ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޚާމަނާއީގެ ޖަނާޒާގައި އިސްވެރިން ކަރުނައަޅުއްވައި ކީރިތި ކުރައްވަނީ

ޚާމަނާއީގެ ޖަނާޒާގައި އިސްވެރިން ކަރުނައަޅުއްވައި ކީރިތި ކުރައްވަނީ

އެމެރިކާއާއި އިސްރާއީލުން މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު ދިން ޙަމަލާތަކެއްގައި އަވަހާރަކޮށްލި އީރާނުގެ އެންމެ މަތީ ވެރިޔާ އަޔާތުﷲ ޢަލީ ޚާމަނާއީއަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމުގެ ރަސްމިއްޔާތު ތެހެރާންގައި ފަށައިފައިވާއިރު، ތެހެރާންގެ ގްރޭންޑް މުޞައްލާގައި ކުރިއަށްދާ މި ޚާއްޞަ ރަސްމިއްޔާތުގައި އީރާނުގެ ޕާލަމަންޓްގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް އާއި ޚާރިޖީ ވަޒީރު ޢައްބާސް އަރާޤްޗީ ފުން އަސަރާއެކު ކަރުނައަޅުއްވައި ކީރިކުރައްވައިފިއެވެ.

އެން.ޑީ.ޓީ.ވީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޖަނާޒާގެ ރަސްމިއްޔާތުތަކަށް ސަލާމަތީގޮތުން އެންމެ މަތީ ދަރަޖައިގެ ފިޔަވަޅުތައް އަޅާފައިވާކަމަށް ތެހެރާންގެ ގަވަރުނަރު މުޙައްމަދު ޞާދިޤް މުތަމަދިއަން ވަނީ ވިދާޅުވެފައެވެ. މިގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު 6 ޖަހާއިރުން ފެށިގެން މުޞައްލާގެ ދޮރުތައް އާންމުންނަށް ހުޅުވާލާނެ ކަމަށާއި، މި ޖަނާޒާއާ ގުޅިގެން ޢިރާޤުގެ ބަޣުދާދު ވެސް ބަންދުކުރުމަށް އެ ސިޓީގެ ގަވަރުނަރު ނިންމާފައިވާ ކަމަށް ފާރްސް ނިއުސްއާ ޙަވާލާދީ ބުނެފައިވެއެވެ.

ދުނިޔޭގެ އެކި ކޮޅުތަކުން ބޮޑެތި ވަފުދުތައް މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ތެހެރާނަށް ދަނީ ޖަމާވަމުންނެވެ. އޭގެ ތެރޭގައި ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއަރމަން ޑިމިޓްރީ މެޑްވެޑޭވް އާއި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާއި، އިރާޤުގެ ރައީސް ނިޒާރު އާމެދީ ގެ އިތުރުން އިންޑިއާގެ ރަސްމީ ވަފުދެއް ވެސް ބައިވެރިވެފައިވެއެވެ. އީރާނުގެ ޚާރިޖީ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ހާމަކުރި ގޮތުގައި މަދުވެގެން ބޭރުގެ 8 ޤައުމެއްގެ ވެރިންނާއި، ލީޑަރުންގެ އިތުރުން 12 ޤައުމެއްގެ ޕާލަމަންޓް ރައީސުން މިހާތަނަށް ވަނީ ވަޑައިގެންފައެވެ.

ނަމަވެސް، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން މި ޢުދުވާނީ ޙަމަލާއަށް ރަސްމީކޮށް ތާއީދުކުރި ޔޫރަޕްގެ އެއްވެސް ޤައުމަކަށް މި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދަޢުވަތު ދީފައިނުވާކަން އީރާނުގެ ޚާރިޖިއްޔާއިން ވަނީ ސާފުކޮށްދީފައެވެ.

ޕްރެސް ޓީވީން ރިޕޯޓުކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ބާއްވާ އެކި ރަސްމިއްޔާތުތަކާއި ހިނގާލުންތަކުގައި ބައިވެރިވުމަށް 15 މިލިއަނާއި 20 މިލިއަނާ ދެމެދުގެ ޢަދަދަކަށް ހިތާމަވެރިން ޖަމާވާނެއެވެ. ހޯމަ ދުވަހު ތެހެރާންގައި ބާއްވާ ބޮޑު ހިނގާލުމަށްފަހު، ޤުމް، ބަޣުދާދު، ކަރުބަލާ އަދި ނަޖަފްގައި ވެސް ޚާއްޞަ ރަސްމިއްޔާތުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޚާމަނާއީގެ ހަށިގަނޑު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 9 ވަނަ ދުވަހު މަޝްހަދުގައެވެ.