ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޗައިނާގެ ސިއްރު ފައްޅިއެއްގެ ލީޑަރު 9 އަހަރުގެ ޖަލު ހުކުމަކަށްފަހު މިނިވަންކޮށްފި

ޗައިނާގެ ސިއްރު ފައްޅިއެއްގެ ލީޑަރު 9 އަހަރުގެ ޖަލު ހުކުމަކަށްފަހު މިނިވަންކޮށްފި

ޗައިނާގެ އިރުމަތީ ޒެޖިއަންގް ޕްރޮވިންސްގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރި މަޝްހޫރު ޕާސްޓަރ ޒިންގް ވެންޝިއަންގް، ގާތްގަނޑަކަށް ދިހަ އަހަރު ޖަލުގައި ހޭދަކުރެއްވުމަށްފަހު މިނިވަންކޮށްފިއެވެ.

ޗައިނާގެ ދީނީ މިނިވަންކަމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާޢަތެއް ކަމަށްވާ "ޗައިނާއެއިޑް" އިން ހާމަކޮށްފައިވާ ގޮތުގައި، އޭނާ ޖަލުން ދޫކޮށްލާފައިވަނީ އިއްވާފައިވާ 9 އަހަރުގެ ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.

ޒިންގް ހައްޔަރުކުރެވުނީ 2015 ވަނަ އަހަރު ޒެޖިއަންގް ސަރުކާރުން "ޣައިރު ޤާނޫނީ ޢިމާރާތް ތަޅާލުން" ގެ ނަމުގައި ފައްޅިތަކުގެ މަތިން ސަލީބުތައް ނަގަން ފެށި ހަރަކާތްތަކާ ދެކޮޅު ހެދުމާ ގުޅިގެންނެވެ. އެ ކެމްޕެއިނާ ދެކޮޅަށް ޤާނޫނީ މަގުން ޙައްޤު ހޯދަން މަސައްކަތްކުރެއްވުމުން، 2015 ޖުލައި މަހުގެ ތެރޭގައި ޒިންގް އާއި އޭނާގެ ފިރިކަލުން ޕާސްޓަރ ބާއޮ ގުއޯހުއާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

އޭގެ ފަހުން 2016 ވަނަ އަހަރު އެ ޤައުމުގެ ކޯޓުން ޒިންގްގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އަދި ބާއޮގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.

އެ ދެމަފިރިންގެ މައްޗަށް ދައުލަތުން އުފުލީ ފައިސާއަށް ޚިޔާނާތްތެރިވުމާއި އިޖުތިމާޢީ ހަމަނުޖެހުން އުފެއްދުމުގެ ދައުވާއެވެ. ނަމަވެސް ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނަމުންދަނީ އެއީ ސަރުކާރާ ދެކޮޅުވުމުން ދިން ސިޔާސީ އަދަބެއް ކަމަށެވެ.

ޖަލުގައި ހުރި ދުވަސްވަރު ހުކުމުން 2 އަހަރު އުނިކޮށްދިނުމާ ގުޅިގެން، 9 އަހަރުގެ ޖަލު ދުވަސްތައް ހަމަކުރުމަށްފަހު ޒިންގް މިނިވަންވި ނަމަވެސް، އޭނާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެނޮކަމަށް ބޮޑެތި އަސަރުތަކެއް ވަނީ ކޮށްފައެވެ. ޖަލަށްލީއިރު ކަޅުކޮށް ހުރި އޭނާގެ އިސްތަށިގަނޑު މިހާރު މުޅިން ހުދުވެފައިވާއިރު، ޖަލުގައި ހުއްޓާ މަންމަ އަވަހާރަވުމުން ޖަނާޒާގައި ބައިވެރިވުމުގެ ފުރުޞަތެއްވެސް ސަރުކާރުން ނުދެއެވެ. އެހެންކަމުން މިނިވަންވުމަށްފަހު އޭނާ އެންމެ ފުރަތަމަވެސް ކުރި ކަމަކީ މަންމަގެ މަހާނައަށް ޒިޔާރަތްކުރުމެވެ.

މިނިވަންވި ނަމަވެސް ޒިންގްއަށް އަމާން ދިރިއުޅުމެއް ލިބިފައެއް ނުވެއެވެ. އޭނާ 30 އަހަރު ވަންދެން ޚިދުމަތްކުރި "ހޯލީ ލަވް ކްރިސްޗަން ޗަރޗް" ގެ ވެރިކަން ސަރުކާރުން އައްޔަންކުރި ލީޑަރުންގެ ދަށަށް ބަދަލުކޮށްފައިވާތީ، މިހާރު އޭނާއަށް ފައްޅީގައި އުޅުމާއި މިންބަރުން ވާހަކަދެއްކުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން 1.39 މިލިއަން ޔުއާން (ގާތްގަނޑަކަށް 200,000 އެމެރިކާ ޑޮލަރު) ގެ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހިފައިވާއިރު، އާމްދަނީއެއް ނެތް އޭނާއަށް މިއީ ބޮޑު ތަކުލީފެކެވެ. ފުލުހުން އޭނާގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންދާއިރު، އޭނާއަށް ޒިޔާރަތްކުރާ މީހުންނަށްވެސް ފުލުހުންގެ އިންޒާރުތައް ދަނީ ލިބެމުންނެވެ.

ޒިންގް މިނިވަންވި ނަމަވެސް، އޭނާގެ ފިރިކަލުން ޕާސްޓަރ ބާއޮ ގުއޯހުއާ އަދިވެސް ހުރީ ޖަލުގައެވެ. އޭނާގެ ހުކުމްގެ މުއްދަތު ދިގުވުމުގެ ސަބަބުން މިނިވަންވުމަށް އަދި ގިނަ އަހަރުތަކެއް ހޭދަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިފަދަ ހާދިސާތައް ޗައިނާގެ އެކި ހިސާބުތަކުގައި ދަނީ ހިނގަމުންނެވެ. "ދަ ގާޑިއަން" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާގެ ސައުތްވެސްޓް ސަރަހައްދުގައި ހިންގާ "އާލީ ރެއިން ކޮވެނަންޓް ޗަރޗް" ގެ ލީޑަރު ލީ ޔިންގްޗިއަންގް އާއި އޭނާގެ އަނބިކަނބަލުންވެސް ދާދިފަހުން ވަނީ ހައްޔަރުކޮށްފައެވެ. މިއީ އެ ޤައުމުގައި ރަޖިސްޓްރީނުކޮށް ހިންގާ ސިއްރު ފައްޅިތަކަށް ސަރުކާރުން ދޭ ޕްރެޝަރު އިތުރުވަމުންދާ ކަމުގެ ހެއްކެކެވެ.

ޗައިނާގައި މިހާރު 60 މިލިއަނަށްވުރެ ގިނަ ކްރިސްޗަނުން އުޅޭއިރު، ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ދީނީ ހަރަކާތްތަކެއް ސަރުކާރުން ރަސްމީކޮށް ބަލައިގަންނަ "ތްރީ-ސެލްފް ޗަރޗް" ގެ ދަށުން ހިންގުމެވެ. އަދި ސަރުކާރުގެ މި ނިންމުމަށް ދެކޮޅުހަދާ ފަރާތްތަކަށް ޖަލު ހުކުމްތަކާއި، ސައްތައުދާސް ފާރަވެރިވުމާއި، އިޖުތިމާޢީ ގޮތުން ބައިކޮޓްކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކާ ކުރިމަތިލާން ޖެހެއެވެ.