ކެނެޑާގެ ސިކުންގެ ލީޑަރު އަވަހާރަކޮށްލަން އަމުރުކުރި އިންޑިއާގެ ގޭންގު ލީޑަރެއްގެ މައްޗަށް އެމެރިކާއިން ދައުވާކޮށްފި
ކެނެޑާގެ ސިކުންގެ ލީޑަރު އަވަހާރަކޮށްލަން އަމުރުކުރި އިންޑިއާގެ ގޭންގު ލީޑަރެއްގެ މައްޗަށް އެމެރިކާއިން ދައުވާކޮށްފިއެވެ.
އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިންޑިއާގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ނުރައްކާތެރި ގޭންގު ލީޑަރެއް ކަމަށްވާ ލޯރެންސް ބިޝްނޯއީ އާއި އޭނާގެ އުތުރު އެމެރިކާގެ ޑެޕިއުޓީ ސަތިންދަރުޖީތު ސިންގް (ގޯލްޑީ ބްރާރް) ގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލާފައެވެ.
މި ދެމީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ 2023 ވަނަ އަހަރު ކެނެޑާގައި ސިކުންގެ ވަކިވެގަންނަން އުޅޭ ލީޑަރެއް ކަމަށްވާ ހަރުދީޕް ސިންގް ނިއްޖާރު މަރާލަން އަމުރުކުރި ކަމުގެ ތުހުމަތުގައެވެ. މި މައްސަލައާ ގުޅިގެން ލޮސް އެންޖެލިސްގެ ފެޑެރަލް ކޯޓުން ވަނީ މިކަމާ ގުޅޭ ލިޔެކިޔުންތައް އާންމުކޮށްފައެވެ.
އެމެރިކާގެ ތަހުގީގީ އިދާރާތަކުން ހާމަކުރި ގޮތުގައި، ބިޝްނޯއީ މި ޖަރީމާ ހިންގާފައިވަނީ އިންޑިއާގެ ޖަލު ގޮޅީގައި ހުރެގެން، ސިއްރުން ބޭނުންކުރި މޯބައިލް ފޯނުތަކެއްގެ އެހީގައެވެ. އޭނާ ވަނީ ނިއްޖާރުގެ ފޮޓޯއާއި އޭނާ އުޅޭނޫޅޭ ބައެއް އެޑްރެސްތައް މިކަމުގައި ބައިވެރިވި އެހެން މީހަކަށް ފޯރުކޮށްދީ، އޭނާ މަރާލުމުގެ ކަންކަން ރާވާފައެވެ. އަދި ބިޝްނޯއީގެ ކުޑައިރުގެ ރަހުމަތްތެރިއެއް ކަމަށްވާ ގޯލްޑީ ބްރާރް ވަނީ އުތުރު އެމެރިކާގައި ހަރަކާތްތެރިވާ މި ގޭންގުގެ އޮޕަރޭޝަންތައް ބަލަހައްޓާފައެވެ.
ނިއްޖާރު މަރާލި މައްސަލައާ ގުޅިގެން ކެނެޑާ އާއި އިންޑިއާއާ ދެމެދު އޮތް ބައިނަލްއަގުވާމީ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔައެވެ. އެގޮތުން ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މީގެ ކުރިން ތުހުމަތު ކުރެއްވި ގޮތުގައި މި މަރުގެ ފަހަތުގައި އިންޑިއާ ސަރުކާރުގެ އެޖެންޓުންގެ އަތެއްވެއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރިއެވެ. މިހާރު އެމެރިކާއިން ނެރުނު ދައުވާގައި އިންޑިއާ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް ބުނެފައެއް ނުވެއެވެ.
މި މައްސަލައަކީ އެމެރިކާ އާއި ކެނެޑާގެ ސަލާމަތީ ބާރުތަކުން ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ބައެކެވެ. މި އޮޕަރޭޝަނުގައި އިންޑިއާއަށް ނިސްބަތްވާ ތިން ގޭންގަކާ ގުޅުންހުރި 37 މީހެއްގެ މައްޗަށް އެކި ބާވަތުގެ ކުށްތަކުގެ ދައުވާ އުފުލާފައިވާއިރު، އޭގެ ތެރެއިން 24 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ކެނެޑާގެ ފުލުހުން ވެސް މީގެ ކުރިން އިންޑިއާގެ ހަތަރު ރައްޔިތަކު މި މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވެއެވެ.
މިހާރު ކެނެޑާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެން ހުންނެވި މާކް ކާނީގެ ޒައާމަތުގައި އިންޑިއާ އާއި ކެނެޑާގެ ގުޅުން އަލުން ރަނގަޅުވާން ފަށާފައިވާކަން ފާހަގަކުރެވެއެވެ. އޭނާ ފެބްރުއަރީ މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއެކު ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުންތަކެއް ގާއިމުކުރުމުގެ މަޝްވަރާތައް ވަނީ ފެށިފައެވެ. ނަމަވެސް، ކެނެޑާގައި އުޅޭ ބައެއް ސިކް ޖަމާއަތްތަކުން ދެކޭގޮތުގައި ކެނެޑާ ސަރުކާރުން ދަނީ އިންޑިއާގެ ނުފޫޒުން ސިކް ރައްޔިތުން ރައްކާތެރިކޮށްދިނުމުގައި ފަސްޖެހެމުންނެވެ.
Ads by MACL
