ކަރާޗީއަށް ދަތުރުކުރަނިކޮށް ގެއްލުނު ކާގޯ ބޯޓުގެ ބައިތައް އަރަބި ކަނޑުން ފެނިއްޖެ
ރޭގެ ވަގުތެއްގައި މުއާސަލާތީ ގުޅުން ކެނޑިގެން ހޯދަމުންދިޔަ ޕާކިސްތާނުގެ ކާގޯ މަތިންދާބޯޓު ވެއްޓިފައިވަނީ އަރަބި ކަނޑަށް ކަން ކަށަވަރުވެ، އެ ބޯޓުގެ ބައިތައް ކަނޑުމަތިން ފެނިއްޖެ ކަމަށް އެ ގައުމުގެ އެއާޕޯޓްސް އޮތޯރިޓީން މިއަދު ހާމަކޮށްފިއެވެ.
ޔޫއޭއީގެ ޝާރްޖާ އިން ފުރައިގެން ކަރާޗީއަށް މިސްރާބު ޖަހާފައިވަނިކޮށް ގެއްލުނު މި އުޅަނދުގެ ބައިތައް ފެނުނު ނަމަވެސް، އޭގައި ތިބި ފަސް ފަޅުވެރިން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ހުއްޓުމެއް ނެތް ކުރިއަށެވެ.
ޕާކިސްތާން އެއާޕޯޓްސް އޮތޯރިޓީ (ޕީއޭއޭ) އިން ބުނި ގޮތުގައި، ބޯޓުގެ ރާޑަރު ސިގްނަލް ގެއްލުމުގެ ކުރިން، އޭގެ ނެވިގޭޝަން ސިސްޓަމަށް މައްސަލައެއް ދިމާވެގެން އުޅޭކަމުގެ ރިޕޯޓެއް ލިބިފައިވެއެވެ. އަދި އެކަން އެންގުމަށްފަހު، ބޯޓުގެ އުސްމިން ވަރަށް ބާރު މިސްރާބެއްގައި ދަށަށް ދާން ފެށިކަން ފްލައިޓް ޑޭޓާތަކުން ދައްކާ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރިއެވެ.
Ads by BMLމި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ނޭވީ އާއި މެރިޓައިމް ރެސްކިއު އެޖެންސީން ގުޅިގެން ހިންގި 12 ގަޑިއިރުގެ ވަރުގަދަ ސާޗް އޮޕަރޭޝަނެއްގައި، "ކޭ2 އެއާވޭސް" ގެ މި ބޯޓުގެ ބައިތައް ހޯދައި، އެއީ ވެއްޓުނު ބީ737 މަރުކާގެ ބޯޓުގެ ބައިތައްކަން މިހާރު ވަނީ ކަށަވަރުކުރެވިފައެވެ.
މި ތަކެތި ފެނިފައިވަނީ ޕާކިސްތާނުގެ ދެކުނު އައްސޭރިފަށުގެ ރަށެއް ކަމަށްވާ އޮރްމާރާ ކައިރިން، ކަރާޗީގެ ހުޅަނގުން ގާތްގަނޑަކަށް 155 ނޯޓިކަލް މޭލު ބޭރުން އަރަބި ކަނޑުގެ ތެރެއިންނެވެ.
އޭވިއޭޝަން އިދާރާތަކުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ކަނޑުން ނެގި ބޯޓުގެ ބައިތަކުން "K2 Air" ގެ ލޯގޯ ސާފުކޮށް ފެންނަން ހުއްޓެވެ. ފްލައިޓްތައް ޓްރެކްކުރާ ބައިނަލްއަގުވާމީ ހިދުމަތެއް ކަމަށްވާ ފްލައިޓްރާޑާގެ ރިޕޯޓުތައް ބުނާގޮތުން، ބޯޓުގެ އުސްމިން އެންމެ ފުރަތަމަ ދަށްވުމަށްފަހު އަލުން މައްޗަށް އެރުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އޭގެ ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެވަނަ ފަހަރަށް ކުއްލިއަކަށް އަދި ވަރަށް ބާރަށް ތިރިއަށް ގޮސް ބޯޓުގެ ސިގްނަލް މުޅިން ކެނޑުނީއެވެ.
މި ހާދިސާ ކުރިމަތިވި ކޭ2 އެއާވޭސް އަކީ ޕާކިސްތާނުގެ އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ ކާގޯ ދަތުރުތައް ބާއްވާ އަމިއްލަ އެއާލައިނެކެވެ. ރެކޯޑުތަކުން ދައްކާ ގޮތުގައި 1999 ވަނަ އަހަރު އުފެއްދި މި ބޯޓަކީ ކުރިން އޭރޯފްލޮޓް އަދި ގަރޫޑާ އިންޑޮނީޝިއާގައި ފަސިންޖަރުން އުފުލަން ބޭނުންކުރި ބޯޓެކެވެ. އޭގެފަހުން މި ބޯޓު ކާގޯ އުފުލާ އުޅަނދަކަށް ބަދަލުކުރީ 2012 ވަނަ އަހަރުގައެވެ.
ޕާކިސްތާނުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަކީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާފައިވާ ތާރީހެއް އޮތް ދާއިރާއެކެވެ.
ސަލާމަތީ މިންގަނޑުތަކާއި ޕައިލެޓުންގެ ލައިސަންސްގެ މައްސަލަތަކާ ހުރެ ޔޫރަޕިއަން ޔޫނިއަނުން ޕާކިސްތާނުގެ ގައުމީ އެއާލައިން އެ ސަރަހައްދުގެ ވައިގެ ސަރަހައްދަށް ވަނުން މަނާކުރި ނަމަވެސް، ހަތަރު އަހަރަށްފަހު 2024 ވަނަ އަހަރު އެ ފިޔަވަޅުތައް ވަނީ އުވާލައިފައެވެ.
Ads by MACL
