ފްރާންސްގެ މިއުޒިއަމަކުން 4 މިލިއަން ޔޫރޯގެ އަގުހުރި ޖަވާހިރު ވަގަށް ނަގައިފި
ފްރާންސްގެ އިރުއުތުރުގައި އޮންނަ ވިންގެން-ސޫރް-މޮޑަރގައި ހުންނަ މަޝްހޫރު ގްލާސް އާޓިސްޓް ރެނޭ ލަލީކްގެ މިއުޒިއަމުން، މާސްކު އަޅައިގެން ތިބި ވަގުންގެ ގްރޫޕަކުން ގާތްގަނޑަކަށް 4 މިލިއަން ޔޫރޯގެ އަގުހުރި ކްރިސްޓަލް ޖަވާހިރުތަކެއް ވަގަށް ނަގައިފިއެވެ.
އާދީއްތަ ދުވަހުގެ ހެނދުނު 5:30 ހާއިރު ހިނގި މި ހާދިސާގައި، ވަގުން ވަނީ މިއުޒިއަމްގެ ޖަވާހިރު ބަހައްޓާފައި ހުންނަ ކޮޓަރިއަށް ބާރުގެ ބޭނުންކޮށްގެން ވަދެ، ހަ ޑިސްޕްލޭ ކޭސް ބިންދާލުމަށްފަހު އޭގެ ތެރެއިން 20 އަށްވުރެ ގިނަ ތަކެތި ހިފައިގެން ފިލާފައެވެ.
މި ހާދިސާގައި ގެއްލުނު ތަކެތީގެ ރަސްމީ އަގު އަދި ކަނޑަނޭޅުނު ނަމަވެސް، ތަހުގީގީ އިދާރާތަކުން ލަފާކުރާ ގޮތުގައި މި ވައްކަމުގެ ސަބަބުން ލިބުނު ގެއްލުން ބައެއް މިލިއަން ޔޫރޯއަށް އަރާނެއެވެ. ވަގަށް ނެގި ޖަވާހިރަކީ ހުސް ކްރިސްޓަލް އިން ހަދާފައި ހުރި ތަކެތި ކަމަށާއި، އޭގައި އަގުބޮޑު މައުދަނެއް ނުވަތަ ޖަވާހިރެއް ނެތުމުގެ ސަބަބުން، އާންމުކޮށް ވަގަށް ނަގާ ރަންގަނޑާއި ޖަވާހިރު ވިއްކާލާ ގޮތަށް މި ތަކެތި ނައްތާލައިގެން ބާޒާރުގައި ވިއްކުން ވަރަށް ދަތިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
Ads by BMLމި ވައްކަން ހިނގި ވަގުތު މިއުޒިއަމްގެ އެލާމް ސިސްޓަމްތައް ރަނގަޅަށް މަސައްކަތް ކުރި ނަމަވެސް، ސެކިއުރިޓީ ބަލަހައްޓާ ކުންފުނިން ވަގުތުން ފިޔަވަޅު އަޅާފައެއް ނުވެއެވެ. މިއުޒިއަމަށް ވައްކަން ކުރިކަން އެންމެ ފުރަތަމަ އެނގުނީ ހެނދުނު އެތަން ސާފުކުރަން އައި މުވައްޒަފަކަށް ކަމަށާއި، ފުލުހުންނަށް ރިޕޯޓުކުރީ ވެސް އެ މުވައްޒަފު ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާއާ ގުޅިގެން ތަހުގީގު ކުރިއަށްދާތީ މިއުޒިއަމް މިހާރު ވަނީ އެތައް ދުވަހަކަށް ބަންދުކޮށްފައެވެ.
ރަށުގެ މޭޔަރު ކްރިސްޓިއަން ޑޯޝްނަރ ވިދާޅުވި ގޮތުގައި، އެލާމް ޖެހުމާއެކު ސެކިއުރިޓީ ކުންފުނިން ފުލުހުންނަށް ނޭންގުމަކީ އެ ފަރާތުން ހިނގި ބޮޑު އިހުމާލެކެވެ. އަދި މި ވައްކަން ކޮށްފައިވަނީ މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ތަމްރީނުވެ، ކުރިއާލާ ރަނގަޅަށް ޕްލޭންކޮށްގެން އައި "ސްޕެޝަލިސްޓް" ގްރޫޕަކުން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. 2011 ވަނަ އަހަރު ހުޅުވި ލަލީކް މިއުޒިއަމަކީ ރެނޭ ލަލީކް އާއި އޭނާގެ ދަރިކަލުންގެ 650 އަށްވުރެ ގިނަ ހާއްސަ ކްރިސްޓަލް އުފެއްދުންތައް ރައްކާކޮށްފައިވާ ތަނެކެވެ.
މި ހާދިސާ ހިނގާފައި މިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޕެރިސްގެ ލޫވްރް މިއުޒިއަމުން ފްރާންސްގެ ރަސްރަސްކަލުންގެ އަގުބޮޑު ޖަވާހިރުތަކެއް ވަގަށް ނެގި މަޝްހޫރު ހާދިސާއަށް ފަހުގައެވެ. ލޫވްރް މިއުޒިއަމްގެ ވައްކަމުގައި ނެޕޯލިއަން III ގެ އަނބިކަނބަލުންގެ ޓިއާރާ އާއި ބްރޯޗްގެ އިތުރުން އެމްޕްރެސް މަރީ ލުއީޒްގެ އެމެރަލްޑް ކަރުހަމަ ވެސް ވަނީ ވަގަށް ނަގާފައެވެ.
އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކުރެވުނު ނަމަވެސް، ވައްކަމުގެ އަޑީގައި ހުރި މާސްޓަރމައިންޑް އަދިވެސް ހޯދިފައެއް ނުވެއެވެ.
Ads by MACL
