން ލައިގެން ތިބޭ މުވައްޒަފުން ބޭނުންކޮށްގެން ސީސީޓީވީ ކެމެރާތަކުގެ ކުރިމަތީގައެވެ. އަދި ލިބޭ ރަނާއި ރިހީގެ ހަދިޔާތައް ބޭންކުތަކާއި ސަރުކާރުގެ ކުންފުންޏެއްގެ ބެލުމުގެ ދަށުން ވިރުވައި، ޚާއްސަ ފައިސާ ފޮތި ފަރުމާކުރެއެވެ.
ދުނިޔޭގެ ވެލްތު އިންޑެކްސްގެ ފަހުގެ ހިސާބުތަކަށް ބަލާއިރު، އިންޑިއާގެ އެންމެ މުއްސަނދި 10 ފައްޅީގެ ޖުމްލަ މިލްކިއްޔާތު 9 ލައްކަ ކްރޯޑް ރުޕީސްއަށްވުރެ ގިނައެވެ. ރަނުގެ އަގު އުފުލުމާއި އަޅުވެރިންގެ ހަދިޔާތައް އިތުރުވުމަކީ މި ތަންތަނުގެ މުއްސަނދިކަން ފާއިތުވި ދެ އަހަރު ތެރޭގައި ވަރަށް ބޮޑަށް އިތުރުވާން ދިމާވި ސަބަބެކެވެ. ނަމަވެސް، އެތައް ބިލިއަން ބައެއްގެ އަގީދާއާ ގުޅިފައިވާ މި ފަދަ ބޮޑެތި ފަންޑުތައް ހިންގުމުގައި ހުރި ނިޒާމީ މައްސަލަތަކާއި ބަހުސްތަކަށް އަދިވެސް ދާއިމީ ހައްލެއް ހޯދިފައެއް ނުވެއެވެ.
Ads by MACL
